
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ހޯމަ ދުވަހު ފެށުމަށްފަހު، ގަވާއިދުގައި ބަޔާންކުރާ ގޮތާ ހިލާފަށް އަންގާރަ އަދި ބުދަ ދުވަހު ޖަލްސާއެއް ނުބާއްވާ އީދު ޗުއްޓީއަށް ގޮސްފައިވެއެވެ.
މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އީދު ޗުއްޓީއަށްފަހުއެވެ. ނަމަވެސް ޖަލްސާ ނުބޭއްވުނު ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދައުރުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހެއެވެ. އެގޮތުން ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކީ މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަސްތަކެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވުމުން ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދެއެވެ. ހަމައެހެންމެ ސަރުކާރުން މަޖިލިސް ކޮންޓްރޯލްކޮށް، ސަރުކާރުން ބޭނުންވާ ހިނދެއްގައި އެކަނި ޖަލްސާތައް ބާއްވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. މިއަހަރުގެ ފުރަތަމަ ދައުރުގައި 32 ޖަލްސާއެއް ބާއްވައި 9 ބިލެއް ފާސްކޮށްފައިވެއެވެ.