ads
ކުޅިވަރު ގާނޫނު ތަސްދީގު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރު ލޭންޑްސްކޭޕަށް މިގެނެވުނީ ކިހާވަރެއްގެ ބަދަލެއްތޯ؟
ދިވެހިރާއްޖޭގެ ފުރަތަމަ ކުޅިވަރު ގާނޫނު، 2015 ވަނަ އަހަރު އުފަން ކުރުމުން އެއިރުވެސް ކުޅިވަރު އާއިލާއަށް ހިތް ހަމަޖެހުތްތަކެއް ލިބިގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެގާނޫނުގެ މައިގަނޑު މަގުސަދުތައް ހާސިލް ކުރުމުގައި މާބޮޑު މަސައްކަތްތަކެއް ކުރެވިގެން ދިޔަ މަންޒަރެއް ފެނިފައެއް ނެތެވެ. ކުޅިވަރު ގާނޫނުގެ ދަށުން ހަދަންޖެހިފައި ހުރި އެތައް ބައިލޯސްތަކެއް ހުރީ ނުހެދިއެވެ.
Advertisement

މާޒީން ފެންނަން އޮތީ ގާނޫނެއް އޮތަސް ކުޅިވަރު ތަރޭގައި ހުރި މައްސަލަތައް ހައްލުނުވެ ދިޔަ މަންޒަރެވެ. ކަންކަން ހައްލުރުކުރުމަށް މަސައްކަތް ކުރެވި ދިޔައީ އެއިރެއްގައި ތިއްބަވާ ވެރިންގެ މަސްލަހަތު އިސްކުރައްވައިގެން ވަކި ނުފޫޒުގެ ތެރެއިންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކުޅިވަރު ގާނޫނަށް ޖާގަ ދެވިފައި އޮތީ ހަމައެކަނި ފޮތް ހަރުގަނޑުންނެވެ.

 

ކުޅިވަރު ގާނޫނުގެ ފުރަތަމަ އިސްލާހް

2023 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއި އެކު މިހާރުގެ ކުޅިވަރު ވަޒީރުގެ އެޖެންޑާގެ ތެރޭގައި އެންމެ އިސްކަމެއް އޮތީ ކުޅިވަރުތެރޭގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށް ވިދާޅުވިއެވެ. ފޯކަސް ބެހެއްޓެވީ ކުޅިވަރު ގާނޫނާ ދިމަލާށެވެ.   ކުޅިވަރުތެރޭގައި ހުރި މައްސަލަ ހައްލުކުރެވެން އޮތީ ގާނޫނު އިސްލާހު ކުރެވިގެންކަމަށް ތަކުރާރުކޮށް ވިދާޅުވެގެންވެ.  

ކުޅިވަރު ވަޒީރު އިސްވެ ހުންނަވާ ކުޅިވަރު ގާނޫނަށް އިސްލާހު ހުށައެޅުއްވި ބިލްގައި ކުޅިވަރު ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަލުން ގާނޫނަށް މިގެނައީ ކޮންކޮށް އިސްލާހެއްތޯއާއި، އެބިލުން ކުޅިވަރަށް ކުރިއެރުވުމަށް މަގުކޮށީ ކޮންކަމެއްތޯ މިއީ އުފެދުނު ސުވާލުތަކެވެ. ކުޅިވަރު ބިލުން ފާހަކަވި މުހިންމު ކަމަކީ ޕެރަލިމްޕިކް ޖަމިއްޔާއެއް އުފަންވުމާއި ސްޕޯރޓްސް ކޯޕަރޭޝަންގެ ބަދަލުގައި ކުޅިވަރު ފަންޑެއް ގާއިމްކުރަން އޮތްއޮތުމެވެ.

