
މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވައިފައެވެ.
އާ މާސްޓާ ޕްލޭނަކީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށް އެޗްޑީސީން ބުނީއެވެ. މީގެ ތެރޭގައި ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 ޕަސަންޓު ބިން ކަނޑައަޅާފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބަނދަރު ސަރަހައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއް ދައްކާލުމުގެ އިތުރުން، އެޗްޑީސީގެ އާ ވެބްސައިޓު ވެސް ވަނީ އިފްތިތާހުކޮށްފައެވެ. ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހުޅުމާލެއަކީ 2004 ވަނަ އަހަރު މީހުން އާބާދުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޕްލޭންޑް ސިޓީއެވެ. މިހާރު ފޭސް 1 ގައި އެއްލައްކަ މީހުންނަށް އަދި ފޭސް 2 ގައި ދެލައްކަ ފަންސާސް ހާސް މީހުންނަށް ދިރިއުޅެވޭ ގޮތަށް ތަރައްގީކުރެވިފައިވާއިރު، ފޭސް 3 ގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.