
އެންވީޑަބްލިއުއޭ ބުނީ ކެނަބިސް ހުރިކަން ފާހަގަކުރެވިފައިވަނީ ތިން ވައްތަރެއްގެ ހަރިބޯ ޕެކެޓްގައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަރިބޯ ހެޕީ ކޯލާ އެފްޒެޑްގެ 1 ކިލޯގެ ޕެކެޓްތަކެވެ.
ހަރިބޯ ޕެކެޓްތަކުން ކެނަބިސް ފެނުމާއި ގުޅިގެން ހަރިބޯ ކުންފުނިން ވަނީ ނެދަލެންޑްސްގައި ވިއްކަމުންދާ މުޅި ސްޓޮކް އަނބުރާ ގެންދަން ނިންމާފަ އެވެ.
އެންވީޑަބްލިއުއޭ ބުނީ ހަރިބޯގެ މި ކެންޑީތައް ކެއުމަށްފަހު ބައެއް މީހުންނަށް ބޯ އެނބުރުމުގެ ރިޕޯޓުތައް ލިބިފައިވާކަމަށެވެ. އަދި އެތަކެތީގެ ސާމްޕަލް ނަގައި ބެލިއިރު އެއިން ކެނަބިސް ފެނިފައިވާކަން އެނގިފައިވާކަމަށެވެ.
މި މައްސަލާގައި ހަރިބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މިކަން ކުރިއަށް ދަނީ ހަމައެކަނި ނެދަލެންޑްސްގައި ކަމަށާއި އެހެން ސަރަހައްދުތަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކެނަބިސް ފެނިފައިވަނީ އަސްލު ހަރިބޯގެ އުފެއްދުންތަކުތޯ ނުވަތަ ވަގު އުފެއްދުންތަކެއްތޯ ބެލުމުގެ މަސައްކަތްވެސް އަންނަނީ ކުރުމުންނެވެ.
ހަރިބޯގެ އެކި އުފެއްދުންތަކަކީ ދިވެހިންގެ ތެރޭގައިވެސް މަގްބޫލް ބާވަތްތަކެކެވެ.