
އެމްއެމްސީގެ ބައި އިލެކްޝަން ކުރިއަށް ދިޔައީ މިއަދު ހެދުނު ސޯޝަލް ސެންޓަރުގަ އެވެ. މި ވޯޓުގައި އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް، އަދި އަދަދު ނޫހުގެ ލީވާން އަލީ ނާސިރު އެވެ. މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު ލީވާން އަށް 48 ލިބުނެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ.
އާންމުން ތަމްސީލުކުރާ ގޮނޑިއަށް ހޮވުނީ ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާ އެވެ. އޭނާއަށް 38 ވޯޓު ލިބުނު އެންމެ ކައިރިން ވާދަކުރި ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމް އަށް ލިބުނީ 12 ވޯޓެވެ.
މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކަށް ނިސްބަތްވާ އަށް ނޫސްވެރިންނާއި އަމިއްލަ ގޮތުން ހޮވާ ހަތް މެންބަރުންނެވެ. އެ ކައުންސިލްގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ.