
"ފެނުނު މަންޒަރު ބަލަން ކެތް ނުވުމުން ގަދަކަމުން ދެލޮލުގެ އެސްފިޔަތައް ލައްޕާލީ މަޖުބޫރުވެގެން..!! އުނުގައި ބޮކްސަރއެއްގެ މިންވަރުވެސް ނެތް ފިރިހެނަކު އޮތީ އަހަރެންގެ އަންހެނުންގެ ގަޔަށް އަތް އެއްލައިގެ ނިދާފައި.. އަހަރެންގެ ތުވާލި ދަމައިގަތްފައި އޭނާގެ އުނުގައި އޮޅާލެވުނު ގޮތެއްވެސް އަހަންނަކަށް ނޭގެ..! އެކަން ކުރެވުނު ގޮތެއް، މިއަދާއި ހަމައަށްވެސް އަހަރެންގެ ހަނދާނަކަށް ނާދޭ..!"
ދަތްކުނޑި ވިކާފައި ތާބިޝްގެ ބުނެލި ޖުމުލައާއެކު އޭނާގެ އެސްފިޔަ ތެރެއިން ހޫނު ކަރުނަތައް ދެމިގަތީ ހިތުގައި ގަދަ ރިހުމެއް އުފައްދާފަ އެވެ. ލޭނާރުތަކުގައި ހިނގަމުންދިޔަ ލޭގެ ޕްރެޝަރ ބަދަލުވެ، އަނގުރު އަލިފާންފަދަ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ އިންތިހާއަށް ތާބިޝް އެދަނީ މަސައްކަތް ކުރަމުންނެވެ.
އިވުނު އަޑުގެ ހުތުރުކަމުން ފިޒާއަށް ކެތެއްނުވި އެވެ. ހަށިގަނޑު ކޮންޓްރޯލް ނުކުރެވި އަރި އަޅައިލި ވަގުތު ފިޒާގެ ގައިގައި ހިފެހެއްޓީ ކަޔާން އެވެ.
"އެއްޗެއް ބުނާނެ ކުޑަވެސް ފުރުސަތެއް އަހަންނަށް ނުދީ މަންމަ އަޑުގަދަކުރަންފެށީ ފިޒާގެ ދިފާއުގައި އަހަރެން އެއްޗެއް ބުނެފާނެތީ..! އެހެންކަމަށް ވިސްނާފަ މަންމައާއި ކުރިމަތިލުން އެވަގުތު އަހަންނަށް މުހިއްމުކަމަށް ނުވި.. އަހަރެން އިސްކަންދިނީ އަހަރެން ކުރިމަތީގައި ހުރި ލަދުކުޑަ ރައުދުއަށް..! އަހަރެންގެ ގައިގައި ހުރި ކޮންމެ ވިންދެއް ހެކިކޮށް އޭނާއަށް ސަޒާ ދިނުމަށް އަހަރެން މަސައްކަތްކުރީން.. ދެފައި މައްޗަށް ކޮޅަށް ހުރުމަކީވެސް އަޒާބެއްކަމަށް އޭނާއަށް އިހްސާސްވާވަރަށް އަހަރެން އޭނާއަށް ހަމަލާދިނިން.. ހަމަބުއްދިއަކީ އެވަގުތު އަހަރެންގެ ކިބައިގައި ހުރި އެއްޗެއްކަމެއް ނުވަތަ ނެތް އެއްޗެއްކަމެއް ނޭގެ.. ވާނުވާ އަހަންނަށް ވިސްނައިގަންނާން ނޭގިގެން އުޅެނިކޮށް، މުޅި ހާދިސާ ފިޒާއާއި ދެކޮޅަށް މަންމަ އަނބުރާލީ، އެ މަޅިން ފިޒާ ނިކުންނާނެ މަގެއްވެސް ނުހޯދޭނެ މިންވަރަށް.. ގޭގެ އެންމެންގެ ކުރިމަތީގައި ފިޒާ ފަލީހަތްކުރަމުންދިޔައީ އެހެން މީހުންގެ ކަންފަތްތަކަށްވެސް މަންމަ ވިސްނާލުމެއްނެތި..! އައި ވޯޒް ހަރޓް އެންޑް އެންގްރީ އޮން މައި މޮމް..!" ހަށިފުރާ ނޭވާއެއް ލާފައި ތާބިޝްގެ ދެ ލޯ ފޮހެލި އެވެ.
އަނެއްކާވެސް ހިއްވަރު ހޯދުމަށް އިރުކޮޅެއްވަންދެން ފިޒާއަށް ބަލަހައްޓައިގެން އިނދެފައި ހާދިސާގެ ތަފްސީލު ދިނެވެ.
"އަހަރެންގެ އިހްސާސްތަކުގައި ފުން ޒަހަމްތައް ދެމުން މަންމަ ދިޔައީ އަހަންނަށް އެ ވިހަ ބަސްތަކުން ލިބެމުންދިޔަ ތަކްލީފާއި އަނިޔާއަކަށް ފަރުވާލެއް ނުބަހައްޓައި.. ފިޒާއަކީ އަހަރެންގެ ދިރިއުޅުން..! ފިޒާއަކީ އަހަރެން ނޭވާލުމުގެ އުފާ..! އެއީ އަހަރެންގެ ފަހުރާއި އަހަރެންގެ އުއްމީދު..! ފުރަތަމަ ދުވަހުން ފެށިގެންވެސް މަންމައަށް އެކަން ރަގަޅަށް އެނގޭނެ.. މަންމަ މަސައްކަތްކުރީ އަހަރެންގެ ފުރާނައިގެ ތެރެއިން، ދިރުން ނެރި ކަފުންކުރަން..! ފިޒާގެ އެއްވެސް ކުށެއްނެތި މަންމަ، އޭނާއަށް ހަސަދަވެރިވެ ނަފްރަތުކުރީ، މަންމައަށްވުރެން އަހަންނަށް މުހިއްމީ ފިޒާކަމަށް ނިންމާފައި.. ފިރިހެން ދަރިއެއްގެ ހަޔާތުގައި މަންމައެއްގެ މަގާމާއި އަންބެއްގެ މަގާމަކީ ތަފާތު ދެ ދަރަޖައެއްކަން އަހަންނަށްވުރެން ބޮޑަށް ވިސްނެންޖެހޭނީ މަންމައަށް ނޫންތަ..؟ އެކަމަކު މަންމަގެ ވިހަ ބަސްތަކަށް ނިމުމެއް ގެންނާން ހިތައްވެސް ނޭރި.. އެ ނުރައްކާތެރި ޒަހަރުގެ ތެރެއިން މިންޖު ނުވެވިގެން އުޅެނިކޮށް އަހަރެންގެ ފުރާނަ އަހަރެންގެ ހަށިގަނޑާއި ވަކިވެގެން ދިޔައީ..! އަހަރެންގެ ފިޒާ، ރޮމުން ގިސްލަމުން ދިޔައީ ދެން އެނބުރި ނާންނާނެ ރޫހުގައިކަން އަހަންނަކަށް އެވަގުތު ނިންމާކަށް ނޭގުނު..!"
ރޮމުން މޫނުމަތީގައި އަތްއަޅާފައި ނުހަނު ބާރަށް ތާބިޝް ގިސްލާން ފެށި އެވެ. ވަރުގަދަ އުކުނޑިކޮށްޓުމަކާއެކު ފިޒާގެ ރުއިމުގެ އަޑު އެތަނުގައި ގުގުމައިގެން ދިއުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
"އަހަންނަށް އެނގޭ، އެވަގުތު އަހަރެން ފިޒާގެ ދިފާއުގައި ކުޑަވެސް އެއްޗެއް ބުނެފިއްޔާ، މަންމަގެ ހަމާލާތައް ފިޒާއަށް އިތުރަށް ނުރައްކާވާނެކަން.. ފިޒާއަށް އަނިޔާކުރުމަށް ނޫނީ ތަކްލީފު ދިނުމަށް ކޮންމެފަދަ ދަށު ދަރަޖައަކަށްވެސް މަންމަ ހިނގައިދާނެކަން އަހަންނަށް ޔަގީން.. އެހެންވެ..." ފިޒާއަށް ތާބިޝް ބަލައިލީ ރިހުމުން ފުރިގެންވީ ބެލުމަކުންނެވެ.
