
އަތޮޅުތަކުގައި ހުތުބާ ކިޔުމަށް ހުރި ދަތިތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކައުންސިލަރުންނަށް އަމާޒުކޮށްގެން ހުތުބާ ކިޔުމުގެ ކޯހެއް ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިކޯހުގައިޮ ބައިވެރިވާން ހުޅުވާލާފައިވާއިރު ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ފުރުސަތު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކޯހުގެ ޝަރުޠު:
- ކައުންސިލަރަކަށްވުން
- ފިރިހެނަކަށްވުން
މި ކޯސް ކުރިޔަށް ދާނީ 15 ހަފްތާގެ މުއްދަށްކަމަށާއި ކޯހުގައި ކިޔަވާދޭނީ އޮންލައިންކޮށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ކިޔެވުން ކުރިޔަށްދާނީ ބަންދު ނޫން ކޮންމެ ދުވަހަކުކަމަށް މިނިސްޓްރީން ބުނެއެވެ.
ކޯހަށް ހޮވުމުގައި ބަލާ މިންގަޑު:
- ކީރިތި ގުރްއާން ފަރިތަކަމާއެކު ކިޔަން އެނގުން
- ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަކަން
ހުށަހަޅަންޖެހޭ ތަކެތި:
- ސީވީ
- އައިޑީ ކާޑުގެ ކޮޕީ
- އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް
- ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން
މި ކޯހުގައި ބައިވެރިވުމަށް އެދޭ ކައުންސިލަރުން މިމަހުގެެ 25 ގެ 13:00 ގެ ކުރިން ފޯމު ހުށައެޅުމަށް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އަދި އިންޓަވިއުތައް އޮންނަނީ މިމަހުގެ 29 އަދި 30 މި ދެދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.