
ބައްސާމްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދު ކުރިއަށްދާނީ، މިހާރު ޝަރީއަތް ފެށިފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގެ ދައުވާއެވެ. އެކުއެކީގައި ކުރިއަށް ގެންދާ މި ކޭސްތައް، ކްރިމިނަލް ކޯޓުގައި އޮންނާނީ މިއަދު މެންދުރު އެކެއް ޖަހާއިރުއެވެ.
ބައްސާމްގެ ޝަރީއަތް މިހާރު ފެށި، ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު، ބައްސާމް، މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ނަގަމުން ދިޔަކަން އެންމެ ފަހުން އޮތް ޝަރީއަތްތަކުގައިވަނީ ހާމަވެފައެވެ. އެކަން ހާމަވީ، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް، މުހްމަދު އަގީލް ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ. އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން އަގީލްއާ ދެކޮޅަށްވެސް ދައުވާ ކުރެއެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން އަގީލްވަނީ މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ބުނެފައެވެ. ޝަރިއަތުގައި އެނގުނު ގޮތުގައި ކުރިން ބައްސާމް ނެންގެވީ މަހަކު 3000 ޑޮލަރުގެ އެލަވަންސެކެވެ. މިއީ އެފްއޭއެމްގެ އެކްސްކޯއިން ފާސްކޮށްގެން ނެގި އެލަވަންސެއް ކަމަށް ދޭހަވާ ގޮތަށް ބައްސާމްގެ ދިފާއީ ޓީމުން ވާހަކަ ދެއްކިއެވެ. ބައްސާމްއާ ދެކޮޅަށް މިހާރު ހިނގަމުންދާ 10000 ޑޮލަރުގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައިގަނޑު ދިފާއަކީވެސް އެ ފައިސާއަކީ އޭނާއަށް ލިބޭ މުސާރަ ކަމަށެވެ.
2023 ވަނަ އަހަރުގެ ތެރޭގައި މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި ބައްސާމްވަނީ އޭނާއަށް ބައިލައްކައެއްހާ ރުފިޔާގެ އެލަވަންސެއް ލިބޭކަމަށް ވިދާޅުވެފައެވެ. އެކަމަކު ޝަރީއަތުގައި ކުރިއަށްދަނީ 10000 ޑޮލަރުގެ ހިޔާނާތުގެ މައްސަލައެކެވެ.
"އަޅުގަނޑަށް އިނދޭ އެގްޒެކެޓިވް ކޮމިޓީން ނިންމާފަ އިންނަ އެލަވެންސެއް. ގާތްގަނޑަކަށް 50،000 ރުފިޔާ ވަރު އިންނާނެ. އެކަމަކު އެ ވެސް އަޅުގަނޑަށް ނުލިބޭތާ މިހާރު ވެދާނެ ތިންވަރަކަށް އަހަރު. އެހެންވީމަ މިދިޔަ ތިން އަހަރު އަޅުގަނޑު ނީންނާނެ އެ އެލަވެންސް ވެސް ނަގާފައެއް،" ބައްސާމްއާ ހަވާލާދީ 2023 ވަނަ އަހަރު މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ބައްސާމްގެ ޝަރީއަތުގައި އަގީލްގެ އިތުރުން އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ދެ މުވައްޒަފަކުވަނީ ހެކިބަސްދީފައެވެ. އެއީ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެކެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބައްސާމް ތައްޔާރުވަމުންދާކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެއެވެ.