
ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މާލޭގެ ރަށްވެހިން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް "ފަސްޓް ހޯމް" ގެ ގޮތުގައި ގޯތި ނުވަތަ ފްލެޓް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގޯތި ކަށަވަރުކޮށް ދިނުމަށްފަހު، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ރަސްމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ނިމެމުންދާ ވަރަކުން އެ ތަންތަނުން ގޯތި ދޫކުރެވޭނެ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މާލޭގެ އެއްވެސް ރަށްވެއްސަކު އަމިއްލަ ވިޔަސް އަދި އާއިލީ ގޮތުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅުން ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި މަޝްރޫއަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލުމުން އަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ލިބޭނެކަމުގެ ރަސްމީ ޔަގީންކަމުގެ ލިޔުން ދެވޭނެ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން ބަޔަކަށް ދީފައިވާ ގޯއްޗެއް ނުވަތަ ފްލެޓެއް ކަމަށް ވިޔަސް މި ސަރުކާރުން އެއެއްޗެއް އަތުނުލާނެ ކަމަށް ވިދާޅުވިއެވެ. އަދި މަކަރު ހަދައިގެން، އޮޅުވާލައިގެން ނުވަތަ ޝަރުތު ހަމަނުވާ މީހަކު ޝަރުތު ހަމަވާ ކަމަށް ދައްކައިގެން ގަވާއިދާ ހިލާފު ގޮތަކަށް ދޫކުރެވިފައިވާ ބޯހިޔާވަހިކަމެއްވާނަމަ، ކުރީގައިވެސް ކެންސަލްވާ ގޮތަށް ކެންސަލްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.