
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާކުރިއެވެ. މި މީހުންގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ. އެހެންނަނަމަވެސް މި މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ނިންމުމުން އެންމެންވެސް ވަނީ މިނިވަންވެފައެވެ.
މި މައްސަލައިގެ އިސްތިއުނާފު މުއްދަތު އަންނަ ހޯމަދުވަހު ހަމަވާނެއެވެވެ. މުއްދަތު ހަމަވާން އެއްދުވަހަށް ވެފައިވަނިކޮށް ޕީޖީ މިވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ނިންމިކަން ހާމަކޮށްފައެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ. އަދި އިސްތިއުނާފް މުއްދަތު ހަމަވާ އަންނަ ހޯމަ ދުވަހުގެ ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނަމަ 30 ދުވަސް ތެރޭ ދައުވާކުރަން ޖެހެއެވެ. އަދި އިސްތިއުނާފަށްވެސް މި ބާވަތުގެ މައްސަލަތަކުގައި ލިބޭނީ 30 ދުވަހެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮހެވެ. އޭނާއަށް އެ ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް އަރާފައި ހުއްޓެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ކުށް ސާބިތު ނުވާ ކަމަށެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. ހުކުމް ކުރީ، ގާޒީ އިބްރާހިމް އިހްސާން އެވެ.