ads
އިރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ(މ)
ރޫހާނީ ލީޑަރު މުޖުތަބާ ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް
މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަގުތުން ބަންދުކުރުމަށް އިރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ ގޮވާލައްވައިފި އެވެ.
Advertisement

އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް މުޖުތަބާގެ ބަޔާނެއް ފުރަތަމަ ފަހަރަށް ވަނީ ގެނެސްދީފަ އެވެ. މި ބަޔާނުގައި މުޖުތަބާ ހާމަނާއި ފެނިވަޑައިގެންފައި ނުވެ އެވެ. ލިޔެފައިވާ ބަޔާން ކިޔާފައި ވަނީ ދައުލަތުގެ ޓީވީގެ ނޫސްވެރިޔަކު އެވެ. 

އީރާންގެ ދައުލަތުގެ މީޑިއާ އިން ގެނެސްދިން އެ ބަޔާނުގައި މުޖުތަބާ ހާމަނާއީ ވިދާޅުވެފައި ވަނީ، ސަރަހައްދުގައި ހުރި ޤައުމުތަކާއި އީރާންއާ ދެމެދު މައްސަލައެއް ނެތް ކަމަށާއި، އެ ގައުމު ތަކަށް ހަމަލާ ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ޤައުމުތަކުގައި ހުރި އެމެރިކާގެ ބޭސް ތަކަކީ އަމާޒު ތަކެއް ކަމަށާއި، އެ ތަންތަން ބަންދު ކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ.

ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުންނަށް ފިއްތުންތައް ކުރިމަތިކުރުވުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަވަށްޓެރި ގައުމުތަކާއެކު އެކުވެރިކަން ބާއްވަން ބޭނުންވިޔަސް، އެމެރިކާގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށް ހާމަނާއީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އަވައްޓެރިންނާ އެކު އެކުވެރިކަން، ހަމަލާ ދޭނީ ހަމައެކަނި ބޭސްތަކަށް އަމާޒުކޮށްގެން، އަދި އެކަން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އީރާނަށް ހަމަލާ ދޭން ފެށި ފަހުން އެ ގައުމުގައި މިހާތަނަށް 1،300އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އެމެރިކާއާއި ޔަހޫދީން ހަމަލާ ދިނުމުގައި އާންމުންނަށް ބެލުމެއް ނެތި މަދަރުސާތަކަށާއި ހަސްފަތާލުތަކަށް ވެސް ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ. މީހުން ދިރިއުޅޭ އުސް އިމާރާތްތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާއިރު، އެ އިމާރާތްތަކުގެ ދަށުވެފައި މީހުން ތިބި ކަމަށް ވެސް މަސްދަރުތަކުން ބުނެ އެވެ.

އަސްކަރީ އިންޒާރުތަކާ އެކު ހާމަނާއީ ވަނީ ދާހިލީ އެއްބައިވަންތަކަމަށް ގޮވާލައްވައި، ކުރިއަށް ހުރި ސިޔާސީ އަދި ދީނީ ހަރަކާތްތަކުގައި އީރާނުގެ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އީރާނަށް ދެމުންދާ ހަމަލާތަކުގައި ގައުމު އިސްތިއުމާރުވިޔަނުދީ ހިފެހެއްޓި އަސްކަރިއްޔާއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެ ގައުމަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި އީރާނުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މުޖްތަބާ ހާމަނާއީ ،56، އަކީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ދެވަނަ ދަރިކަލުންނެވެ. އޭނާ އަކީ އީރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;