ތަންކޮޅެއް ފުންކޮށް ވިސްނާލުމުން ޖުމްލަކޮށް ފާހަގަ ކުރެވުނީ ކުރީގެ ކުޅިވަރުގެ ގާނޫނުގެ ބައެއް މައްދާތައް ޕެރަފްރޭސްކޮށް އަނެއްކާވެސް ކުޅިވަރުތެރޭގައި މެނުޕުއުލޭޓިވް ޑޮމިނަންސްއެއް ހިފަހައްޓާ ހަމައަކުން ނަތީޖާ ނެރެން ބޭނުންވާ ބިލެއްގެ ސިފައެއްގައެވެ. ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮލިމްޕިޒަމްގެ އުސޫލާއި އަދި އިންޓަރނޭޝަނަލް ވާޑާގެ ގަވާއިދާ  ބައެއް ފުށުއެރުންތައް ހުރިކަންވެސް ފަހަގަވެއެވެ.

ކުރިވަރު ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ކުޅިވަރު ގާނޫނު ތަންފީޒު ނުކުރެވިގެންދިޔައީ ގާނޫނުގައި މައްސަލަތަކެއް ހުރެގެންކަން މި އިސްލާހުތަކުން ފާހަގަވީ ތަނެއް ނުފެނުނެވެ. މިފަހަރުގެ އިސްލާހުތަކުން ރާއްޖޭގެ ކުޅިވަރު ލޭންޑްސްކޭޕަށް ގެނެވުނު މާބޮޑު ބަދަލެއްވެސް ފާހަގައެއް ނުކުރެވުނެވެ.  

ކުޅިވަރުގެ ގާނޫނުގެ 3 ވަނަ މައްދާ އާއި އެ ގާނޫނުގެ 51 ވަނަ މާއްދާއާއި ފުށުއެރުން!

ކުޅިވަރު ގާނޫނުގެ 3 ވަނަ މައްދާ އިސްލާހު ކުރެވިފައި އޮތީ މިހެންނެވެ.

3. "ދިވެހިރާއްޖޭގެ ކުޅޭ އެއްވެސް ކުޅިވަރެއް ކުޅުމުގައި ނުވަތަ ހިންގުމުގައި އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ ކުލައަކަށް، ނުވަތަ ޖިންސަކަށް، ނުވަތަ ނިސްބަތްވާ ގައުމަކަށް، ނުވަތަ، ވާހަކަ ދައްކާ އުޅޭ ބަހަށް، ނުވަތަ އުފަންވީ ރަށަށް، ނުވަތަ ނުވަތަ އުފަންވީ އިޖުތިމާއި މަރުކަޒަކަށް، ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް، އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ. އަދި އެކަށީގެންވާ މިންވަރެއްގައި ނުވަތަ ކުޅިވަރު ހަރަކާތްތެއްގައިމެ ބައިވެރިވުމުގެ ފުރުސަތު ލިބިގެންވެއެވެ."

މިއަސާސްއަކީ އޮލިމްޕިކް ޗާޓަރުގައި ލާޒިމްކުރާ ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮލިމްޕިޒަމްގެ އަސާސްއެވެ.

Fundamental Principles of Olympism

4. The practice of sport is a human right. Every individual must have access to the practice of sport, without discrimination of any kind in respect of internationally recognized human rights within the remit of the Olympic Movement. The Olympic spirit requires mutual understanding with a spirit of friendship, solidarity and fair play

6. The enjoyment of the rights and freedoms set forth in this Olympic Charter shall be secured without discrimination of any kind, such as race, color, sex, sexual orientation, language, religion, political or other opinion, national or social origin, property, birth or other status

51 ވަނަ މާއްދާ: މަސްލަހަތު ފުށުއެރުން

"(ހ) މިގާނޫނުގެ ދަށުން ރަޖިސްޓްރީކުރެވޭ ކުޅިވަރު ޖަމިއްޔާއެއްގެ ނުވަތަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މަގާމަކަށް ނުވަތަ މަސްއޫލުވެރި މަޤާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެފަރާތެއް އަދާކުރާ ވަޒީފާއެއްގެ ހައިސިއްޔަތުން މަސްލަހަތު ފުށުއަރާ ހާލަތެއްގައި ހުރި އެއްވެސް ފަރާތަކަށް، އެފަދަ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ."

ގާނޫނުގެ 3 ވަނަ މާއްދާގައި ތަފްސީލީގޮތެއްގެ އޮލިމްފިޒަމްގެ އަސާސްތައް ތަންމިނަށް ކަށަވަރުކޮށް ދީފަ އެބައޮތެވެ. ހަމައެއާއިއެކު 51 ވަނަ މާއްދާއިން މިފެންނަނީ އޮލިމްޕިއަޒަމްގެ މައިގަނޑު އެއަސާސްތައް ހަނިކުރުމުގެ ރޫހެވެ. މިކަމަށް އިތުރަށް ބުރަދަންނެނީ އޮލިމްޕިކް ޗާޓަރުގައި ނެޝަނަލް އޮލިމްޕިކް ކޮމިޓީތަކުގެ އުސޫލުތައް ކަނޑައަޅާފައިވާ ބާބުގައެވެ.

4. Governments or other public authorities shall not designate any members of an NOC. However, an NOC may decide, at its discretion, to elect as members representatives of such authorities.

މިމާއްދާގައި އެބުނެދެނީ ސަރުކާރުން ނުވަތަ އެހެންވެސް އިދާރާއަކުން އެން.އޯ.ސީއަށް މީހަކު އައްޔަނު ނުކުރެވޭނެ ވާހަކައެވެ.  އެއީވެސް ވީހާވެސް ޑިމަކްރަޓިކް ހަމަތަކުގެ މަތިން ކުޅިވަރުގެ ކަންކަން ތަރުތީބު ކުރުމަށެވެ. އެހެންނަމަވެސް ސަރުކާރުންވެސް ނުވަތަ އެހެން އިދާރާއަކުންވެސް ގައުމީ ޖަމިއްޔާއެއްގެ ނުވަތަ އެމް.އޯ.ސީގެ އިންތިހާބުތަކުގައި ވާދަކޮށް އެފަރާތެއް ޑިމަކްރަޓިކް ހަމަތަކުގެ މަތިން އިންތިހާބުވުމަށް އޮތް ފުރުސަތު މަނާކޮށްފައެއް ނުވެއެވެ. ގައުމީ ޖަމިއްޔާއަކަށް މީހަކު "އައްޔަނުކުރުމާއި" "އިންތިހާބުކުރުމަކީ" ތަފާތު ދެޕޮރޮސެއްސެއްގެ ތެރެއިން ހިންގޭ ދެ އިޖުރާތެވެ. ހުއްދަ ނުކުރަނީ ސަރުކާރުގެ ނުފޫޒުން އެއްވެސް ފަރާތެއް "އައްޔަނު" ކުރުމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިންވެސް ކޮންމެ މީހަކަށް ޖަމިއްޔާ ޖަމާތްތައް އުފެއްދުމާއި އަދި ޖަމިއްޔާ ޖަމާތްތަކުގައި ބައިވެރިވުމުގެ ހައްގުއޮތީ ވަރަށް ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. އިޖުތިމާއި ގޮތުން ހިންގޭ ކުޅިވަރުތަކުގެ ތެރޭގައި ޑިމަކްރަޓިކް އުސޫލުން ބާއްވާ އިންތިހާބެއްގައި އެއްވެސް ފަރާތެއް ބައިވެރިވުން މަނާކޮށް އެފަރާތުގެ އެހައްގު ނިގުޅައިގަނެވޭނެ ގޮތަކަށް ގާނޫނަކުން އެކަން މަނާ ކުރުމަކީ ގާނޫނު އަސާސީއާއި ތައާރަޒުވާނެ ކަމެއްކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ވަކިން ހާއްސަކޮށް، މިއީ އޮލިމްޕިކް މޫވްމަންޓްގެ ކުޑަދަށުގައި ހިމެނޭ އެއްވެސް ކުޅިވަރެއްގެ ތަރޭގައި ގެންގުޅޭ ހަމައެއްވެސް ނޫނެވެ. ބައިނަލްއަގްވާމީ އިދާރާތަކުންވެސް އަމަލުކުރުމުގައި އިސްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެ ހަމައަކުން ކުޅިވަރުގެ ކަންކަމުގައި އެންމެން ބައިވެރިކުރުމުގެ ވިސްނުން އިސްކުރުމަށެވެ.

