
ބައްސާމްގެ ހިޔާނާތާއި ގުޅިގެން އަލީ އުމަރު މިއަދު ކޯޓަށް ހާޒިރު ކުރާއިރު، މީގެ ކުރިން އަލީ އުމަރު ހާޒިރު ކުރަން އޮތް ދެ ދުވަހުވެސް އޭނާ ކޯޓަށް ހާޒިރެއް ނުވެއެވެ. އެންމެ ފަހުން އޮތް ޝަރީއަތުގައި މައްސަލަ ބައްލަވާ ފަނޑިޔާރުވަނީ މިއަދުގެ އަޑު އެހުމަށް އަލީ އުމަރު ހާޒިރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަލީ އުމަރު ކޯޓަށް ހާޒިރު ކުރަނީ ދައުލަތުން ހުށަހަޅާ ހެއްކެއްގެ ގޮތުގައެވެ. ހެއްކަކަށް އަލީ އުމަރު ހާޒިރު ކުރާ އަޑު އެހުން އޮންނާނީ މެންދުރު ފަހުއެވެ.
އަލީ އުމަރު މިއަދު ހާޒިރު ކުރަން އަނެއްކާވެސް ތާވަލުކޮށްފައިވާއިރު. ކުރީގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުވެސްވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެ އިތުރުން ކުރީގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ހެޑް އަގީލްވެސް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބައްސާމް ތައްޔާރުވަމުންދާކަމަށް ކުރިން ރިޕޯޓްތައް އާއްމުވިއެވެ. އެކަމަކު އަންނަ މަހު އޮންނަ އިންތިހާބަށް އިއްޔެ ހުޅުވާލިއިރު، ބައްސާމަށް އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއްވަނީ މިހާރު ބަންދުވެފައެވެ. އެއީ، ފީފާއިން އޭނާއަށް ދިން އަދަބާއި، އަދި މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެންނެވެ.
2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައިގެ ޝަރީއަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.