
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ދެ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 102 ބިދޭސީންގެ މައުލޫމާތު ސާފުކޮށް، ބިދޭސީން އުޅޭ ދެ ތަނަކަށް ޒިޔާރަތް ކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އޭގެ ތެރެއިން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީއަކާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން އަތުލައިގެންފައިވެ އެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެގޮތުން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
އަދި މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.