
މިއީ، އުތުރުގެ ރަށެއްގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދިވެހި ފިރިހެނަކުވަނީ، އޭނާގެ މަންމައާއި ކޮއްކޮއަށް އެކިވަރުގެ ގޯނާތައް ކޮށްފައެވެ. އޭނާކޮށްފައިވާ ގޯނާތަކުގެ ތެރޭގައި، އޭނާގެ މަންމަ ނިދާ ކޮޓަރީގެ ދޮރުގައި ރޭގަނޑު ތަޅައި، އަޑުގަދަކޮށް ހަދާފައިވެއެވެ.
މި މީހާއަކީ މީގެ ކުރިންވެސް މިފަދަ ގޯނާތައް ކުރާތީ އެފަދަ ކަންކަން ނުކުރުމަށް، ކޯޓުން އަމުރެއްކޮށްފައިވާ މީހެކެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރާ ހިލާފުވުމުން، ކޯޓުން ހުކުމް ކުރީ އޭނާ ޖަލަށްލާށެވެ.
އޭނާގެ މައްޗަށް އުތުރުގެ އެ ރަށު ކޯޓުން ކޮށްފައިވާ ހުކުމަކީ، ހަ މަސް ދުވަހުގެ ޖަލު ހުކުމެވެ. މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އެ ފިރިހެން މީހާވަނީ މަންމައަށް ގޯނާ ކުރިކަމަށް އިއުތިރާފުވެފައެވެ.