ކުޅިވަރު ގާނޫނުގެ އެމާއްދާ އަކީ އުސޫލީ ހަމަތަކުންވެސް އިންޓަނޭޝަނަލް ކުޅިވަރު ޖަމިއްޔާތަކުގެ ސްޑޭންޑަޑް ސްޓެޓިއޫސްއާއި ފުށުއަރާ މާއްދާއެއްކަން ފާހަގަ ކުރަމެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެމް.އޯ.ސީ އަދި ގައުމީ ފެޑެރޭޝަންތަކުގައި އެގައުމެއްގެ ވަޒީރުންގެ ފެންވަރުން ފެށިގެން އެގައުމުތަކުގެ މަސްލަހަތު ފުށުއަރާނެކަމަށް ބެލެވޭ އެތަށް އިސް ބޭބޭފުޅުން ކުޅިވަރު އިދާރާތަކުގެ ހިންގާކޮމިޓީތަކަށް ވާދަކޮށް އިންތިހާބު ކުރެވިފައިވާކަމީވެސް ކުޅިވަރު ތެރޭގައި އޮތް މިއަދުގެ ހަގީގަތެވެ.

ގާނޫނަކުން މިފަދަ ހައްގުތައް ބަންދުކޮށް މަނާ ކުރުމަކީ ކުޅިވަރުގެ ގުޑް ގަވަރނަންސްގެ ނަން ބޭނުންކޮށްގެން ކޮށްއުޅޭ ޒާތުގެ ކަމެއްކަމަށް ގަބޫލް ކުރަން ދައްޗެވެ. މިއީ ބާރުތައް އެއްކުރުމުގެ ސަގާފަތުގެ ތެރެއިން ގެންގުޅޭ އަންޑެމަކްރަޓިކް އޮބްޒޮލީޓް ވިސްނުމެއްކަން ގިނަބައަކު ގަބޫލްކުރެއެވެ.

ޤާނޫނުގެ 54 ވަނަ މާއްދާގެ (ބ) 

ގާނޫނުގެ 54 ވަނަ މައްދާގެ "ބ" އެއޮތީ ގުޑްގަވަނަންސްގެ އުސޫލްތައް ނެގެހެއްޓުމުގެ ނަމުގައި، އޮލިމްފިޒަމްގެ އަސާސްތައް އިތުރަށް ވަކިބައަކަށް އަމާޒުކޮށް 51 ވަނަ މައްދާއަށް ވާރުތަކޮށްފައެވެ. 54 ވަނަ މައްދާގެ 'ބ' ގެ މުޅި މަހަފޫމްއަކީ ކުޅިވަރު ވުޒާރާގެ ބައެއް މުވައްޒަފުން ގައުމީ ޖަމިއްޔާ ނުވަތަ އެމް.އޯ.ސީ ގެ އިންތިހާބަށް ވާދަނުކުރެވޭނެ ހަމައެއް ކަނޑައެޅުމެވެ.

