ads
އޯ.އައި.ސީ. އިން ކުރިއަށްގެންދާ އެޖަމުއިއްޔާގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވުން
އިޒްރޭލުން އީރާނަށް ދިން ހަމަލާއަކީ ސަރަހައްދުގެ ސުލްހަ ގެއްލުނު ހަމަލައެއް: ހަލީލް
އިޒްރާލުން އީރާނުގެ ބިންތަކަށް ދެމުންދާ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށް ދެވުނު ހަމަލާތަކެއްގެ ގޮތުގައި ރާއްޖެއިން ސިފަކޮށްފި އެވެ.
Advertisement

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަަނަ ސެޝަންގައި ރާއްޖެ ތަމްސީލު ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ދުނިޔޭގެ އޮއިވަރަށް އަންނަމުންދާ ބަދަލުތަކާއެކު އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި، އަދި އިސްލާމީ އުންމަތުގެ ތެރޭގައި އެއްބައިވަންތަކަން ގާއިމުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

ވަކިން ހާއްސަކޮށް މެދުކެނޑުމެއްނެތި އިސްރާއީލުން ގާޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އެކަމާމެދު ހަލީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އިސްރާއީލުން އިރާނަށް ދޭންފެށި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހަމަލާތައް ވަގުތުން ހުއްޓާލުމަށް މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

އިޒްރޭލުން ހިންގާ ހަމަނުޖެހުންތަކަކީ އެއްވެސް މިންވަރެއް ނެތް އަމަލުތަކެއް. ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަރުކަށި ކަން ދައްކަމުން، އީރާނަށް ރަހުމް ކުޑަ ހަމަލާތައް ދިނުމަކީ މުޅި ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް ނުރައްކާވަމުންދާ ކަމެއް" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގަ އެވެ. ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މި ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން މިނިސްޓަރު ވަނީ ސައުދީ އަރަބިއްޔާ ގުޅިފައިވާ އިއްތިހާދުން އިސްނަގައިގެން އެކުލަވާލާފައިވާ ޓޫ ސްޓޭޓް ސޮލިއުޝަން ތަންފީޒުކުރުމަށާއި، ގާޒާ އަލުން އާރާސްތުކޮށް ރައްޔިތުންނަށް އަލުން އުއްމީދާއި ދިރުން ގެނުވައިދޭ "ގާޒާ ރިކޮންސްޓްރަކްޝަން ޕްލޭން" އަށް އެހީތެރިވުމަށް ރާއްޖޭން ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ.

އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގަ އެވެ.

އޯއައިސީއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަހަރުގެ އޭޕްރީލް މަހު، ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާއާއެކުވެސް ވަނީ މަޝްވަރާކޮށްފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް