
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމްގެ ދާއިރާއަށް ބަލާއިރު، 10 ޖޫން 2025 ގެ ނިޔަލަށް ޓޫރިސްޓުންގެ އަދަދު 9.4 ޕަސަންޓު އިތުރުވެފައިވެއެވެ. މިއީ 2025 އަށް ފިޗްއިން ލަފާކުރާ ޖީޑީޕީގެ ކުރިއެރުން ކަމުގައިވާ 4.8 ޕަސަންޓަށް ބާރުއަޅާ ކަމެކެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ހިންގަން ފެށުމާއެކު 2026 ވަނަ އަހަރު ޖީޑީޕީގެ ކުރިއެރުން 6 ޕަސަންޓަށް އަރާނެއެވެ.
ބޭރު ފައިސާއާ ގުޅޭ ގާނޫނުގެ ދަށުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވެއެވެ. އޭޕްރީލް 2025 ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. އަދި ފިސްކަލް ސަޕްލަސް 1.1 ބިލިއަން ރުފިޔާގައި ހުރިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރަމުންދާ ސަރަހައްދު: ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރެޖިސްޓާ ކުރުމަށް ހުޅުވާލައިފަ - ފޮޓޯ: ޒުވާން މަސްވެރިޔާ
ފިޗް ރޭޓިންގްސްގެ ރިޕޯޓްގައި ވާގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު 856 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރިޒާވް ދަށްވެފައިވާ 371 މިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރުވުމެކެވެ. މި އިތުރުވުން އައިސްފައިވަނީ އިންޑިއާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ސްވޮޕް އެރޭންޖްމަންޓެއްގެ ދަށުން ފައިސާ ދޫކޮށްފައިވުމާއި، ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާގެ 20 ޕަސަންޓް ރުފިޔާއަށް ބަދަލުކުރުމަށް ފޮރިން ކަރަންސީ އެކްޓްގެ ދަށުން ލާޒިމު ކުރުމާ ގުޅިގެންނެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން ދައްކަންޖެހޭ ދަރަނީގެ މިންވަރު އިތުރުވާނެކަމަށް ފިޗް އިން ލަފާކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ ދެވަނަ ބައިގައި 688 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭއިރު، 2026 ވަނަ އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭނެކަމަށް ފިޗް އިން ލަފާކޮށްފައިވެއެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދަރަނިވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ބަޖެޓް ޑެފިސިޓް 2025 ވަނަ އަހަރު ޖީޑީޕީގެ 14.5 ޕަސަންޓަށް އިތުރުވާނެކަމަށް ފިޗް އިން ލަފާކޮށްފައިވެއެވެ.