
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ކުލި ނުދައްކާ މީހުން ފްލެޓްތަކުން ނެރުމުގެ ބާރު އެގްރީމެންޓުން އެޗްޑީސީއަށް ލިބިދީފައިވީ ނަމަވެސް މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8511 އެވެ.
އެޗްޑީސީގެ މީޑިއާ އިން މިއަދު ބުނީ މި ފަހުން ގެނައި ބަދަލަކާ އެކު، ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެ ނޯޓިހުގެ ބޭނުމަކީ ކުލި ދައްކަން ނަސޭހަތް ދީ ޕޭމަންޓް އެޑްވައިސް ނޯޓިސް އަކުން ހަދާން ކޮށްދިނުމެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި މިސަރުކާރުން ވަނީ ކުޑަކޮށްފަ އެވެ.