
ކެތް ލެބް (ކެތިޓަރައިޒޭޝަން ލެބޮރަޓަރީ) އަކީ ހިތާއި ލޭހޮޅިތަކުގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަކުރެވިފައިވާ ވަސީލަތެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ޑައި އެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅިތަކުގައި ބްލޮކޭޖެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުންކުރެވެއެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ވާގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކެތު ލެބް މެނޭޖްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް އެ މިނިސްޓްރީގެ ވެބްސައިޓުން 15 ޖޫންއިން ފެށިގެން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމަށް 18 ޖޫންގެ މެންދުރު 1ގެ ކުރިން އަދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް 29 ޖޫންގެ މެންދުރު 2ގެ ކުރިން ދެންނެވިއެވެ.
އައްޑޫ ސިޓީގެ ކެތު ލެބުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ކަމަށާއި، މި މަސައްކަތް ނިމި މުވައްޒަފުން ތަމްރީން ކުރަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށް ހޮސްޕިޓަލުން ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް މި ލެބް ނިމުނު ފަހުން ދޮޅު އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ފަރާތަކާ ހަވާލުނުކޮށް އޮތުމަށް ފަހު މިހާރު މި ވަނީ ޕްރައިވެޓް ސެކްޓަރާ ހަވާލުކުރުމަށް ނިންމާފައެވެ.