
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެކްޓިން ކޮމިޝަނަރުގެ މަގާމުުގައި ހުންނެވި އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމްއެވެ.
މި ފަރާތްތަކުގެ އިންޓަވިއު ނިމި ލިބުނު މާކްސްތައް މިދިޔަ ހަފްތާގައި މިނިސްޓްރީއަށް ފޮނުވާފައިވާކަން ވަނީ އެނގިފައެވެ. އަދި އީދު ބަންދަށްފަހު އެކަމުގައި ގޮތެއް ނިންމާނެކަންވެސް ވަނީ އެނގިފައެވެ.
ފުލުހުންގެ ތެރެއިން ސީޕީގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރުންގެ މަތީގެ މަގާމުތަކުގެ އޮފިސަރުންނެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި އަދި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.