ads
ކުށުގެ ސަޒާ - 23 ވަނަ ބައި
އެޕިސޯޑް 23
Advertisement

އިވުނު އަޑަށް ފިޒާއާއި ތާބިޝް ބަލައިލީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. 

ފެންކަޅިވެ ބަލަހައްޓައިގެން ދޮރުމަތިގައި ތިބީ ކަޔާންއާއި ސަވާނާ އެވެ.

"ކަޔާން.. އަހަރެން ... ބުނަން އުޅު..ނ" ތާބިޝް މަސައްކަތްކުރީ ކަޔާން ހުއްޓުވާށެވެ. ނަމަވެސް މިފަހަރު ކަނންތައްދިމާވީ  އިދިކޮޅަށެވެ. ކަޔާން އަތް އުފުލާލީ ތާބިޝްގެ ވާހަކަ ހުއްޓުވާލުމަށެވެ.

"ހުއްޓާލާ..! ތާބިޝް ވަރުބައްޔެއްވެސް ނުވޭތަ..؟ ކަންކަން ފޮރުވުން ހުއްޓާލާކަށް ނުވޭތަ..؟ ސިއްރު ފޮރުވާފޮރުވާ، ތާބިޝް ވަރުބައްޔެއް ނުވޭތަ..؟ ތެދު ފައުޅުވިޔަ ނުދީ ހިފަހައްޓާލާނީ، ކިހައި ދުވަހެއް ވަންދެން..؟ ކޮންމެ ކަޅު އަނދިރި ރެއަކަށްފަހު އުޖާލާ އަލިކަމެއް ބައްދަލުކުރޭ.. އެކަމަކު ތާބިޝްގެ ހަޔާތުގެ އެންމެ ބޮޑު ހާދިސާގެ ހަގީގަތަށް އަދިވެސް އަލިނުވިލޭ.. ކިހައި ދުވަހެއް ވަންދެން އަނދިރީގައި ކެތް ކުރާނަން..؟ މިރޭ އަހަރެންގެ މި ސުވާލަށް ތާބިޝް ޖެހޭނީ ޖަވާބު ދޭން..؟ އަހަންނަށް ބުނެދީބަލަ..! ކިހައި ދުވަހެއް ވަންދެން އެކަން ސިއްރުގެ ގޮތުގައި ފޮރުވާފައި ބާއްވައިގެން އަމިއްލަ ބޯމަތީގައި ނުއުފުލޭވަރުގެ ބޮޑެތި ބަރުތައް އުފުލަން ތާބިޝް ކޮޅަށް ހުންނާނަންތޯ..؟" ކަޔާންގެ އަޑު ގަދަވަމުންދިޔަ އެވެ.

"ކޮންމެ ކަމަކަށްވެސް ވަގުތު ކަނޑައެޅިފަ އޮވޭ.. އެއީ އެކަމެއްގެ އެންމެ މުނާސަބު ވަގުތު..! މިއީ ތާބިޝްގެ ހަގީގަތް ފާޅުކުރަންވީ ވަގުތު.. ހެޔޮނުވާނެ އިތުރަށް އެކަމުގައި ފަސްއަޅައި ނުފޮރުވާ..! ހަގީގަތް އެނގުމުގެ ހައްގު ފިޒާއަށް ލިބިގެން ނުވޭތަ..؟ މަންމަގެ ހާލަތު ފިޒާއަށް ފެނިއްޖެ.. މިގޭގައި ކަންކަން ރަގަޅު ނޫންކަން ފިޒާއަށް އެނގިއްޖެ.. މިއަށްވުރެން ރަގަޅު ވަގުތެއް އެކަމަށް ދެން ނުލިބޭނެ..  ތާބިޝްގެ ވާހަކަ، ގަބޫލުކުރުން ނުވަތަ ނުކުރުން އެއީ ފިޒާގެ އަމިއްލަ އިހްތިޔާރުގައި އޮތްކަމެއް.. އަހަރެންގެ ބަސްއަހާ..! ހެޔޮނުވާނެ ތާބިޝް.. ފިޒާއަށް ހަގީގަތް ބުނެދީ.. ޕްލީޒް.. ޕްލީޒް...!!" ދެއަތް ޖޯޑުކޮށްފައި ތާބިޝްގެ ކުރިމައްޗަށް ކަޔާން ހުއްޓުނެވެ. 

