
އެމްއެމްއޭއިން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަށް ލިޔުމުން ފޮނުވި ޖަވަބުގައެވެ.
އެމްއެމްއޭގެ ސިޓީގައި ބުނީ ޕޭޕާލްއަށް އެކަށީގެންވާ ޑިމާންޑެއް ރާއްޖޭގައި އޮތް ކަމަށް ބެލެވޭތީ އެ އޮތޯރިޓީން ޕޭޕާލްގެ ސަރަހައްދީ އޮފީހާއެކު 2020 ވަނަ އަހަރުގެ ތެރޭގައި މަޝްވަރާތަކެއް ފެށި ކަމަށެވެ. އަދި 2021 ވަނަ އަހަރާ ހަމައަށް ކުރި އެކިއެކި މަޝްވަރާތަކުން އެނގިފައިވަނީ ޕޭޕާލްގެ ހިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާ ކުރެވިފައި ނުވަނީ އެކަމުގައި ހުރި ގާނޫނީ ހުރަސްތަކަށް ވުރެ ބޮޑަށް އެ ފަރާތުގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އެމްއެމްއޭގެ ސިޓީގައިވެއެވެ.
ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ވެސް މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި އެމްއެމްއޭގެ ފަރާތުން ދެވެން ހުރި މައުލޫމާތުތައް ހިއްސާކޮށް، އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.