
މި މައްސަލަ ބޭރުކޮށްލީ ޕީއެންސީ މެންބަރުންގެ ވޯޓުން ކަމަށާއި، މައްސަލަ ބޭރުކޮށްލަން 43 މެންބަރުން ވޯޓު ދިން ކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 9 މެންބަރުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. މި 9 މެންބަރުންގެ ތެރޭގައި ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިމެނޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ޑރ. ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، މާލެ އާއި ހުޅުމާލެއިން އިއްޔެ ކަރަންޓު ކެނޑި ސިއްހީ ހިދުމަތަށާއި މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އަރައި ވިޔަފާރިތައް ހުއްޓުމަކަށް އައި މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލާފައެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ދިޔުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުން އިއްޔެ ފަސް ގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ރައީސް މުއިއްޒު ވަނީ ފުލުހުންނަށް އަންގަވާފައެވެ. ފުލުހުން ބުނެފައިވަނީ، ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަތުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން ޑރ. ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ޕީއެންސީ މެންބަރުންގެ ވޯޓުން ބޭރުކޮށްލާފައިވާތީ މަޖިލީހުގައި އެ މައްސަލައާ ގުޅޭ ގޮތުން ބަހުސެއް ނުކުރެވޭނެއެވެ.