
މީޑިއާ ފެންޑާގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މިތަން ހުޅުއްވައިދެއްވިއެވެ.
ރައީސް އޮފީހުގެ ދެކުނު ފަރާތު ރަސްމީ ދޮރާށީގެ ކުރިމަތީގައި ގާއިމުކޮށްފައިވާ މީޑިއާ ފެންޑާގެ މައިގަނޑު މަގްސަދަކީ ދައުލަތާއި ސަރުކާރުގެ މުހިންމު މައުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ. މި ތަން ބަލަހައްޓާނީ ރައީސް އޮފީހުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ދުވަސްތަކުގައި މި ތަން ހުޅުވިފައި ހުންނާނެއެވެ. ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި 24 ގަޑިއިރުވެސް މި ތަން ހުޅުވައިދޭނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީޑިއާ ފެންޑާ ބޭނުންކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. އަދި ރައީސް އޮފީހުން ދޫކުރާ ހާއްސަ ހުއްދައެއް ނުވަތަ ފާހަކާއެކު އެކަންޏެވެ. މި ތަނަކީ ގްރީން ޒޯންގެ ސަރަހައްދުގައި ހުންނަ ތަނަކަށްވާތީ ސަލާމަތީ ބާރުތަކުން ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެ ސަރަހައްދަށްވެސް ހިނގާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.