
އާއިލާއިން މިހެން ބުނެފައިމިވަނީ ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ބަޔާނެއް ނެރެފައިވަނިކޮށެވެ.
ފުލުހުން ބުނީ ޔުމްނު އާ ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް އަދިވެސް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ހިއްސާކޮށްފައި ނުވާ ކަމަށާއި ޔުމްނު އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރި އިރު އެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނުގައިވެއެވެ.
މިވާހަކަތަކަށް ރައްދުދީ ޔުމްނުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ ޔުމްނުގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށާއި ހާލު ރަނގަޅުވަމުން އަންނަނީ ލަސްކޮށްކަމަށެވެ. އަދި ލިބިފައިވާ ޒަހަމްތަކުގެ އިތުރުން ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމަށްވެސް ފަރުވަ ހޯދަމުން އަންނަކަން ޔުމްނުގެ އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުންނަށް އެއްބާރުލުން ނުދޭކަމަށް ބުނާ ވާހަކަތައްވެސް ޔުމްނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ފުލުހުންގެ ޓީމު މެލޭޝިޔާއަށް އައިފަހުން ތަކްރާރުކޮށް އެތައް ފަހަރަކު ބައްދަލުކުރިކަން ޔުމްނުގެ އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްބާރުލުން ނުދޭކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ނެރުމުގެ 30 މިނެޓްކުރިންވެސް ފުލުހުންގެ ޓީމާ ބައްދަލުކޮށް ޔުމްނުގެ ހާލަތު ބުނެދިންކަމަށް އެ އާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުންނަށް އެއްބާރުލުން ނުދޭ ވާހަކަ ދޮގުކޮށް ޔުމްނުގެ އާއިލާއިން ބުނީ ޔުމްނުގެ ހާލަތުގެ ނުރައްކާތެރިކަމުގެ ސަބަބުން އޭނާ އަދިވެސް އޮތީ މިވަގުތު އެއްވެސް ބަޔާނެއް ދެވޭ ހާލަތެއް ނޫންކަމަށެވެ.
އެހެންނަމަވެސް ކަމާބެހޭ އިދާރާތަކަށް އެއްބާރުލުންދީގެން ޔުމްނު އަށް އިންސާފު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް އާއިލާއިން ބުނެއެވެ.
ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް އިއްޔެ ބަންދުން ދޫކޮށްލުމަށް ފަހު އަލުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.