
ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ދިރާގުން ބުންޏެވެ. "ގޯ ގްރީން" ހަރަކާތްތަކުގެ ދަށުން ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ހަރަކާތްތަކުގެ ތެރެއިން ދިއްދޫގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދައިފަ އެވެ.
މި އިންދި ގަސްގަހަކީ ދިގު މުއްދަތައް ފައިދާ ލިބޭ ފަދަ ގަސްކަން ދިރާގުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި އަނބު، ފޭރު، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނެ އެވެ. އިންދި ގަހުގެ ތެރޭގައި ހިމެނޭ 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަހެވެ.
ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، މިއީ، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ.
ކްލީން މޯލްޑިވްސްގެ ފައުންޑަރ އަދި ރައީސް ހަފްސަތު ހަލީމް ވިދާޅުވީ، ސަސްޓެއިނަބިލިޓީއަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށާއި، އެއީ އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެއް ކަމަށެވެ. އަދި އުންމީދަކީ ގޯގްރީން މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަށްވުރެ ފެހި ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.
ދިރާގުން ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ.