ads
ކުށުގެ ސަޒާ - 27 ވަނަ ބައި
އެޕިސޯޑް 27
Advertisement

ތާބިޝްގެ ކޮންމެ އިބާރާތަކަށް ފިޒާ ހުރީ ތައްޔާރުވެގެންނެވެ. ހިތްވަރު ދިނުމަށް ކުރިއަށްވުރެންވެސް ތާބިޝްއާއި ގާތްވެފައި ފިރުމާލި އެވެ.

"އެދުވަހުން ފެށިގެން.. އެދުވަހުން ފެށިގެން މަންމަ.." ތާބިޝްގެ ކަރު ބެދުނީ އެވެ. 

ލަފްޒެއް ނުނިކުތެވެ. ނޭވާގެ ކޮޅަށް ހިފާލުމުން ދެލޮލުގެ ކަޅި ހުއްޓުނެވެ. ތެޅިގަނެވުނީ ނޭވާއަކަށް ފުދޭނެ މިންވަރުގެ އޮކްސިޖަންކޮޅަކަށް އެދި އެވެ. ފަހަތުގައި ހުރި ފިޒާއަށް ތާބިޝްގެ މޫނެއް ނުފެނެ އެވެ. ނަމަވެސް އެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލު ނުހަނު ކުޅަދާނަކަމާއެކު ދެނިގަތެވެ. 

ހުށިޔާރުކަމާއެކު ދެއަތުގެ ތެރޭގައި ތާބިޝް ހައްޔަރުކޮށްލީ މަންމަގެ ހިމާޔަތުގައި ދަރިޔަކު ބޮނޑިކޮށްލާހައި އޯގާތެރިކަމާއި ފަރުވާތެރކަމާއެކު އެވެ. ބުރަކަށީގައި ފިރުމަމުން، ތާބިޝްގެ ހާލަތައް އެހީތެރިވުމަށް ފިޒާ މަސައްކަތްކުރީ އޮހޮރެމުންދިޔަ ކަރުނައަށް ފަރުވާލެއް ނެތި އެވެ.

"ފިޒާ.. ފިޒާ.. އަހަރެންގެ މަންމަ.. މަންމައަށް އަހަރެން... ވަކިކުރާންވެސް ނޭގޭ.. ގަޑި ދެގަޑީރުވަންދެން މަންމައާއި ވާހަކަދައްކަން އަހަރެން މަސައްކަތްކުރިޔަސް، މަންމަ އަހަރެންގެ އަޑެއް ނާހާ.. މަންމަ ދައްކަނީ މަންމަ ބޭނުން ވާހަކައެއް.. ރެއާއި ދުވާލުގެ ދެބައިކުޅައެއްބައިގައި މަންމަ ވަގުތު ހޭދަކުރަނީ އަހަރެންގެ ފިޒާ މިގެއިން ނެރި ބޭރުކުރެވޭނެ ގޮތެއްގެ ޕްލޭންތައް ތައްޔާރުކުރުމުގައި.. މުޅި ދުނިޔޭގައި އަތް ފުނާއަޅައިގެންވެސް އަހަރެންގެ އަންހެނުން ލޮލަށް ނުފެނިގެން އުޅޭއިރު، ހަމަބުއްދި ގެއްލިފފައިވާ އަހަރެންގެ މަންމަގެ މި ހަރަކާތާއި އެއަމަލުތައް އަހަރެން ހަޖަމުކުރާނީ ކިހިނެއް..؟ ބައެއް ފަހަރު، މޭ ފަޅާފައި ހިތް ނިކުމެދާނެހެން ހީވަނީ..! ދެފަހަރުން އެއްފަހަރު ރޮއެފައި އާދޭސްކުރާނީ އަހަރެންގެ އެކަނިވެރި ހަޔާތަށް ފިޒާ ގެނެވޭނެ ގޮތަކާއި މެދު.. ދެން އަންނަ މިނެޓުގައި މަންމަ މަސައްކަތްކުރާނީ އަހަރެންގެ ދިރިއުޅުން ފިޒާގެ ކިބައިން މިންޖުކުރާނެ ގޮތަކާއިމެދު... އަހަންނަކަށް ނޭގެ އަހަރެން ހަދަންވީގޮތެއްވެސް.. އަހަރެން ވިސްނަންވީ ކޯންޗެއްކަމެއްވެސް ނޭގެ.. އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވެފައިމިވަނީ ކޮންފަދަ ތޫފާނީ ތަކްލީފްތަކެއްކަމެއް އަހަންނަކަށް ނޭގެ..! އަހަރެންގެ ހަމައެކަނި ކުށަކީ މަންމަގެ މަގާމާއި އަހަރެންގެ އަނބިމީހާގެ މަގާމު އެދެމީހުންނަށް ލިޔެދީފައި ވަކިން ހުށަނޭޅުންތަ..؟" ރޮމުން ތާބިޝް ވާހަކަދެއްކީ ފިޒާގެ އަތުގެ ތެރޭގައި އޮވެ އެވެ.

"އަހަންނަކީވެސް އެންމެ އިންސާނެއް.. މޭގައި ލެއްވީ އެންމެ ހިތެއް.. ބޮލުގައި ލެއްވީ އެންމެ ސިކުނޑިއެއް.. ހިއްސުތަކުގައިވަނީ ރިހުމާއި ތަކްލީފާއި ކެކުޅުމާއި ވޭން.. ކެތްކުރެވޭނީވެސް ވަކި މިންވަރަކަށް..!" ބިންމަތީގައި އިށީންދެ ފިޒާގެ އުނގުތެރެއަށް ބޮނޑިވެލާފައި ތާބިޝް ދެ ލޯ މަރައިލި އެވެ. 

"ތާބިޝް.. ޝް ޝް ޝް ޝް... ޕްލީޒް ޕްލީޒް.. ހުއްޓާލާ..! މިވަގުތު މިތިބީ އަހަރުމެން ދެމީހުން.. މާޒީއެއް ބަދަލެއް ނުކުރެވޭނެ.. އެކަމަކު އަހަރުމެންގެ މާދަމާއާއި މުސްތަގްބަލް އޮތީ އަހަރުމެންގެ އަތް މަތީގައި.. އެކަކު އަނެކަކަށް އިތުބާރުކޮށް، މި ގުޅުން ދެމެހުއްޓުމަކީ ދެމީހުންގެ ޒިންމާއެއް.. މި ގުޅުމުގައި ފެއިލްވީ އަހަރެން..! ތާބިޝް އެއްނޫން..!" ތާބިޝްގެ ނިއްކުރީގައި ފިޒާގެ ނިއްކުރި ޖައްސާލާފައި ދެ ލޯ މަރައިލި އެވެ. 

އިހްތިޔާރަކާއި ނުލައި އެ ހަރަކާތުގައި ތާބިޝްބައިވެރިވީ ދުނިޔޭގެ ހުރިހައި ރިހުމެއް އެ ހަށިގަނޑުން ފިލާ ދިޔަކަމުގެ އިހްސާސް އެވަގުތު ކުރެވުނީމަ އެވެ. 

"ޔޫ އަރ ހިޔަރ ވިތް މީ.." ކުޑަކުއްޖަކު ފަދައިން ތާބިޝް ބުނެލި އެވެ. ޖަވާބުގެ ގޮތުގައި ފިޒާ ހިނިތުންވެލީ ބޮލުން އިޝާރާތްކޮށްފަ އެވެ.

"ފޮރެވަރ..؟؟؟" އަނެއްކާވެސް ސުވާލުކުރީ ތާބިޝް އެވެ. ހިފެހެއްޓުމެއް ނެތި ކަރުނަ ފިޒާގެ ކޯތާފަތުން ދެމިގަތެވެ. 

"ޔެސް..! ފޮރެވަރ.." ކަރުނައިގެ ތެރެއިން ލޯބިގޮތަކަށް ހިނިތުންވަމުން ފިޒާ ބުނެލި އެވެ.

ސިކުންތެއްވެސް އިސްރާފްކުރުމެއްނެތި ފިޒާގެ ގައިގައި ތާބިޝް ބައްދައިލީ އެދެމެދަށް ވައިރޯޅިއަކަށްވެސް ވަނުމުގެ ފުރުސަތު ނުލިބޭނެ މިންވަރަށެވެ. ވަށައިގެންވީ ހުރިހައި އުފަލެއް އެދެމެދުގައި ފިޔަޖަހާލި އެވެ. މަޑުމަޑު ވައިރޯޅި އައިސް ހަށިގަނޑުގެ ހުރިހައި ބުރަކަމެއް ގެންދިޔަފަދަ ލުއި އިހްސާސެއް ކުރެވުނެވެ. 

ކަރުނައަކީ ހިތާމައިގެ ބައިވެރިޔާ ކަމަށްވިޔަސް، މިވަގުތު ފިޒާއާއި ތާބިޝްގެ ލޮލުން އޮހޮރެމުން އެދަނީ އުފާވެރިކަމުގެ ނިޝާނެވެ. ތާބިޝްއަށް ފިޒާ ލިބުނީ އެވެ. ކޮންމެ ހާލެއްގައި ގެއަށް ގެންނާން ޖެހުނަސް، މިވަގުތުން ފެށިގެން ފިޒާ އެލިބުނީ އުމުރުގެ ފަހު ނޭވާއާ ހަމައަށްކަން ތާބިޝްއަށް ޔަގީނެވެ. ހިމޭން ވަގުތުކޮޅަކަށްފަހު، މާހައުލުގެ ފަޅުކަން ނަގާލީ ތާބިޝް އެވެ.

"ފިޒާ.. އަހަރެންގެ މަންމައަށް މައާފްކޮށްދީފާނަން..؟ ޕްލީޒް..!" ދެއަތުގެ ތެރެއިން ފިޒާގެ ހަށިގަނޑު މިނިވަންކޮށްލަމުން ތާބިޝް އެދުނެވެ. އަޑާއި ރާގުގައި ހުރި ތަފާތު ދެނެގަތުމަކީ ފިޒާއަށް އުނދަގޫ ކަމެއްނޫނެވެ. 

"ތާބިޝް.. އަހަރެން.. މަންމައަށް... މައ..." ފިޒާގެ ޖުމުލަ ނުނިމެނީސް، އޭނާގެ ދެއަތްތިލައިގައި ތާބިޝް ހިފަހައްޓާލައިފި އެވެ.

ލޯތްބާއެކު ދެއަތުގެ އިނގިލިތައް މަހައިލި އެވެ. ފިރުމާލުމަށްފަހު ފިޒާގެ ކަނާއަތް ބާއްވައިލީ ތާބިޝްގެ މޭމަތީގަ އެވެ. ހިތު ވިންދުގެ އިހްސާސް ފިޒާގެ އިނގިލިތަކަށް ވާނެކަން ކަށަވަރެވެ. 

"އަހަންނަށް އިނގޭ މަންމަ ކުރީ މައާފް ހައްގުވާ މިންވަރުގެ ކަންތައްތަކެއް ނޫންކަން.. އެކަމަކު ފިޒާ، މަންމަގެ ކުށަށް ނުވަތަ ކުށްތަކަށް އެކަށީގެންވާ ސަޒާ މިދުނިޔޭގައިވެސް މަންމައަށް ނުލިބޭތަ..؟ އަނެއްކޮޅުން، ދެން އޮތް ހަގީގަތަކީ.. މަންމައަކީ.. މިހާރު ކުޑަ.. ދުވަސްކޮޅެއްގެ މެހެމާނެއް.."

ރަތްވެފައިވާ ދެލޮލުން ފިޒާއަށް ނުބަލައި ވާނެ ހުރިހައި ގޮތެއް އެވަގުތު ތާބިޝް ހޯދި އެވެ. އަވަސް އަވަހަށް އެސްފިޔަޖަހައިލީ ކަރުނަޔަށް ޖާގައެއް ނެތްކަން ސާބިތުކޮށްދިނުމަށެވެ. ލިބުނު ޝޮކްގައި ފިޒާގެ ހަތަރެސްފައި އައްސިވެފައިވާކަން ތާބިޝްއަށް ޔަގީނެވެ. 

"ބުނަން ތިއުޅޭ އެއްޗެއް ވަރަށް ސާފުކޮށް ބުނެދީފާނަންތަ..؟" މަޑުމަޑުން ފިޒާ ބުނެލި އެވެ. ހިތުގެ ތެޅުން އަވަސްވެފައި ވާތީ އެވެ.

"ފިޒާ... އަހަރެންގެ މަންމައަށް.. މަންމައަށް.." އެއަށްވުރެން އިތުރަށް ބުނުމަކީ ތާބިޝްއަށް ފަސޭހަކަމެއް ނޫނެވެ. އަޑު ބެދުނީ ހިތަށް ކެތްކުވާތީ އެވެ. 

"މަންމައަށް..؟ މަންމައަށް ކިހިނެއްވީ..؟ ހެޔޮނުވާނެ ތާބިޝް.. ބުނެދީފާނަންތަ..!" ކެތްތެރިކަން ކޮޅުންލަނީ އެވެ. ފިޒާއަށް އޮތީ ތާބިޝްގެ ނިންމުމަށް އިންތިޒާރުކުރުމެވެ. 

"ބްރެއިން ކެންސަރ.. ލާސްޓް ސްޓޭޖް..!" އިތުރަށް ދޫ ހަރަކާތެއް ނުކުރި އެވެ.

ތޫފާނުގެ ގަދަ ވިދުވަރަކުން ފިޒާއަށް ހަމަލާދިންފަދަ ބާރުގަދަ އަސަރެއް އޭނާގެ ސިކުނޑިއަށް ކުރީ އެންމެ ސިކުންތެއްގެ ތެރޭގަ އެވެ. ކޮންޓްރޯލް ނެއްޓި، ހަށިގަނޑު އަރިއަޅައިލި އެވެ. ބުނާނެ އެއްޗެއް ދުލަކު ނެތެވެ. ކުރާނެ ފިކުރެއް ނުވަތަ ވިސްނުމެއް ސިކުނޑިޔަކު ނެތެވެ. ރިހުމާއި ކެކުޅުންފިޔަވައި އެހެން އެއްވެސް އިހްސާސެއް ފިޒާގެ ހިތުގައި ނުވެ އެވެ. ޝަކުވާކުރާނެ މީހަކު ނުވަތަ ޝަކުވާ ހުށަހަޅާނެ ފަރާތެއް ނެތެވެ. ނިންމުމަކީ ތަގްދީރުގެ ނިޔާ އެވެ. 

"މަންމައަށް އޮތީ ކުޑަ ދުވަސްކޮޅެއް.. އަދަދުކޮށް ބުނަން ނޭގޭ މިންވަރަށް، މަހެއް، ދެމަހެއް ނުވަތަ ތިންހަތަރު މަސް، ނުވަތަ ހަފްތާއެއް ނުވަތަ ހަފްތާޔަކުން މަދު ދުވަސްކޮޅެއް.. ނުވަތަ އެއަށްވުރެންވެސް ކުޑަ ހިނދުކޮޅެއް.. މި ވޭނުން އަހަންނަށް ދުވަހހަކުވެސް މިންޖުވެވޭނެކަމެއް ނޭގެ.. އަހަރެންގެ އަމިއްލަ ނަފުސު ކުއްވެރިކޮށް، ރެއާއި ދުވާލު ތައުބާވެވެނީ ކިތައއް ފަހަރުކަމެއް ނޭގެ.. މަންމައާއި އަހަރެން ގުޅުން ނުކެނޑިނަމަ، ނުވަތަ ދަރިއެއްގެ ވާޖިބު ފުރިހަމަގޮތުގައި އަހަރެން އަދާކުރިނަމަ މަންމައަށް މިހެން ނުވީސްކަންނޭގެ.. އަހަންނަކީ ގާތްގުޅުންތަށް ދަމަހައްޓަން ނޭގޭ ޖާހިލެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރަނީ އެހެންވެކަންނޭގެ..! ދުނިޔޭގެ އެންމެ މާތްގުޅުމަކީ މަންމައާއި ދަރިއެއްގެ ގުޅުން.. ހާއްސަކޮށް މަންމައާއި ފިރިހެންދަރީންގެ ގުޅުން، އެކަމަކު އެގުޅުންވެސް ދަމަހައްޓަން އަހަންނަށް ނޭގުނު.. އެންމެ ލޯބިވާ އަނބިމީހާގެ ލޮލުން ކަރުނަ އަޅަން އަހަރެން މަޖުބޫރު ކުރީވެސް އަހަރެން... އަހަރެން ވަރުގެ ނާޔާމިޔާބު އިންސާނަކު ފިޒާ ދުށިންތަ..؟" ކަރުނައިގެ ތެރެއިން ހިނިތުންވާން މަސައްކަތްކުރަމުން ތާބިޝް ވާހަކަދެއްކި އެވެ.

އެތައް ދުވަހެއް ވާންދެން އޭނާގެ ސިކުނޑިއާއި ހިތުގައި ގަނޑުކޮށްފައިހުރި ހުރިހައި ޝަކުވާއެއް ފިޒާގެ ކުރިމަތީގައި ހުޅުވާލި އެވެ. 

ސިކުނޑި އައްސިވެ، ވިސްނާނުލައި ހަޔާތުގައި ނެގުނު ނުބައި ފިޔަވަޅުގެ މޮޔަހިތަށް އަރާފައި ފިޒާއަށް ހުރެވުނީ ގަބުވެފަ އެވެ. 

"ޕްލީޒް.. ޕްލީޒް.. ފިޒާ، އަހަރެންގެ މަންމައަށް މައާފްކޮށްދީ.."  ފިޒާގެ ކުރިމަތީގައި ދެއަތް ޖޯޑްކޮށްފައި ތާބިޝްގެ ދެ ލޯ މަރައިލި އެވެ.

"ތާބިޝް.. މަރުތަންމަތީގައިވާ އިންސާނަކަށް މައާފު ނުދޭނެވަރުގެ ނުބައި މީހެއްނޫން އަހަންނަކީ.. އަހަރެންގެ ހިތުގެ އެންމެ އަޑިން މަންމައަށް މައާފްކޮށްފިން.. މަންމަގެ އެ ހާލަތު ފެނުނު ވަގުތުންފެށިގެން މަންމައަށް އަހަރެން މައާފްކޮށްފިން.."" ވައިއަޑުން ފިޒާ ބުނެލި އެވެ. 

ނަމަވެސް ސާފުކޮށް ކޮންމެ އަކުރެއް ތާބިޝްއަށް އަޑުއިވުނެވެ. ހިނިތުންވެލީ އޭނާގެ 'ނިންމުމަށް' ފަހުރުވެރިވަމުންނެވެ. ތާބިޝްގެ ލޯތްބަކީ އޭނާގެ ހިއްވަރާއި ފަހުރެވެ.

"އައި ލަވް ޔޫ ފިޒާ.." ކުށްލިޔަކަށް ތާބިޝްގެ ލޯބި އޭނާ ހާމަކުރި އެވެ. ޖެހިލުންވުމެއް ނެތި އެވެ. ފިޒާ ބަލައިލީ ތާބިޝްގެ ދެ ލޮލަށެވެ. ސާފުކޮށް ލޯބީގެ ތެދުކަމަށް އެ ރީތި ދެ ލޯ ހެކިދިނެވެ. 

"ބަޓް.. އައި ޑޯންޓް ލަވް ޔޫ ތާބިޝް.." ތާބިޝްއަށް ފުރަގަސްދެމުން ފިޒާ ބުނެލި އެވެ. ތާބިޝްގެ ދުނިޔެ އޭނާގގެ ދެފައިދަށުން ދެމިގެންހެން ހީވި އެވެ. ލިބުނު މާޔޫސްކަމުގައި ދެ ލޯ މަރައިލެވުނީ ދިލަ ހޫނަކުން ހިތުގައި ވިންދުޖަހައިލީތީ އެވެ. 

"ހޫމް.. ހޫމް.. އައި ޑޯންޓް ލަވް ޔޫ.. އަންލެސްސްސްސްސް..." އަކުރުތަކަށް ދަމާލާފައި ޖުމުލަ ނުނިންމާން ފިޒާ ހިތްވަރުކުރި އެވެ. އިވުނު އަޑު ގަބޫލުނުކުރެވިގެން އެދިމާއަށް ތާބިޝް ބަލައިލީ ނިއްކުރިއަށް ރޫ އަރުވާލާފަ އެވެ. 

"ބައިވަރު ބައިވަރު ބައިވަރު ޗޮކްލެޓްސް.. އަދި  އަހަރެން ބުނި ކޮންމެ ވައްތަރެއްގެ އައިސްކްރީމް ނުދެނީސް، އައި ލަވް ޔޫ ބުނެވޭކަށް ނެތް.. ފަހަރެއްގައި އަހަރެންގެ ނިންމުން އޮތް ގޮތެއް ވިސްނާނީވެސް މި ބުނިކަންކަން ފުރިހަމަވީމައި.." ހަށަންބަނދެލާފައި ވައްކަޅިން ތާބިޝްއާއި ދިމާއަށް ބަލައިލާފައި ފިޒާ ބުނެލި އެވެ.

ވާނުވާ ވިސްނާލަން ނޭގުމުން ހައިރާންކަމާއެކު ތާބިޝްއަށް ބަލައިލެވުނީ ފިޒާގެ މޫނަށެވެ. ވިސްނާލަން އިރުކޮޅަކު މަޑުކުރި އެވެ. މާހައުލުގެ އޮއެވަރު ބަދަލުވަމުންދިޔަކަން ފިޒާއަށް ވިސްނުމުން، ތާބިޝްގެ ކުރިމަތީން ވީ އެންމެ އަވަހަކަށް ދިއުމަށް ދުއްވައިގަތެވެ. ފިޒާގެ ފަހަތުން ތާބިޝްވެސް ދުއްވައިގަތީ، ވަގުތާއި ހާލަތުގެ ފައިދާ ފިޒާ ނެގިގޮތް ވިސްނާލެވުމުންނެވެ. ގޭތެރޭގެ އެކިދިމާއިން އެކަކު އަނެކަކު އަތުޖެހޭތޯ ދުވުނީ، ހިނިތުންވުމުގެ އަޑުން ގޭތެރޭގެ މާހައުލު މުޅިން ބަދަލުކޮށްފަ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް