އެންސިސް މިފްކޯއަށް ގަތުމުގެ މަޝްވާރަތައް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. މިފްކޯ އަދި އެންސިސްއިން ވެސް އެކަން ކަށަވަރުކޮށްދެ އެވެ. މިކަމާ ގުޅޭ ގޮތުން ޝަމްހީދު ވާހަކަ ދެއްކެވީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަކަށް ވާހަކަ ދައްކަވަމުންނެވެ.
މިފްކޯ އިން ބުނިގޮތުގައި، އެންސިސް ފެކްޓަރީއަކީ ފަހުގެ މެޝިނަރީ އާއި އާލާތްތަކާ އެކު އިންވެސްޓް ކޮށްފައިވާ ތަނެވެ.
ނަމަވެސް އަމިއްލަ ފަރާތަކުން ކޮށްފައިވާ ބިޔަ އިންވެސްޓްމަންޓެއް މިފްކޯ އަށް "ލިބިގަތުމަށްޓަކައި" ނިންމާ ގޮތްތަކެއް އަދި އޭގެ އަގެއް އަދި ހާމައެއް ނުކުރެ އެވެ. މިފްކޯ އަށް އެންސިސް "ލިބިގަންނަނީ" ކުއްޔަށް ކަމެއް، ގަންނަނީ ކަމެއް ވެސް ނޭނގެ އެވެ.
ޝަމްހީދު ވިދާޅުވީ އަބަދުވެސް ކޮންމެ ސަރުކާރެއްގައި އޭގެ ކުރީ ސަރުކާރުން ކޮށްފައި ހުރި ކޮރަޕްޝަން ފަހާ އެކަނި ދުވެގެން ކޮޮރަޕްޝަން ނުހުއްޓެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ހަގީގީ ނަތީޖާއެއް ފެންނާނީ އެފަދަ ކަންކަން ހިނގުމުގެ ކުރިން ހުއްޓުވުމަށް ސަމާލުކަން ދީގެން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ސަރުކާރުން އެންސިސް މަސް ފެކްޓްރީ ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނޭހެން ބައެއް ފަރާތްތަކުން ވަނީ މިއީ "ބައި އަޅަން" ހިންގާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރައްވާފަ ކަމަށެވެ.
މިކަމުގެ ތެދު ދޮގު ބަލަން ޖެހޭ ކަމަށާއި އަދި މިފަދަ މުއާމަލާތެއް ހިންގާއިރު މަޖިލީހުގެ ވެސް ޒިންމާއެެއް މި މުއާލާތް ހިނގާނުހިގާ ގޮތް ބަލުމުގެ ގޮތުން މާލިއްޔަތު ކޮމިޓީން ވެސް މި މުއާމަލާތް ބަލަން އެދޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ހުޅުމާލެ 1 ގައި 50،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އެންސިސްގެ ކޭނަރީ ހުޅުވީ 9 ޑިސެމްބަރު 2019 ގައި އެ އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށެވެ. އެ އިންވެސްޓްމަންޓަށް 385 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެއީ 23 އަހަރުވީ އެންސިސް ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓު ވެސް މެ އެވެ.
އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި ކޭނަރީއެކެވެ. އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެ ފެކްޓަރީގައި ހުރެ އެވެ.
އެ ކޭނަރީ 2023 ވަނަ އަހަރު ހުއްޓައިލީ މިފްކޯއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރުމުންނެވެ.
އެންސިސްގެ ކޭނަރީގައި މީގެ ކުރިން 200 މީހުން ވަޒީފާ އަދާ ކުރި އެވެ. މިހާރު އެންސިސް އިން މަސް ޕްރޮސެސް ނުކުރި ނަމަވެސް މަސް އެކްސްޕޯޓު ކުރެ އެވެ. އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
މި ކޮމިޓީ އުފެދިފައިވަނީ 03 ޖޫން 2024 ގައި ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގަ އެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ހަރަދަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ހަރަދުތަކެއްތޯ ބެލުމާއި، މަޖިލީހުން ފާސްކުރާ ފައިސާގެ އަދަދުތައް ހޭދަކުރެވިގެން ނުވަތަ ހަރަދުކުރެވިގެންދަނީ އެކަންކަމަށްތޯ ބެލުން މެވެ.
އަދި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކުން ފައިސާ ޚަރަދުކޮށްފައިވާނަމަ، އެގޮތަށް ފައިސާ ހަރަދުކުރަންޖެހުނު ސަބަބާއި ހާލަތު ކޮމިޓީން ބެލަ އެވެ. މިގޮތުން ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން ކަންކަން ބެލުމުގައި، ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރި އިދާރާތަކާއި، ދައުލަތުގެ މިނިވަން އިދާރާތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމާއި، އޮޑިޓާ ޖެނެރަލްގެ އެކިއެކި ރިޕޯޓްތައް ދިރާސާކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުން މާލިއްޔަތު ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން، ދައުލަތަށް ލޯނު ނެގުމާއި ދައުލަތުގެ ފަރާތުން ގެރެންޓީ ދިނުމުގައި މަޖިލީހުގެ ފަރާތުން އަދާކުރަންޖެހޭ ދައުރާ ގުޅިގެން ކަންކަންކުރުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް ބެލުމާއި، އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުން ވެސް ހިމެނެ އެވެ.
ކޮމިޓީގައި ހިމެނޭ މެންބަރުން:
1. ގާސިމް އިބްރާހީމް / މާމިގިލި ދާއިރާ
2. އަހުމަދު ސަލީމް / އޭދަފުށި ދާއިރާ
3. ޑޮކްޓަރ އަޙްމަދު ޝަމްހީދު / ހުޅުމާލެ ދެކުނު ދާއިރާ
4. އަބްދުﷲ ޝަރީފް / ކެލާ ދާއިރާ
5. އަބްދުލްގަފޫރު މޫސާ / ހަނިމާދޫ ދާއިރާ
6. މުހައްމަދު މަމްދޫހު / ފުނަދޫ ދާއިރާ
7. އަހުމަދު ނާޒިމް / ދިއްގަރު ދާއިރާ
8. ހަމަދު ޢަބްދުﷲ / ފުވައްމުލަކު އުތުރު ދާއިރާ
9. އަސަދުﷲ ޝިހާބް / ގެމަނަފުށި ދާއިރާ
10. އަހުމަދު އައިފާން / ހެންވޭރު އުތުރު ދާއިރާ
11. ހަނާން މުހައްމަދު ރަޝީދު / ގުރައިދޫ ދާއިރާ