ކަމަދޫ ސްކޫލްގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް އެފްޑީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގަތުމުން އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު އިސްމާއިލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.
މި އެއްބަސްވުމުގެ ދަށުން ކަމަދޫ ސްކޫލަށް އިތުރުކުރާ ބައިގައި އަޅަނީ ދެ ކްލާސްރޫމް އެވެ. މީގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތަކާއިއެކު އޮފީސް ބްލޮކްއެއް ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެ އެވެ. މި މަސައްކަތް އެފްޑީސީއާ ހަވާލުކުރީ 5.4 މިލިއަނަށެވެ.
ކަމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަލަށް އަޅާ ދެ ކްލާސްރޫމްގެ ސަބަބުން އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖަގައިގެ ދަތިކަމާއި ވަސީލަތްތައް ނެތުމުގެ މައްސަލަ ހައްލުވެގެންދާނެކަމަށެވެ.
އަދި ކަމަދޫގެ އައު ސުކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު އިމާރާތެއްގެ ގޮތުގައި ހަދައިދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ސްކޫލުގައި މިވަގުތު ކިޔަވަނީ 74 ދަރިވަރުންނެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލްގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.