އަސާރާއެކު ކުރަމުންދިޔަ އާދޭހަކީ ކިހައިވަރެއްގެ ބުރަދަނެއް ހުރި ވާހަކައެއްކަން ނޭގުނަސް، ކަޔާންގެ ލޮލުން ވިދަމުންދިޔަ ކަރުނަ، ފިޒާގެ ގައިން ހީބިހި ނަގުވާލި އެވެ. 

"ކަޔާން އެބުނީ ތެދުވާހަކައެއް.. ތާބިޝް، ވިސްނާލަބަލަ..! ހަގީގަތް އެނގިފައި ނެތުމުން، ފިޒާއާއި ތާބިޝްގެ ދެމެދުގައި ލެވިފައިވަނީ ކިހައި ބޯމިނެއްގެ ކޮންކްރީޓެއްކަން އަންދާޒާކުރެވޭތަ..؟ މިއަށްވުރެން އެކަމަށް އެކަށީގެންވާ ވަކި ހާއްސަވަގުތެއް ދެން ލިބޭނެކަމެއް ނޭގެ.. ފިޒާ މިގެއަށް ތާބިޝްއަށް މިފަހަރު ގެނެވުނީ ކިހިނެއް، ކޮން ހާލެއްގައިކަން ހަނދާންކޮށްލަބަލަ..! ދެވަނަ ފަހަރަށް ތާބިޝްގެ އަތުން ފިޒާ ބީވެގެން ދިޔުމަށް ފުރުސަތު ނުދީ..! ހަގީގަތް އެނގުމުގެ ހައްގު ފިޒާއަށް އެބައޮތް.. އެ ހައްގު ފިޒާގެ ކިބައިން ނިގުޅައިގަތުމުގެ ކުށް ކުރުމަށް މިފަހަރު ތާބިޝްއަށް އަހަރެން ފުރުސަތެއް ނުދޭނަން.." ސަވާނާގެ އަޑުގައި ކުރެހުމެއް އެބަހުއްޓެވެ.

ބުނަން އުޅޭ ނުވަތަ ދައްކަން އުޅޭ ވާހަކައެއްގެ އަސަރު ފިޒާގެ ހިތާއި ހަމައަށް ފޯރައިފި އެވެ. ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދިޔައީ ހިތުގައި އަށަގަންނަމުންދިޔަ ގޮތް ނޭގޭ ބިރުވެރިކަމެއްގެ ސަބަބުންނެވެ. 

"ފިޒާ.. ފިޒާ އުފުލި ވޭނުގެ އެތައް ހާސް ގުނައެއް އިތުރަށް ތާބިޝްވަނީ  ކެކުޅުމާއި ރިހުން  އުފުލާފައި.. ތާބިޝްގެ ރިހުމުން ބައިކުޅަބައިވެސް ފިޒާގެ ވޭނުގެ ތެރޭގައި ނުހިމެނޭނެކަން އަހަރެން ޔަގީންކޮށްދެން..!" ފިޒާގެ ކުރިމައްޗަށް ހުއްޓި ސަވާނާ ބުނެލީ އަސަރުން ފުރިގެންވީ ޖަޒްބާތުތަކަކާއެކު އެވެ.

ވާނުވާ ނޭގިފައި ސަވާނާގެ ލޮލަށް ފިޒާ ބަލައިލިއިރު އޭނާގެ ނިއްކުރި ފުރިފައިވަނީ އެކިވަރުގެ ރޫތަކުންނެވެ. ސިކުނޑިއާއި ހިތުގައި އުފެދިފައިވަނީ ކިހައި ސުވާލެއްކަން ފިޒާއަށްވެސް މިވަގުތު އަންދާޒާނުކުރެވެ އެވެ.

"ފިޒާގެ މައުސޫމުކަމާއި ކުށެށް ނެތްކަން ތާބިޝްއަށް އެނގޭ.. ފިޒާގެ މައްޗަށް އޮތް އިތުބާރު އެންމެ ހިނދުކޮޅަކަށްވެސް ތާބިޝްގެ ހިތުން ފަނޑުވެގެން ނުދޭ..! ފިޒާއަށް ތާބިޝްކުރާ އިތުބާރަށް ދުވަހަކުވެސް ލޮޅުން ނާރާ..! ހުވަފެނެއްގައިވެސް އެފަދަ ކަމަކަށް ތާބިޝް ފުރުސަތެއް ނުދޭނެ.. އެ މިންވަރަށް އަހަރެންގެ ބޭބެ އަހަރެން ދަންނަން..! ފިޒާދެކެ ތާބިޝްވަނީ ހަގީގީ ލޯބި! އެފަދަ ލޯތްބެއް، އެއް އިންސާނަކު އަނެއް އިންސާނަކުދެކެ ވާނީ މަދު ހާލަތެއްގައި.. ފިޒާއަށްޓަކައި ތާބިޝްގެ ހިތުގައި އޮތް ލޯތްބަށް ޒައްރެއްގެ މިންވަރުވެސް  ހިރަފުސްކޮޅެއް އަރާފައެއް ނުވޭ.. އަހަރެންގެ މުޅި އުމުރު ހުސްވިޔަސް އެފަދަ މާތް ލޯތްބެއް އަހަރެންގެ އަންހެނުން ދެކެވިޔަސް ނުވެވޭނެކަން ކަށަވަރު..! ފިޒާއާއި ނުލައި ތާބިޝް ފުރާނަ ހުއްޓަސް،  އެ ފުރާނައިގައި ދިރުމެއް ނެތް..! ފިޒާގެ ލޯ ރަގަޅަށް ހުޅުވައިގެން، ހިތުގައި އަތް އަޅާފައި ތާބިޝްއާއި ދިމާއަށް އެންމެ ފަހަރަކު ބަލައިލިނަމަވެސް އެ މާތް ލޯބީގެ ތެދުކަން ފިޒާއަށް އިހްސާސްވާނެ.. އެކަމަކު ފިޒާއަށް މުހިއްމުވީ ފިޒާގެ ވިސްނުމާއި ފިޒާގެ ސިކުނޑިން ނިންމި ނިންމުން...! އެހެން އެއްކަމެއްވެސް ފިޒާގެ ލޮލަކަށް ނުފެނޭ..! އަހަރެންގެ ބޭބެ ފަދައިން ލޯބިވާނެ އެހެން އެއްވެސް އިންސާނަކު މި އުޑުދަށުގައި ނުހުންނާނެ..!" އަޑަށް ބާރުލާފައި ފަހު ޖުމުލަ ކަޔާން ބުނެލިއިރު އޭނާގެ ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ރޮދި ދެމިގެންފި އެވެ. 

"ދެން ކީއްވެ..؟" އޮހޮރެމުންދިޔަ ކަރުނަ ތެރެއިން ދެތުންފަތް ތުރުތުރު އަޅުވާލާފައި ފިޒާކޮށްލީ ކުރު ސުވާލެކެވެ.  

"ތާބިޝް... މިއީ އެވަގުތު..! ފިޒާގެ އެ ސުވާލަށް ތާބިޝް ޖެހޭނީ ޖަވާބު ދޭން.. ސާފުކޮށް، އުނިއިތުރެއް ނެތި ހުރިހައި ވާހަކައެއް..!" ތާބިޝްގެ ކޮނޑުގައި ފިރުމާލާފައި ސަވާނާ ބުންޏެވެ. ހިތްވަރުކޮށްފައި ތާބިޝް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

ކޯތާފަތް ފޮހެލާފައި ތާބިޝް ހަމަޖެހިލި އެވެ. ހަށިގަނޑު ސީދާކޮށްލާފައި ކަނދުރާގެ ކަސްރަތުތަކެއް ކޮށްލާފަދަ ހަރަކާތަކަށްފަހު ތާބިޝް ބަލައިލީ ފިޒާއަށެވެ. ތާބިޝް ބުނާނެ އެއްޗަކަށް ފިޒާ އިންތިޒާރުކޮށްގެން ހުރީ ކެތްތެރިކަން ކުޑަވެފަ އެވެ. އެސްފިޔަ ޖަހައިނުލާ ތާބިޝްގެ މޫނަށް ބަލަން ހުއްޓެވެ.

"އެދުވަހު ... އާދައިގެ މަތީން އަހަރެން އިނީ އޮފީހުގައި.. މަސައްކަތްބުރަ، މީޓީންތައް ގިނަ ދުވަހެއް.. އެކަމަކު އާދަޔާ ހިލާފަށް އުނދަގޫވަމުންދިޔަ ތަފާތު އިހްސާސަކުން އަހަންނަށް އެދުވަހު މިންޖެއް ނުވެވުނު.. ކިތަންމެ މުހިއްމު މަސައްކަތްތަކެއް ކުރިޔަސް، އެކަމުގެ ތެރޭގައި ޝާމިލްވުމަކީ އަހަރެންގެ އިހްތިޔާރުގައި އެދުވަހު އޮތްކަމެއް ނޫން.. ނުތަނަވަސްވެ، ހިތް ތެޅެމުންދިޔައީ އަހަރެންގެ މުޅި ހަށިގަނޑުގައި ބިރުވެރިކަމުގެ ބިޔަ ރާޅެއް އުފައްދަމުން.. ހިތް ބުނަމުންދިޔައީ ކޮންމެވެސް ބޮޑުކަމެއް އެބަހިނގައޭ.. އަހަންނާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ހިނގާ، އަހަރެންގެ ދިރިއުޅުމުން ނާކާމިޔާބުވަމުންދިޔަ ކަމުގެ ބިރުވެރި އިހްސާސް އެތައް ގޮތަކުން އަހަންނަށް ސިގުނަލް ދެމުންދިޔަ..! އެކަމަކު އެއީ ކޮންކަމެއްކަމާއި ކިހައިވަރެއްގެ ކަމެއްކަން އަހަންނަށް އަންދާޒާކުރާކަށް ނޭގުނު.. އިތުރަށް ލިބެމުންދިޔައީ ނުތަނަވަސްކަން.." ތާބިޝްގެ ވާހަކަ މެދުކަނޑާލި އެވެ. ތާބިޝްގެ ހާޒިރުގައި ތިބި މީހުންނަށް ބަލައިލި އެވެ. ދެން ބުނަން އޮތް އެތި ފަސޭހަ ނޫންކަން އޭނާގެ ހަރަކާތުން އެނގުނެވެ. 

"ކުއްލިޔަކަށް ލިބުނީ އަހަރެންގެ ސެކްރެޓަރީގެ ފޯންކޯލެއް.. ރައުދުއާއި އަހަރެންގެ މަންމައާއި ދެމެދު ދެކެވުނު ވާހަކަތަކެއް އަޑުއިވުނީ އޭނާއަށް.. ދެމީހުން ރާވަމުން ދިޔައީ ނުރައްކާތެރި ބޮޑެތި ރޭވުންތަކެއްކަމަށް އޭނާ ބުނި.." ފުން ނޭވާއެއް ލާފައި ތާބިޝް ބަލައިލީ ފަނޑު އަލިކަމެއް ފެންނަމުންދިޔަ ކުޑަދޮރާއި ދިމާއަށެވެ. 

ފިޒާއަށް ބަލައިވެސްނުލާ، ތާބިޝް ހިނގައިގަތީ އެ ކުޑަދޮރާއި ދިމާއަށެވެ. ކުޑަދޮރުގެ ލޭސް ދޮރުފޮތި ކަހައިލުމަށްފަހު ދޮރުހުޅުވާލި އެވެ. މަޑުމަޑު ވައިރޯޅިއެއް ގޭތެރެއަށް ވަނުމާއެކު ފުންނޭވާއެއް ދޫކޮށްލެވުނީ ތާބިޝްއަށް އެކަންޗެއް ނޫނެވެ.

ފިޒާގެ ސަމާލުކަން ހުއްޓިފައިވަނީ ހަމައެކަނި ތާބިޝްއަށެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ފިޒާ ދިޔައީ ސަމާލުވަމުންނެވެ. 

"އަހަރެންގެ މަންމަ ފިޒާއަށް ކުރާ ނަފްރަތު އަހަންނަށް އެނގޭ..! އަހަރުމެން ދެމީހުންގެ ކައިވެންޏަށް މަންމަ ނުރުހޭކަންވެސް އިނގޭ.. އެކަމަކު ނަފްރަތުގެ ހުޅުގަނޑު އިންސާނެއްގެ ހިތުގައި އެފަދަ ނުރައްކާތެރި ދަރަޖައަކަށް ރޯވެގެން ހިނގައިދާނެކަމަށް އަހަންނަށް އަންދާޒާވެސް ކުރެވިފައެއް ނެތް.." އަސަރާއެކު ތާބިޝް ވާހަކަދެއްކި އެވެ. 

"މަންމަގެ ނިންމުމެއް ނުވަތަ މަންމަގެ ރޭވުމެއް އަހަންނަށް ނޭގެ.. އެކަމަކު ކޮންމެ ފަދަ އަނިޔާއެއްވެސް ފިޒާއަށް ދީފާނެކަން އަހަންނަށް ޔަގީންވި... އޮފީހުގައި ކެތްކުރުން އުނދަގޫކަމަކަށްވުމުން ތެޅެމުންފޮޅެމުން އަހަރެން އައީ ގެއަށް.. އެހައި އަވަހަށް އައިއިރުވެސް..." 

ކުޑަދޮރުގައި ބޮލުގެ ފުށްކިބަ ޖައްސާލާފައި ތާބިޝް ދެ ލޯ މަރައިލި އެވެ. އިތުރަށް ބުނާން ދުލުގައި އޮތްއެއްޗަކަށް އޭނާ ހިތްވަރު ލިބިގައތީކަން ޔަގީނެވެ. 

"ވީ އެންމެ އަވަހަކަށް އަހަރެން ގެއަށް އައީ ފިޒާކޮބައިތޯ ބަލަން.. އަހަރެން ގެއަށް ވަންތަނުން ފުރަތަމަވެސް ދިމާވީ މަންމައާއި.. އަހަރެންނާއި ދިމާއަށް ބަލައިލުމަށްފަހު ވަރަށް އާދައިގެ ގޮތަކަށް މަންމަ ހީލުމުން އަހަރެން ހައިރާންވި..! ކޮޓަރިއާއި ދިމާއަށް އަހަރެން މިސްރާބު ޖެހުމާއެކު މަންމަ ބުނީ 'ކަލޭ އަންހެނުން އޮތީ ނިދާފައި'...! އެބުނި އެއްޗަކަށް އަހަރެން އަޅައެއްނުލަން.. ކުރިއަށް ހިނގައިގަތީ ފިޒާ ދެކިލުމަށް އަހަރެން ކެތްތެރިކަން ކުޑަވެފައިވާތީ..! ހަމައެވަގުތު އަހަރެންގެ ފަހަތުން މަންމަ އަންނަ ކަން އެނގުމުން ހުއްޓިފައި ފަހަތްވެސް ބަލައިލިން.. އެކަމަކު އަހަރެންގެ ފަހަތުން ކޮޓަރިއަށް މަންމަ އަންނަންޖެހޭ ސަބަބެއް ނުވިސްނުމުން އަދި މަންމަ އިތުރު އެއްޗެކޭ ނުބުނުމުން އަހަރެންވެސް ހިނގައިގަތީ އަހަރެންގެ މަންޒިލާ ދިމާއަށް.. އާދަޔާހިލާފަށް ބާރަށް ހިތްތެޅެންފެށީ، އަހަންނާއި އެއްވަރަށް މަންމަ ހިނގާފައި އަންނަން ފެށުމުން.. ކަންކަން ރަގަޅު ނޫންކަން އެހިސާބުން ޔަގީންވެއްޖެ..! ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާފައި އަނބުރާލެވުނު އިރު އަހަރެންގެ އަތުގެ ހުރިހައި އިނގިއްޔެއް ތުރުތުރު އަޅަންފަށައިފި.. ދޮރު ހުޅުވާލުމާއެކު އަހަރެންގެ ދެފައި ދަށުން ބިންގަނޑު ދެމިގެންފި..  އުޑާއި ބިމާއި ދެމެދު އަހަރެން ތާށިކޮށް، ނޭވާ ފިއްތާލިހެން ހީވީ..! ފެނުނު މަންޒަރު ބަލަން ކެތް ނުވުމުން ގަދަކަމުން ދެލޮލުގެ އެސްފިޔަތައް ލައްޕާލީ މަޖުބޫރުވެގެން..! (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް