ads
ނޭނގި ހިތް ގެއްލުނީ
އެޕިސޯޑް 01
Advertisement

އާ އަހަރުގެ އުފާފާޅުކުރުމުގެ ތެރެއިން-

ހުޅުމާލޭގެ ޖައްވު ޖަރީކޮށްލާފައިވަނީ އެކިވައްތަރުގެ ދިއްލުންތަކުންނެވެ. ބާރަޖެހުމުގެ ދެގަޑީރުކުރިން ފެށި ޝޯވގެ ފޯރި، ލިޔުންތެރިއެއްގެ ގަލަމުން ބުނެދިނުމުގެ ބޭނުމެއް ނެތެވެ. ވަކި އުމުރެއް، ފަންތިއެއް އަދި ގިންތިއެއް ނެތި ފޯރިނަގަމުންދިޔައީ އާއަހަރަކަށް މަރުހަބާ ކިއުމަށެވެ. އެއްވެފައިވާ މީހުންގެ ތެރެއިން ކުރިއަށް ފިޔަވަޅެއް އެޅޭނެ ޖާގައެއްވެސް ނުލިބެ އެވެ.

މެންދަމުގެ ބާރާޖެހުމާއެކު އަރުވަންފެށި ހަވާގެ މަންޒަރުތަކުން މާލެ ސަރަހައްދުގެ އުފާވެރިކަން އިންތިހާއަށް އުފުލިއްޖެ އެވެ. ކުޅިބަލަންތިބި ބައިބޯ ސަރަހައްދަށް ކުދިބޮޑު އެންމެން އެއްވެފައިވަނީ އުފާވެރިކަމާއި ހިނިތުންވުމާއި ހަޅޭއްލެވުމުގެ އަޑުން ކަންފަތްތަކުގައި ބައެއް މީހުން އަތްއަޅަންޖެހޭ މިންވަރަށެވެ. ކުރިއަށް ދިޔަ ޝޯވގެ ހިތްގައިމުކަމާއި ހައިބަތަކީ ހާޒިރުވެތިބި ނުވަތަ އެ މަންޒަރުތައް ދުރާއި ގާތުން ބަލަމުންދިޔަ މީހަކު ހިތުން ފިލައިގެންދާނެ މަންޒަރުތަކެއް ނޫނެވެ.

މުޅި ދުނިޔެ އުފާފާޅުކުރަމުންދިޔަ މި ހާއްސަވަގުތުގައިވެސް އަމާރާ އާރިޒް ފަހުމީ އެއިނީ އޭނާގެ އެންމެ މަގުބޫލް މަންޒިލްގަ އެވެ. ހޮސްޕިޓަލުގެ އޭނާގެ ކެބިންގައި  ހުރި ހުދުގޮނޑީގައި އިށީންދެލައިގެން، ކުރިމަތީގައި ހުރި ފައިލްތަކުގެ މަސައްކަތުގަ އެވެ.

ގައިނެކޮލޮޖިސްޓަކަށްވުމަކީ އާދަޔާހިލާފަށް ގިނަވަގުތު ހޮސްޕިޓަލުގައި ވަގުތުހޭދަކުރަންޖެހޭނެ ކަމެއްކަން އެނގިހުރެވެސް އެހެން މިސްރާބަކަށް ޝައުގުވެރިކަން އަނބުރައިނުލީ އެ ދާއިރާއަށް ހުރި މަގުބޫލްކަމާއި ޝައުގެއްގެ ބޮޑުކަމުންނެވެ. ރޭގަނޑުގެ އަރާމް ނިންޖާއި، 'ސޯޝަލް ލައިފް' އެއީ އަމާރާގެ ހަޔާތުގައި މުހިއްމުކަންކަމެއް ނޫނެވެ. އެއިން ކަމަކާމެދު އަމާރާގެ ކުޑަވެސް ޝަކުވާއެއް ނެތެވެ. އޭނާގެ މަސައްކަތަށް އޮތް ލޯބީގެ ހައްގުގައި އޭނާގެ ހުރިހައި އުފަލަކާއި އަރާމެއް ގުރުބާންކުރާން އަމާރާ ތައްޔާރެވެ. 

އެހެން ހުރިހައި ރެއަކަށްވުރެން ހޮސްޕިޓަލުގެ ހިމޭންކަން މިރޭ އަމާރާއަށް ފާހަގަކުރެވިއްޖެ އެވެ. ރާއްޖޭގައި ހުރި އެންމެ އަގުބޮޑު އެންމެ ހިދުމަތް ރަގަޅު ހޮސްޕިޓަލުގައި އަމާރާ ނޫނީ ސީނިއަރ ޑޮކްޓަރެއް މިރޭ ނެތެވެ. މިގަޑީގައި ހޮސްޕިޓަލަށް އަންނަ ކޮންމެ ވީއަޕީއަކަށް މިރޭ ހިދުމަތްކުރަންޖެހޭނީ އަމާރާކަން އޭނާއަށް ޔަގީނެވެ. އާ އަހަރުގެ އުފާފާޅުކުރުމުގެ ތެރެއިން ތަފާތު ކޭސްތައް މެންދަމުގެ ވަގުތުގައި އައުމަކީ، އާންމުކޮށް ކޮންމެ ޑޮކްޓަރަކަށްވެސް އާ ކަންތައްތަކެއް ނޫނެވެ. ތަފާތަކީ ބައެއް ހާލަތްތަކުގައި ފަރުވާ ހޯދާ ފަރާތްތަކުން، 'ޑިމާންޑް ކުރާ' އާދަޔާ ހިލާފް ކަންކަމެވެ. އެކަންކަމާމެދު އަމާރާގެ ޝަކުވާއެއް އޮތީއެއް ނޫނެވެ. ނަމަވެސް އެއީ އަމިއްލަ ޒިންމާގެ ބޭރުން އަންނަ ކަންކަމަށްވާތީ ކޮންމެ ޑޮކްޓަރަކުވެސް ހާއްސަ ހާލަތްތަކުގައި އިތުރަށް ސަމާލުވާނެ ކަންކަމެވެ. ފައިލްތައް ބަހަށްޓާފައި ރައުންޑަކަށް އަމާރާ ނިކުތީ ކަންކަން ރަގަޅުތޯ ބަލާލުމަށެވެ. 

އަމާންކަމާއެކު ކުރިއަށްދިޔަ ޝިފްޓުގެ ހިމޭންކަން ގެއްލުމަށް ކުޑަކުޑަ ވަގުތުކޮޅެއްވެސް ނުނެގި އެވެ. އޯޕީޑީއާއި ދިމާއިން އިވެމުންދިޔަ ގަދަ އަޑުފަށްގަނޑުން ހޮސްޕިޓަލް ހަލަބޮލިވެއްޖެ އެވެ. އަމާރާއަށް އެހިސާބަށް ދެވުނުއިރު، ގަދަ އަޑާއެކު ދޮރު ހުޅުވީ އިންތިހާ ބާރަށެވެ. އެތެރެއަށް ވަދެގެން އައީ އިސްކޮޅުން ދިގު، ބާމަތިފުޅާ ޒުވާނެކެވެ. ލައިގެން ހުރި ހުދު ގަމީހުގައި އޮތީ ލޭ އެވެ. ވާއަތުން ކަނާއަތުގައި ހިފަހައްޓާފައި އޮތްއިރު އެ އަތުގައިވެސް އޮތީ ލޭ އެވެ. ނިއްކުރިން ފައިބަމުން ދިޔަ ލޭ ހެކިދެނީ އެތަނުގައިވެސް ދެތިންހަތަރު ޒަހަމެއް ހުރިކަމެވެ.

އެތެރެއަށް އެ ޒުވާނާ ވަނުމާއެކު، އޯޕީޑީގައި ތިބި ނަރުހުންގެ ދެ ލޯ ބޮޑުވެ، އެތައްގުނައަކަށް އަނގަހުޅުވިގގެންދިޔަ މަންޒަރު އަމާރާއަށް ފެނުނެވެ.

އަމާރާއަށް ހައިރާންކަން ލިބުނީ އަނިޔާވެފައިވާ ޒުވާނާއަށް ފަރުވާކުރުމަށް ނަރުހުން އަވަސްވެގަތުމުގެ ބަދަލުގައި އޭނާއާއި ދިމާއަށް ބަލަމުންދިޔަ މޭރުމެވެ. އަދި އެމީހުންގެ ބެލުމާއި ހަރަކާތްތަކަށް އައި ބަދަލެވެ. އެއިގެ ތެރެއިން އެއް ނަރުހެއް ބުނެލި އެވެ. 

"ޑޮކްޓަރ.. އެއީ ޝައްޔާން ޔޫސުފް ރައިޒާދް.." އެއީ ހުވަފެނީގޮތަކަށް ނިކުތް އަޑެކެވެ.

"ޝައްޔާން..؟  ކޮން ޝައްޔާނެއް..؟؟" ދެ ލޯ ކުޑަކޮށްލާފައި ނިއްކުރިއަށް ރޫ އަރުވާލާފައި އަމާރާ ސުވާލުކޮށްލީ އެބުނި އެއްޗެއް ޔަގީންނުވެފަ އެވެ.

ހަމައެވަގުތު ހުރިހައި ނަރުހުން އަމާރާއާއި ދިމާއަށް ބަލައިލީ، އޭނާއަށް ނޭގިނަމަވެސް ބޮޑު ކުށެއް ކުރެވިއްޖޖެކަން ޔަގީންކުރަން މަޖުބޫރުވާ ފަދައަކުންނެވެ.

"ދި ސުޕާރސްޓަރ! މި ސަރަހައްދުގެ އެންމެ ރީތި އެންމެ ކާމިޔާބު، އެންމެ ތަފާތު، ފިލްމް ސްޓަރ.. އެއީ ތެލޫގޫ، ހިނދީ އަދި ދިވެހި ފިލްމް ކުޅޭ ހަމައެކަނި ސްޕަރސްޓަރ، ޝައްޔާން ޔޫސުފް ރައިޒާދާ..! ޑރ އަމާރާއަށް ޝައްޔާން ނޭގޭތޯ..؟" ނަރުސްގެ އުފާވެރިކަމާއި 'އެކްސައިޓްމެންޓް' އޭނާގެ މޫނާއި އަތާއި ހަށިގަނޑުގެ ހަރަކާތްތަކުން އަމާރާ ދެނެގަތެވެ. 

"އަޅުގަނޑު އެއްވެސް ގޮތަކަށް ފިލްމް ނުބަލަން.." ދެފަރާތަކަށް ބޯ ތަޅުވާލާފައި އަމާރާ ބުނެލުމުން ދެންތިބި ހުރިހައި ނަރުހުންގެ ހައިރާންކަން އިތުރަށް ބޮޑުވި އެވެ.

ފަރުވާ ހޯދުމަށް އޯޕީޑީއަށް ވަދެހުރި ޒުވާނާއާއި ދިމާއަށް އަމާރާ ބަލައިލި އެވެ. އެއްމިޔަކަނުން ހިނިއައިސްފައި ޝައުގުވެރިކަމާއެކު ބަލަން ހުރީ އަމާރާއާއި ނަރުހުންނާއި ދެމެދު ދެކެވެމުންދިޔަ ވާހަކައާއި، އެދެމެދުގައި ބަދަލުކުރެވުނު ހަރަކާތްތަކަށެވެ. ލޮލުގައި އަޅާފައިވާ އަވިއައިނު، ހުވަފެނީ ގޮތަކަށް ނަގާފައި އަނބުރާލި އެވެ. އުއްމީދުކުރަމުންދިޔައީ ޝޮކް ލިބިފައިތިބި މުޅި އޯޕީޑީގެ ސަމާލުކަން ހޯދުމަށްކަމާމެދު ޝައްކެއް ނެތެވެ. 'ފޭން މޯމެންޓް'އެއީ ޝައްޔާންގެ އެންމެ ހާއްސަވަގުތުކޮޅެވެ. ނިއްކުރިއާއި އަތުން ކިތަންމެ ލެޔެއް ފައިބަމުންދިއަޔަސް، މިސްޓަރ ސްޕަރސްޓަރއަށް މުހިމުވީ 'ފޭން މޯމެންޓް'ކަން ޔަގީނެވެ. ވަށައިގެންވީ ހަތަރު ފާރުގެ ތެރޭގައި އޮތީ ޝައްޔާން ބޭނުންވިފަދަ މާހައުލެއް ނަމަވެސް، އިވުނު އަޑާއިމެދު އޭނާ ހައިރާންވި އެވެ.

"ސިޓް.." އަމާރާ ބުނެލީ އިށިންނަންވީ ގޮނޑި ދައްކާފަ އެވެ.

"ދެޓްސް އިޓް..؟؟!!" ވައި އަޑުން ޝައްޔާން ސުވާލުކޮށްލީ ނިއްކުރިއަށް ރޫ ބޮނޑިކޮށްލާފަ އެވެ. 

ލިބުނު ޝޮކްގައި ތުއިވެ، ހަޅޭއްލަވައިގަތުމެއް ނެތެވެ. ހައިރާންކަމެއް މޫނުމަތީގައި ނެތެވެ. ދދެއްކުންތެރިކަމެއް ނުވަތަ މިސްޓަރ ސުޕަރސްޓަރއާއި ގާތްވާން މަސައްކަތް ކުރުމެއްވެސް ނެތެވެ. 

މިއީ ޝައްޔާންގެ މުޅި ކެރިއަރގައިވެސް މުޅިން އާ ކަމެކެވެ. 

ޑޮކްޓަރ ދެއްކި ގޮނޑިއާއި ދިމާއަށް ޝައްޔާން ހިނގާލާފައި ދިޔައިރުވެސް ދެލޮލުގެ ކަޅި އަމާޒުކޮށްފައިވަނީ ސީދާ ޑޮކްޓަރާއި ދިމާއަށެވެ.

"ސޯ ޑޮކްޓަރ.. ޔޫ ރިއަލީ ޑޯންޓް ނޯ މީ..؟" ޑްރާމާގޮތަކަށް މޫނާއި ލޯ ހަރަކާތްކޮށްލާފައި ޝައްޔާން ސުވާލުކުރި އެވެ.

"ދާދި ދެންމެ ތި ސުވާލުގެ ޖަވާބު އަޅުގަނޑު ދީފިން.. އަޅުގަނޑު ފިލްމެއް ނުބަލަން..!" ސުވާލުކުރި މީހާއާއި ދިމާއަށް ބެލުމެއްނެތި، އަމާރާގެ ޖަވާބު ތަކުރާރުކޮށްލަމުން ބުންޏެވެ. 

"އައުޗް...!! ލިބިފައި މިއޮތް ޒަހަމްތަކުން ލިބެމުންދާ ތަދަށްވުރެން މާ ގަދަރިހުމަކުން ހިތުގައި ރިއްސާލައިފި.." ފިލްމީގޮތަކަށް ޝައްޔާންގެ ހިތުގެ މަތީގައި އަތް ބާއްވާލާފައި ބުންޏެވެ.

އިވުނު އަޑަށް އަމާރާ ކުޑަވެސް ސަމާލުކަމެއް ނުދިނެވެ. ބޭސްއަޅަން ބޭނުންކުރާ ސާމާނު ނަގާފައި އަތަށް އަންގި ލައްވާލި އެވެ.

"ކޮން ނަމެއްތޯ ކިޔަނީ..؟" މާބޮޑު ޝައުގުވެރިކަމެއް ނެތި އަމާރާ ސުވާލުކޮށްލި އެވެ. 

"ސީރިއަސްލީ..؟؟" އިވުނު އަޑު ގަބޫލުނުކުރެވިފައި ޝައްޔާން ބުނެލި އެވެ.

ފުރަތަމަ ފަހަރަށް ޝައްޔާންގެ މޫނަށް އަމާރާ ބަލައިލި އެވެ. 

"ހަމައެކަނި މި ހޮސްޕިޓަލުގައި މިވަގުތު ހުންނެވި ޕޭޝަންޓަކީ ތިބޭފުޅާ އެކަންޏެއް ނޫން އިނގޭތޯ މިސްޓަރ ހީރޯ..! އަޅުގަނޑުގެ ރިޕޯޓްގައި ތިޔަބޭފުޅާގެ ފުރިހަމަ ނަން ލިޔަންޖެހޭނެތީ، ނަން މި އަހާލީ..!" ސީރިއަސްމަކާއެކު އަމާރާ ބުނެލި އެވެ. 

ދާދި ގާތުގައި މަންޒަރު ބަލަންތިބި ނަރުހުންގެ ހިނިގަނޑު ކޮންޓްރޯލް ނުވެގެން އުޅޭ މަންޒަރު އަމާރާއަށް މަޖަލެއް ނުވި އެވެ. މިހައި ތަނަށް ދުވަހަކުވެސް ސުޕަރސްޓަރ ޝައްޔާން ޔޫސުފް ރައިޒާދާއި އެފަދަ ގޮތަކަށް އެހެން މީހަކު ވާހަކަދައްކާފައި ނުވާނެކަން އެކުދިންނަށްވެސް ޔަގީނެވެ. ހިނިއައީ އެސަބަބަށްޓަކަ އެވެ.

"ޝައްޔާން.. ޝައްޔާން ޔޫސުފް ރައިޒާދް.. މިހާތަނަށް، ތެލޫގޫ، ހިންދީ އަދި ދިވެހި ފިލްމް ކުޅުނު ހަމައެކަނި އިންސާނަކީ މިއީ.. ގްރެޖުއޭޓްވީ އޮކްސްފޯޑުން.. ހުސްވަގުތެއްގައި ގޫގުލްކޮށްލާފައި ބަލާލިޔަސް ރަގަޅުވާނެ.. ވަރަށް މައުލޫމާތު ލިބޭނެ.." ޑްރާމާގޮތަކަށް ޝައްޔާންގެ ޖަވާބު ދިނުމުންވެސް އަމާރާގެ ސަމާލުކަމެއް ނުލިބުނެވެ. 

"ސްޓޭ ސްޓިލް.." ސާފްކުރުމަށްޓަކައި ކަފަކޮޅެއް ނަގާފައި އަމާރާ ބުނެލި އެވެ. އަދި ފަރުވާތެރިކަމާއެކު ޝައްޔާންގެ ނިއްކުރީގެ ޒަހަމަށް ބަލައިލި އެވެ.

"ވެއިޓް.. ވެއިޓް.. ވެއިޓް.. ތިއީ އަނެއްކާ ހަގީގީ ޑޮކްޓަރެއްތަ..؟ މިބުނީ، އެއްވެސް ވަރެއްގެ ތަޖުރިބާއެއް، ނޫނީ މިކަހަލަ ކަންކަމުގެ ހުނަރެއް ހުރި ޑޮކްޓަރެއް ތޯ ތިއީ..؟" ތެޅިގެންފައި ކުއްލިޔަކަށް ބޯ ފަހަތަށް ޖައްސާލަމުން ޝައްޔާން ބުންޏެވެ.

"ނޫނޭ... މި މަގުންލައިފަ ދަނިކޮށް، ހޮސްޕިޓަލެއްގެ ނަންބޯޑް ފެނިގެން ހިތަށް އެރީ، ތަނުގެ ތެރޭގައި ހިނގާ ކަންކަންބަލައިލާ ތަޖުރިބާ ކޮށްލަން މިއީ ރަގަޅު ފުރުސަތެކޭ.. ބައެއް ބަލިމީހުންނަށް އަޅުގަނޑުކަހަލަ މީހަކު ވަރަށް މަޖާވެދާނެޔޭ.. އެހެންވެ މިރޭ، މި ދަންވަރު މިތަނަށް ވަދެގެން މިއުޅެނީ..!" ދެލޮލުގެ ކަޅި އަނބުރާލާފައި އަމާރާ ބުނެލި އެވެ.

ތަނުގައި ތިބި ނަރުހުންގެ ހިނިގަނޑު މިފަހަރު މައިތިރިއެއް ނުވި އެވެ. ޝައްޔާންއަށް ޖެހުނީ ހިމޭންވާށެވެ. އޭނާގެ ނަސީބުގައި 'ކަމިޔާބު' މިރޭ ނެތްކަން ގަބޫލުކުރުން ނޫން އެހެން ގޮތެއް ނެތެވެ.

"ކޮންމެވެސް ވަރަކަށް ދިލަ ނަގާނެ.." އެންޓިސެޕްޓިކް ނަގާފައި ދައްކާލަމުން އަމާރާ ބުނެލީ އޯގާތެރިކަމާއެކު އެވެ. 

"އަހަންނަކީ އެކްޝަން ހީރޯއެއް ޑޮކްޓަރ.. ޕެއިން ޑަސަންޓް ސްކެއަރ މީ.." އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ބުންޏެވެ.

އިވުނު އަޑަކަށް ސަމާލުކަމެއް ނުދީ، ޒަހަމް ސާފުކުރުމަށް އަމާރާ މަސައްކަތް ފެށި އެވެ. ފަރުވާތެރިކަމާއެކު ކަފަކޮޅު ޖައްސާލި އެވެ.

"އައުޗް! ކެއާފުލް!!" ވަރަށް ބާރަށް ޝައްޔާން ހަޅޭއްލަވައިގަތެވެ.

"ކޮބާ ކިހިނެއްވީ..؟ ޕެއިން ޑަސަންޓް ސްކެއަރ މީ އޭ ބުނާއަޑު ދެންމެ އިވުނު.." އެއްބުމަ މައްޗަށް ހިއްލާލަމުން އަމާރާ ބުނެލި އެވެ.

ދަތްކުޑިވިކާލާފައި ކޯކަށިގަނޑަށް ބާރުކޮށްލި އެވެ. އަދި ލޯ އަޅާލާފައި ޝައްޔާން އަމާރާއާއި ދިމާއަށް ބަލައިލީ ބޮޑަހާކާފައި އިން ކުޑަކުއްޖަކު ފަދައިންނެވެ.

"އައި ސެއިޑް އައި ޑޫ އެކްޝަން ސީންސް، ނޮޓް ފަސްޓް-އެއިޑް ސީންސް..!" ރުންކުރު ގޮތަކަށް ޝައްޔާން ބުންޏެވެ. 

"ޓިޕިކަލް ހީރޯސް..." ދެފަރާތަކަށް ބޯ ތަޅުވާލަމުން އަމާރާ ބުންޏެވެ. 

ފަރުވާތެރިކަމާއެކު ޝައްޔާންގެ ހުރިހައި ޒަހަމަކާއި އަދި ހޭކިފައިވާ ލޭތަށް އަމާރާ ސާފުކުރި އެވެ. އަދި ބޮލާއި އުޅަނބޮށީގައި ބޭންޑޭޖްކުރި އެވެ.

"އިރުކޮޅެއް ވަންދެން ގޮނޑީގައި މަޑުކޮށްލަންޖެހޭނެ.. އެހެން ޑޮކްޓަރަކު ދުރުވެ، އިތުރު ފަރުވާއެއް ބޭނުންވޭތޯ ޗެކްކޮށްލައްވާނެ..!" އޯގާތެރިކަމާއެކު އަމާރާ ބުންޏެވެ.

އާއެކޭ ބުނުމަށް ބޮލުން އިޝާރާތްކޮށްފައިވެސް، ޝައްޔާގެ ދެ ލޯ ކުޑަކޮށްލާފައި އަމާރާއާއި ދިމާއަށް ބަލައިލި އެވެ.

"ވެއިޓް..! ތިއީ ކޮން ކަހަލަ ޑޮކްޓަރެއް..؟" ކުއްލިޔަކަށް ކަމެއް ހަނދާންވިހަކަލަ ގޮތަކަށް ޝައްޔާން ސުވާލުކުރީ އަވަސް އަރުވާލާފަ އެވެ.

"ގައިނެކޮލޮޖިސްޓް" އަމާރާ ބުނެލި އެވެ.

ވަގުތުން ޝައްޔާން ހުއްޓުން އެރި އެވެ.

"މާނައަކީ.. ބޭބީ ޑޮކްޓަރ..؟؟"

"ޔެސް"

"ޔޫ ޑެލިވަރ ބޭބީސް..؟؟"

"ޔެސް"

ވަގުތުން ޝައްޔާން ކޮޅަށް ތެދުވެ، އަނިޔާ ލިބުނު އަތް، ގަޔާއި ދުރަށް ޖައްސާލި އެވެ. 

"އޯހ.. ނޯ.. އައި ޑޯންޓް ނީޑް އަ ބޭބީ ޑޮކްޓަރ ޓަޗިންގ މީ!" އަޅާފައި ހުރި ބޭސްގަނޑުތަކުގައި ޝައްޔާން ތަކުރާރުކޮށް އަތް ޖެއްސި އެވެ. ބިރުގަތްފައިވާކަން އޭނާގެ މޫނުމަތީން ދައްކާލަން ކުޅަދާނަ އެވެ.

"އަޅުގަނޑު މި ދިނީ ހަމައެކަނި ފަސްޓްއެއިޑް، މިސްޓަރ ސްޕަރސްޓަރ..! އެއީ ކޮންމެ ޑޮކްޓަރަކަށް އާންމު ކަމެއް..!"މިފަހަރު އަމާރާ ބުނެލީ ތަންކޮޅެއް ބާރަށެވެ.

އަމާރާގެ ބުނެލުމާއެކު ޝައްޔާންގެ ދެ ލޯ ކުޑަކޮށްލާފައި އަމާރާއަށް ބަލައިލި އެވެ.

"އެހެންވިޔަސް.. ކޮންމެ ގޮތެއްވިޔަސް އެހެން ޑޮކްޓަރެއް ބޭނުން..! ލައިކް އަ ޕްރޮޕަރ ޑޮކްޓަރ..؟؟" (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް