
މި އިނީޝިއޭޓިވްގެ ސަބަބުން ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖާޖީންނަށް ސައުދީ ސަރުކާރުން ވަނީ ހޫނު މަރުހަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ.
މި އިނީޝިއޭޓިވްގެ ދަށުން ހައްޖާޖީންނަށް ލިބުނު ލުއިތަކުގެ ތެރޭގައި އެއަރޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހުމާއި ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހުން ހިމެނެއެވެ. މިކަމުގެ ސަބަބުން ހައްޖާޖީންނަށް ބޮޑެތި ލުއިތަކެއް ވަނީ ލިބިފައެވެ. ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ހައްޖު ދަތުރުވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެއެވެ.
ހިތްހަމަޖެހުމާއި ދުޅަހެޔޮކަމާއެކު މަބްރޫރު ހައްޖެއް ދިވެހި ހައްޖާޖީންނަށް މާތްﷲ މިންވަރު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ.
ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެންދާނެ އެވެ.
މައްކާ ރޫޓުގައި ބައިވެރިވެވޭނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށެވެ.
ސައޫދީން އެ ފުރުސަތު ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ނަމަވެސް ރާއްޖެ އަށް އެ އަދަދާ ހަމައަށް ދެވޭނެ ދުވަހެއް ނޭނގުނަސް އެ ފުރުސަތު ލިބިފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.