ރަތް އަނގުރުގަނޑަކަށް ވެފައިވާ ދެލޮލުން ފެނުނީ ފިޒާ ބިރުގަންނުވާލާފަދަ ޖަޒްބާތެކެވެ. ހިންދިރުމާލާފައި ތާބިޝްއާއި ގާތަށް ދެފިޔަވަޅެއް އަޅައިލެވުނީ ތާބިޝް ބުނަން އެއުޅޭ އެއްޗެއް ފިޒާއަށް ވަރަށް މުހިއްމު ވީމަ އެވެ.
"އެހެންވެ... އެހެންވެ އަހަރެން ފިޒާ ގާތުގައި ބުނީ ގެއަށް ދާށޭ..! މަންމަގެ އެ މަކަރުވެރި ރޭވުމުން ފިޒާ ސަލާމަތް ކުރެވޭނެ އެހެން އެއްވެސް ގޮތެއް އަހަރެންގެ ސިކުނޑިއަކަށް އެވަގުތު ނައި..! ފިޒާ ހަނދާން ނެއްތަ، އަހަރެން ދެން ބުނި އެއްޗެއް..؟" ފިޒާގެ ލޮލަށް ސީދާ ބަލައިލަމުން ތާބިޝް ސުވާލުކުރީ އަސަރާއެކު އެވެ. ފިޒާގެ ބޯ ދެފަރާތަކަށް ހޫރުވާލީ ތާބިޝް އެ ބުނާ އެއްޗެއް ނުވިސްނުމުންނެވެ.
"އަހަރެން ނުބުނަންތަ...!! އަހަރެން ނުބުނަންތަ ފިޒާ ބަލައި އަހަރެން ދާނަމޭ..؟ އަހަންނަށް އިންތިޒާރުކުރާށޭ އަހަރެން ނުބުނަންތަ..؟ އެކަމަކު އަހަރެން ބުނި ކޮންމެ ލަފްޒެއް ފިޒާ ނެގީ ނުބައިކޮށް...! އަހަރެން ބުނި ކޮންމެ ޖުމުލައެއްގެ މާނަ ފިޒާ ނެގީ ފިޒާ ވިސްނަން ބޭނުންވި ގޮތަކަށް.. އެކަމަކު އަހަރެންގެ އެ ލަފްޒު ތަކުގެ މާނައަކީ ގޭތެރޭގެ މާހައުލު ހަމަޔަކަށް އެޅުވުމަށްފަހު އަހަރެން ފިޒާ ބަލައި ދާނަމޭ..! އެވަރު ފިޒާއަށް ނުވިސްނުންތަ..؟" އޮހޮރެމުންދިޔަ ކަރުނައިގެ ތެރެއިން ތާބިޝްގެ ސުވާލު ފިޒާގެ ހިތް ކުދިކުދި ކޮށްލި އެވެ.
"އަހަރެން ބޭނުންވީ ހުރިހައި ކަމެއް ހަމަޔަކަށް އަޅުވަން.. މަންމަވެސް މައިތިރިކުރަން..! އަހަރެންގެ ކުރިމަތތީގައި ހުރި އަގަލެއް ނެތް ފިރިހެނާވެސް، އޭނާއަށް އެންމެ އެކަށީގެންވާ ތޭރިތަކުގެ ތެރޭގައި ހައްޔަރުކުރަން ފޮނުވުމަށް..! ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިއަޔަސް، ފިޒާގެ ރައްކާތެރިކަމަށްވުރެން މުހިއްމު އެހެން އެއްވެސް އެއްޗެއް އަހަންނަކަށް ނުވިސްނުން.. ފިޒާއަށްޓަކައި ފިޒާގެ އަމިއްލަ އާއިލާއާއި އަމިއްލަ ގެއަށްވުރެން އެވަގުތު ރައްކާތެރި އެހެން ތަނެއް ނުހުންނާނެކަން އެންމެ ރަގަޅަށް އެނގޭނެ އިންސާނަކީ އަހަރެން..! ގެއަށް ދާށޭ، ބަލައިދާނަމޭ ބުނީ އެހެންވެ..!" ތާބިޝްގެ މޫނު ރަތްވެ، ނޭފަތުގެ ކުރި ޓޮމާޓޯއެއްހައި ރަތްވެފައިވަނީ ހުއްޓުމެއް ނެތި ރޮމުންދާތީ އެވެ.
ގުޑާލާނެ ގޮތެއްވެސް ނޭގިފައި ދެ ލޯ ބޮޑުކޮށްގެން ފިޒާ ހުރީ ލިބުނު ޝޮކްގަ އެވެ. ނުރައްކާތެރި އެވަގުތުގައި ފިޒާއަށް ހުރިހައި ކަމެއް ނެގުނީ ނުބައިކޮށްކަން މިއަދު އޭނާއަށް ވިސްނިއްޖެ އެވެ. ތާބިޝްގެ މަގުސަދުގައި އޮޅުވާލުމެއް ނެތްކކަން ގަބޫލުކުރުން ނޫން އެހެން އިހްތިޔާރެއް ފިޒާގެ ކުރިމަތީގައި ނެތެވެ. އިވުނު ހުރިހައި އަޑެއް ސާފެވެ. އެއިގައި ފޮރުވުމެއް ނުވަތަ ކަންދެއްކުމެއް ނެތްކަން ތާބިޝްގެ ޖަޒްބާތުތައް ހެކިދެ އެވެ.
ނަމަވެސް ފިޒާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ނުރައްކާތެރި ސުވާލެކެވެ. ފިޒާ ބަލައި ތާބިޝް އެނބުރި އެގެއަށް ނައީ ކީއްވެ ހެއްޔެވެ؟ ނިއްކުރިއަށް ރޫ އަރުވާލެވުނީ އެސުވާލުގެ ޖަވާބު ނުލިބޭތީ އެވެ.
"ތިޔަ ވިސްނަނީ، ފިޒާ ބަލައި އަހަރެން ނައި ކީއްވެތޯ ދޯ..!؟" ފިޒާގެ މޫނުގެ ހަރަކާތްތަކަށް ބަލަން އިނދެފައި ތާބިޝް ސުވާލުކުރި އެވެ.
އާއެކޭ ބުނުމަށް ފިޒާ ބޮލުން އިޝާރާތްކޮށްލުމުން ރިހުމުން ފުރިގެންވީ ހިނިތުންވުމަކުން ތާބިޝް ޖަވާބުދިނުން ވެގެން ދިޔައީ އަނެއްކާވެސް ފިޒާއަށް ކުރިމަތިވި ގޮންޖެހުމަކަށެވެ.
"އަމިއްލަ ދެފައިމައްޗަށް ކޮޅަށް ހުންނާނެ ހިތްވަރުވެސް އަހަރެންގެ މި ހަށީގައި އެދުވަހު ނެތް.. ފިޒާގެ އާއިލާއާއި ކުރިމަތިލާނެ ގާބިލްކަމެއް އަހަރެންގެ ކިބަޔަކު ނެތް! އެމީހުންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ހޯދަން އަހަރެންގެ އަމިއްލަ ނަފުސަށް މަޖުބޫރު...! އެކަމަށް ވަގުތުކޮޅެއް އަހަންރެން ބޭނުންވީތީ ޓެރަސްއަށް އެރީ، އަމާންކަމެއް ލިބޭނެކަމަށް ވިސްނާފައި..! އެކަމަކު އެއީ އަހަރެންގެ ހަޔާތތުގެ އެންމެ ބިރުވެރި ވަގުތުކޮޅު..! ރައުދުއާއެކު އަހަރެންގެ މަންމަ 'ޕާޓީ ކުރަމުން'ދިޔައީ އަހަރެންގެ ދެ ލޮލުގެ ކުރިމަތީގައި.. ޓެރަސްގެ މޭޒުމަތީގައި އަތުރާފައި ހުރި ފުޅިތަކާއި ދަޅުތަކަކީ އަހަރެންގެ ދެ ލޯ ފަރިތަ ތަކެއްޗަށް ނުވިޔަސް، އެއީ ކީއްކުރާ ކޯންޗެއްކަން އަހަންނަށްވެސް އެނގޭ..! ފައިދަށުން ބިންގަނޑު ދެމިގަތީ އަހަރެންގެ ގައިން ރޯ ހަން، ދަމައިގަތްފަދަ ގަދަ ރިހުމަކާއެކު..! ސިކުނޑީގައި އުފެދުނު ޒަލްޒަލާއަކީ އަހަންނަށް މައިތިރިކުރެވޭވަރަށްވުރެން މާ ބާރުގަދަ ތޫފާނެއް.. އަހަރެންގެ ފިޒާއާއި ބެހޭގޮތުން މަންމަ އެދުވަހު ރައުދުއާއި ދައްކަމުން ދިޔަ ހުތުރު ވާހަކަތައް މިއަދުވެސް މި ކަންފަތުގައި ހަރުލާފައި އެބަހުރި..!" ދެކަންފަތުގައި އަތް އަޅާފައި ތާބިޝް ރޮއެގަތެވެ.
ދެ ލޯ މަރާފައި ކަކޫމައްޗަށް ތާބިޝް ތިރިވީ މަންޒަރު ބަލަންތިބި އެންމެން ރޮއްވާލާފަ އެވެ. ނަމަވެސް މިއީ ތާބިޝް ވާހަކަދައްކަންޖެހޭ ވަގުތުކަމަށްވާތީ އެކަމަށް ފުރުސަތުދިނުން މުހިއްމުކަމަށް އެންމެން ގަބޫލުކުރީ އެކަކު އަނެކެއްގެ މޫނަށް ބަލާލާފަ އެވެ.
"އެހުރިހައި ހުތުރު އެއްޗެއް ފިޒާއާއި ދިމާއަށް މަންމަ އިސްވެހުރެ ކިޔަމުންދިޔައިރުވެސް އަދި މަންމައާއި މމަންމަގެ ދަރިންގެ އުމުރުގެ ޅަ ފިރިހެންކުއްޖަކާއެކު ކުރަމުންދިޔަ ހުތުރު އަމަލުގެ ސަބަބުންވެސް އަހަރެންގެ މަންމަގެ މައްޗަށް ނަފްރަތެއް ނުކުރެވުނު.. އެހެންނޫންނަމަ، މަންމަ ހައްޔަރުކުރުމަށް އަހަރެން ކޮންމެވެސް ކަމެއް ކުރީސް...! އަހަންނަކީ އެވަރުގެ ފިނޑި، ހިތްވަރެއް ނެތް ކުއްވުރެރިއެއް...! އަހަންނަކީ ފިޒާގެ ކުއްވެރިއެއް..! މަންމައަށް ނަފްރަތުކޮށް، އެ ހުތުރު ތުހުމަތުތައް ހުއްޓުވަން އަހަރެން ބޭނުންވި.. އެކަމަކު އަހަރެންގެ ދެފައި މަންމައާއި ހަމައަކަށް ނުފޯރި..! ދޫ ހަރަކާތެއް ނުކުރި..! ނޭގޭ އޮއެވަރެއް ސިކުނޑީގައި ހިލުވާލީ އަހަރެންގެ މުޅިގައިން އޮއްދާ ހިއްލުވާލާފައި.. ފިކުރުތަކާއި ރިހުމާއި ތަކުލީފުން އަހަރެންގެ ހިތާއި ސިކުނޑީގެ އަރާރުން ފެށުނީ ހަށިގަނޑުގެ އެހެން ހުރިހައި ގުނަވަނެއްގެ މަސައްކަތް ހުއްޓުވާފައި..! ހަގީގަތުގައި މަންމަ ރިހުން ދިނީ ފިޒާއަށް ނޫންކަމާއި ހުރިހައި ކަމެއް މެހެސޫސްކުރާނީ އަހަރެންގެ މި ނިކަމެތި ހިތްކަން މަންމައަށް ބުނެދޭން ބޭނުންވި.. އެކަމަކު އަހަރެންގެ ދޫ ހަރަކާތެއް ނުކުރި..! އަތެއް ފައެއް ކިޔަމަނެއް ނުވި..! އެސްފިޔަ ތަކުގައި ބާރުގަދަ ތެރަހެއް ލެވިފައިވާ ކަމުގެ އިހްސާސްކުރެވެންފެށީ އަހަރެންގެ އިހްތިޔާރުގައި އެންމެ އެސްފިޔައެއްވެސް ތަޅުވާ ނުލެވުމުން... މަންމަގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ނުލިބި، އަހަރެންގެ ކޮޓަރިއަށް ދެވުނީ ކިހިނެއް، ކޮންއިރަކު ކަމެއްވެސް އަހަންނަކަށް ނޭގެ..!" އަޑު މަޑުވެ ތާބިޝްގެ ހަރަކާތް މަޑުޖެހުނެވެ.
މިވަގުތު އެންމެ ކަރުނައެއްވެސް ތާބިޝްގެ ލޮލުގައި ނެތެވެ. ހިމޭންވެ އިސްޖަހައިގެން އިނީ ކީއްވެކަން ދެނެގަންނާން ނުކުޅެދުނީ ހަމައެކަނި ފިޒާ އެވެ.
ސަވާނާވެސް ކާޔާންވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން ތިބީ ކީއްވެކަން ދެނެގަންނާން ފިޒާއަކަށް ނޭގުނެވެ. ނޭވާގެ އަޑު ނޫނީ ހަތަރުފާރުތެރޭގައި އެވަގުތު ނެތެވެ. ހޭދަވި ވަގުތެއްގެ ދިގުމިނެއް ނޭގި، ހިމޭންކަން ނަގައިލީ ކަޔާންގެ ޖުމުލަ އެވެ.
"ބޭބެއަށް ނަރވަސް ބްރޭކްޑައުންއެއް އައިސް، ހަބަރު ހުސްވެގެން ކޮޓަރިތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ މެންދަމުން އަލިވިފަހުން.."
ލިބުނު ޝޮކްގައި އަނގަހުޅުވި، ދެ ލޯ ބޮޑުވެގެން ދިޔައީ ހަތަރު ފަރާތުން ފިޒާގެ ނޭވާ ފިއްތާލިހެން ހީވުމުންނެވެ. ތާބިޝް އެސްފިޔައެއްވެސް ޖަހައިނުލާ، ފިޒާއަށް ބަލަހައްޓައިގެން އިނީ އެވަގުތުގެ އިންތިޒާރުގަ އެވެ. ފިޒާގެ ހަރަކާތް ދެނެގަންނާން ބޭނުންވީތީ އެވެ.
"ތާ... ތާބިޝް.." ވަރަށް އުނދަގުލުން ފިޒާގެ ދުލުން، އެނަން ކިޔާލި އެވެ. ތާބިޝްގެ ބޮލުން އިޝާރާތްކޮށްލީ އެއީ ތެދުކަން ހާމަކޮށްދިނުމަށެވެ.
"އެއް މަސް...! އެއް މަސް، ފިޒާ..! ހޭއަރާނެކަމުގެ އުއްމީދެއް ނެތި، އަހަރެން އެގޮތުގައި އެއްމަސްވަންދެން އޮތް..! (ނުނިމޭ)