ads
ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ ހަލީލް
އަމިއްލަ ސިޔާދަތު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބާއްވަންޖެހޭ: ރާއްޖެ
އަމިއްލަ ސިޔާދަތު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ގާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަމަށް ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ތުރުކީގެ އިސްތަންބުލްގައި ބޭއްވި ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރު މިކަން ހާމަކުރެއްވިއެވެ.

ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ބެލުމަށާއި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތުކުރުމަކީ ރާއްޖޭގެ ސިޔާސަތުކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމުކުރުމަށް ޒަރޫރީ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. 

އޯއައިސީ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއިރު، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަދި ސުލްހައާއި އިންސާފު ގާއިމުކުރުމަށް އޯ.އައި.ސީ. ހަރުދަނާކޮށް އަދި މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށް ފޮރިން މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އަދި އިސްރާއީލުން މެދުކެނޑުމެއްނެތި ގައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި، ފަލަސްތީނު މައްސަލަ ހައްލުކުރުމަށް އޯއައިސީގެ ހުރިހާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް