
މާދަމާރޭ އޮންނަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޮތް އެންމެ މުހިންމު އެޖެންޑާއަކީ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ ބަދަލުތައް ފާސްކުރުމެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ ކޮންގްރެސް އަށް ފަހު ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއީ އެފްއޭއެމްގެ އާ އިންތިހާބު އިއުލާންކޮށް އެކްސްކޯ އިންތިހާބު ކުރުމެވެ. އިންތިހާބު ބާއްވާނެ ތާރީހު ވެސް އެ ކޮންގްރެސްގައި ކަނޑައަޅާނެ އެވެ.
އާ އިންތިހާބަށް އެފްއޭއެމް ކުރިމަތިލާއިރު، މި އިންތިހާބުގައި ބައްސާމް ވާދަކުރާނެ ކަމަށްވަނީ ބެލެވިފައެވެ. އިންތިހާބުގައި ބައްސާމް ވާދަކުރާނެ ކަމަށް ބެލެވިފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލައިގެ އިތުރު އަޑު އެހުމެއް އާދިއްތަ ދުވަހު އޮންނާނެއެވެ.
ބައްސާމްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގެ ދައުވާތައް އާދިއްތަ ދުވަހު އޮންނާނީ މެންދުރު ފަހުއެވެ.
ބައްސާމްގެ ޝަރީއަތް މިހާރު ފެށި، ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު، އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރާނެ ކަމަށް އިއުލާންކޮށްފައިވާ އެކަކީ އެފްއޭއެމްގެ ކުރީގެ ނައިބު ރައިސް އަލީ އުމަރެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.