
ފުލުހުން ބުނީ މިދިޔަ މިދިޔަ އޭޕްރިލް 28 އިން މެއި 29 އަށް ކުރިޔަށް ގެންދިޔަ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއާ އޮޕަރޭޝަންގައި ބައިވެރިވެ، ދިވެހި ފުލުހުންގެ ހިދުމަތުން މުހިންމު ކާމިޔާބީތަކެއް ހޯދައިފައިވާކަމަށެވެ.
ފްރޮންޓިއަާ އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާކަމަށާއި ކުރިއަށްއޮތް ތަނގުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި މަޝްވަރާކުރިކަމަށް ފުލުހުން ބުނެއެވެ.
ފްރޮންޓިއާ ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ފުލުހުން ބުނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.