
މި މަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެސއެވެ.
މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މޭކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖަޢާކުރައްވާނެއެވެ.
މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ، މޭކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފައެވެ.
އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްހަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމަށްޓަކައި މޭކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން، ހަކުރުބައްޔާއި ލޭމައްޗައް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް، މޭކް ފައުންޑޭޝަނާއެކު އެކަމަނާ ގެންދަވަނީ މަސައްކަތްކުރައްވަމުންކަމަށްވެސް ރައީސް އޮފީހުން ބުނެެއެވެ.