
މި ހަމަލާއަކީ އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ދިން ހަމަލާއެއް ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލާގެ ސަބަބުން ލިބިފައިވަ ތަފުސީލު އަދި އެނގިފައެއް ނުވެއެވެ.
އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން މިރޭ ބުނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ އިތުރުން އިރާގުގެ ހުޅަނުގު ޕްރޮވިންސް އަލް އަންބަރުގައި އެމެރިކާ އިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަށް ވެސް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އެ ނިއުސް އެޖެންސީން ބުނީ އިރާނުން އެ ހަމަލާ ދިން އޮޕަރޭޝަނަށް ނަން ދިނީ "ބަޝާރަތް ފަތަހު" [ނަސްރު އަންނާނެ ކަމުގެ އުފާވެރިކަމުގެ ވައުދު] ގެ ނަމުގައި ކަމަށެވެ. އެ ހަމަލާ ދޭން ބޭނުން ކުރި ކޯޑަކީ "ޔާ އަބާ އަބްދުﷲ" އެވެ. އެއީ ހުސައިންގެފާނުގެ ނަންފުޅަށް ނިސްބަތްކޮށެވެ. ހުސައިންގެފާނުގެ އެއްދަރިކަލެއްގެ ނަންފުޅަކީ އަބްދުﷲ އެވެ.
ހަމަލާއަށް ފަހު ނެރުނު ބަޔާނެއްގައި އީރާނުގެ އިންގިލާބީ ފައުޖުން ބުނީ އެ ގައުމުގެ ސަރަޙައްދާއި އިސްތިގުލާލާއި ގައުމީ ސަލާމަތާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއަކަށް އެއްވެސް ހާލެއްގައި ރައްދު ނުދީ ނުތިބޭނެ ކަމަށެވެ.
އެމެރިކާއިން ވަނީ އިއްޔެ ހެނދުނު އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އޭގެ ބަދަލުގައި އެ ގައުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އަބަދުވެސް ދެއެވެ.
އެމެރިކާއާއި އިސްރާއީލާއި ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މެދުއިރުމަތީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާލަތު ފިނި ކުރުމަށް ސަރައްހީ ގައުމުތަކުން ކުރާ މަސައްކަތުގައި އަދި ކޮޅެއް މެދެއް ފުނުމަށް ދުވަސް ނަގާނެ ކަމަށް މެދުއިރުމަތި ދިރާސާ ކުރާ ބޭފުޅުން ވިދާޅުވެ އެވެ.