ގައުމީ އެސޯސިއޭޝަނެއްގެ އިންތިހާބަށް ވާދަކުރުމުން، "މަސްލަހަތު ފުށުއަރާ" ފަރާތްތަކުގެ ގޮތުގައި ހަމައެކަނި ތިބީ ދައުލަތުގެ ކުޅިވަރު ވުޒާރާގެ ހިމެނޭ ބައެއް މުވައްޒަފުންތޯ މިއީވެސް ސާފުވާން ޖެހޭ ކަމެއްކަން ގިނަ ބަޔަކު ގަބޫލްކުރެއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ގައުމީ އެސޯސިއޭޝަނެއްގެ އިންތިހާބުގައި ވާދަކުރުމަށް ނިންމާ ހިސާބުން، އެފަދަ މެމްބަރައްގެ މަސްލަހަތު ފުށުނާރާނެ ހަމައެއް މިނެރެވެނީ ކޮންހަމައަކުންތޯއެވެ. އަދި އެމް.އޯ.ސީގެ އިންތިހާބުގައި ވާދަކުރުމަށް ގައުމީ އެސޯސިއޭޝަނެއްގައި މަސައްކަތް ކުރަމުންގެންދާ ޕޭރޯލްގަ ހުރި ފަރާތެއް އެހެން ގައުމީ އެސޯސިއޭޝަންގެ ނޮމިނޭޝަން ހޯދައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިދީފައި އެއޮތީ ކޮންހަމައަކުން މަސްލަހަތު ފުށުނާރާކަމަށް ބެލީމަތޯ މިއީވެސް  ކުރެވޭ ސުވާލެކެވެ.

މިމައްސަލަ އެއީ އެޕަލްސް  އެންޑް އޮރެންޖަސް އޭ ބުނެ ނިންމާލެވޭ ވަރަށްވުރެ ފުޅާކޮށް ވިސްނާލަން ޖެހޭ ކަމެއްކަމަށް ދެކެމެވެ. "މަސްލަހަތު ފުށުއެރުން" މިބަސް މިނެކިރާ ވަކި ބައަކަށް ޓާރކެޓްކުރުމަކީ ގުޑް ގަވަނަންސަކަމަށް ވަކާލާތު ކުރަންޏާ އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ.  

އުސޫލީ ހަމަތަކަށް ވިސްނާލާނަމަ، ކުޅިވަރު ވުޒާރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަކީ ޑިފޯލްޓުން އެބަޔާންކުރާ އެތިކަލް މިންގަޑުން އަބަދުވެސް ބަދެވިފައިވާ ބައެކެވެ. ހާއްސާކޮށް ކުޅިވަރު ވުޒާރާގައި ކަނޑައެޅިފައިވާ ގައިޑްލައިންގައި މިޒާތުގެ މައްސަލަތައް ހައްލުކުރުމަށް ޑައިރެކްޓިވްސް ނެރެވިފައި ހުންނާނެކަމަށް ދެކެމެވެ.

މައުލޫމާތު ކުށް ކަމުގައި ނުވާނަމަ 2015 ވަނަ އަހަރު ތެރޭގައި ބޭއްވުނު ކުޅިވަރު ގައުމީ މަޖިލީހުގެ ބައްދަލުވުމުގައިވެސް 2015/30 ކުޅިވަރު ގާނޫނުގެ 51 ވަނަ މައްދާއާއި ހަވާލަދީ އިންތިހާބުތަކުގެ ވާދަކުރުމުން މަސްލަހަތު ފުށުއަރާނެ ފަރާތްތައް ކަނޑައަޅައިދީ އެމަޖިލީހުން ގަރާރެއް ފާސްކޮށްފައި އެބައޮތެވެ. އެ ގަރާރު އަދި ބާތިލްކޮށްފައި އޮތްކަމަށްވެސް ނުބެލެވެއެވެ. ކުޅިވަރު ގައުމީ މަޖިލީހުން ނިންމާފައިވާ މިފަދަ ގަރާރުތައް ތަންފީޒު ކުރެވި ރިކޯޑުބެލެއްޓިފައި ނެތްނަމަ އެކަމުން އެ ދޭހާވެގެންދަނީ ކުޅިވަރު ވުޒާރާ އަދި ކުޅިވަރު ގައުމީ މަޖިލިސް ހިންގުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ނުކުޅެދިފައިވާ ކަމެވެ.

ކުޅިވަރު ތެރޭގައި ގުޑްގަވަނަންސް ނެގެހެއްޓުމަށް ކުޅިވަރު ގާނޫނުގައި ހިމަނަންޖެހޭ މާ މުހިންމު އެތައްކަމެއް އެބަހުއްޓެވެ. އެއިންކަމަކަށް ވިސްނުންނެތި، ގުޑްގަވަނަންސްގެ ނަމުގައި ސީދާ ކުޅިވަރު ވުޒާރާގެ ބައެއް މުވައްޒަފުންނަށް އަމާޒުކުރުމަކީ، ކޮންމެހެން ގާނޫނެއްގެ ތެރެއިން ކުރަންޖެހޭ ވަރުކަމެއްކަމަށް ގަބޫލްކުރަން ދައްޗެވެ. ގާނޫނޫނާއި ގަވާއިދުތައް ހެދުމުގެ ބޭނުމަކީ ޖެއްސުންކޮށް ހުރަސްއެޅުންކަމަށް ވާނަމަ އެކުރެވެނީ ވަރަށް ނާތަހުޒީބު އަމަލެކެވެ.

ކުޅިވަރު ވުޒާރާގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންގެ މަސްލަހަތު ފުށުއަރާ މިންގަޑުތަކާއި ގުޅޭ ގަވާއިދު ފޮތް ކުޅިވަރު ގައުމީ މަޖިލީސް މެދުވެރިކޮށް ހަދަންޖެހޭ ހިސާބަށް ކުޅިވަރު ގާނޫނުގައި ލިޔެ ބަޔާން ކުރުމުން އެސޮއްސާލަނީ އަދިވެސް ފަހަތަށެވެ. އަދިވެސް މިފެންނަނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ލޭނޑްސްކޭޕަށް ހަރުދަނާ ހެޔޮ ބަދަލެއް ގެނެވޭނެ ހަމަތަކެއް ގާނޫނުގައި ބަޔާންކުރުމުގެ ވިސްނުން އިސްނުކުމެއްނެތި، ދަނޑިވަޅު ލިބޭ ވަގުތު ކަންކަމުގައި މުގޯލި ދުއްވޭނެ ހަމައެއް ހޯދުމެވެ.

ކުޅިވަރު ބިލް ތަސްދީގު ކުރުން

ކުޅިވަރުގެ އާއިލާއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ހާޒިރުގައި ރައީސުލް ޖުމްހޫރިއްޔާ އެވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ ފުރަތަމަ އިސްލާހުގެ ބިލް ތަސްދީގުކޮށް ދެއްވާ ގާނޫނެއްގެ ސިފަ ޖައްސަވާ ދެއްވާފައެވެ. މިފަދަ ޝަރަފުވެރިކޮށް އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށްދެއްވާނީ ހަމަގައިމުވެސް ކުޅިވަރާއި ބެހޭ ވަޒީރު ހިއްސާކޮށްދެއްވާ މައުލޫމާތެއްގެ މައްޗަށް ވަރަށް ބޮޑަށް ބުރަވެ ހުންނާވައިގެންކަން ކަށަވަރާ ގާތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް މުޅި ކުޅިވަރު ބިލް ފުރިހަމައަށް ދިރާސާކޮށް ހައްދަވާނެ ވަގުތު ހޯދުމަށް ފަސޭހަފުޅު ނުވާނެކަންވެސް ގަބޫލް ކުރެވޭތީއެވެ.

ވަޒީރުގެ އެމައުލޫމަތުގެ މައްޗަށް ބިނާކޮށް، ކުޅިވަރު ބިލް ރައީސް ތަސްދީކޮށް ދެއްވިކަމީ ހަގީގަތުގައިވެސް ރާއްޖޭގެ ކުޅިވަރު އައު އުސްމިންތަކަކަށް ގެންގޮސް ދެއްވުމުގެ ރައިސުލްޖުމްހޫރިއްޔާ ހިތް ނިޔަތް ސާފުކަމުގެ މަތިވެރި ދަލީއެއްކަމަށް ގަބޫލްކުރަމެވެ. އެކަމަށްޓަކައި ރައިސޫލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން ޖެހެއެވެ.

ގައުމުތަކުގެ ރައީސުން މިޒާތަށް ބިލްތައް އާއްމުކޮށް ތަސްދީގުކޮށް ދެއްވާއުޅުއްވަނީވެސް ވަރަށް ކޮންޓްރަވާސަލް ކަންކަން އެބިލެއްގެ އެކުލެވިފައިވާ ހާލަތްތަކުގައި، ގައުމަށް ޖުމްލަ މަންފާއެއް ހޯދައިދެވޭ ބަރުދަން ހުންނަ ބިލްތަކަށެވެ.

ކޮންމެއަކަސް ކުޅިވަރުގެ އައިލާ އެހާ އުފާވާން ޖެހޭ ހަފްލާއެއްގައި ކުޅިވަރު އާއިލާގެ އުފާވެރިކަން ގެންލި، މާޔޫސްކަންމަތީ ތިބި މަންޒަރުފެނިފައިވެއެވެ. އަދި އެކަމާއި ގުޅުވައި ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފައިވެސް އެބަހުއްޓެވެ. ފަހަރުގައި ތަސްދީގު ކުރެވުނު ކުޅިވަރު ބިލްގައި ހަގީގީ ބުރަދަނެއް އޮތްކަމަށް އެފަރާތްތަކަށް ގަބޫލް ނުކުރެވޭތީކަމަށްވުން އެއީ ގާތްކަމަކަށް ވުންވެސްގާތެވެ.

ހަމަ ހަގީގަތުގައިވެސް ތަސްދީގު ކުރެވުނު ކުޅިވަރު ގާނޫނުން ރާއްޖޭގެ މުޅި ކުޅިވަރުގެ ލޭންޑް ސްކޭޕަކަށް ހަރުދަނާ ބަދަލުތަކެއް އައިކަމަށް ޤަބޫލް ކުރަންދައްޗެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު ދަދިފަހުން އެފާޅުކުރި ހިޔާލަކީ ތަންކޮޅެއް ފުންކޮށް ވިސްނާލުމުން މުހިންމު ޝުއޫރެއްކަމަށް ދެކެމެވެ. އިމްރާންގެ އެޝުއޫރަކީ ކުޅިވަރު ގާނޫނު އިސްލާހުވެގެން އައިރު އެފަދަ ބަދަލެއް ފެންނަން ނެތުމުން ފާޅުކުރި އިހްސާސްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ކުޅިވަރު ބިލް ތަސްދީގު ކުރެވުނު ދުވާހައި އިއްތިފާގުވާ ކަހަލަ ގޮތަކަށް އިމްރާނުގެ އެކަން ބޮޑުވުން ތިލަވެގެން އައިސްފައިވާތީއެވެ.   

މިހާލަތަށް ޤާނޫނު ބައްޓަންކޮށް، އެއީ ރާއްޖޭގެ ކުޅިވަރަށް ލިބިގެންދާ ނުހަނު ބޮޑު ކުރި އެރުމެއްކަމަށް ކުޅިވަރު ވަޒީރަށް ފެނިވަޑައިގެން ކުޅިވަރުގެ ގާނޫނު ޕްރޮމޯޓްކޮށް އެކިއެކި ފޯރަމްތަކުގައި ވާހަގަދައްވަމުން ގެންދަވަންޏާ، ގާނޫނު ތަސްދީގު ކުރެއްވިދުވަސް އެއީ ރާއްޖޭ ރަސްމީ ކުޅިވަރު ދުވަހުގެ ގޮތުގައިވެސް ފާހަގަ ނުކުރަންވި އެއްވެސް ސަބަބެއްނެތެވެ.

އެޑިޓަރުގެ ނޯޓު: 

ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަން އެވެ. ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފަ އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް