
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުގެ މަގުން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ވަނީ ޓެލެގްރަމް ގުރޫޕުގައި ހާމަކޮށްފައެވެ. އިއްޔެއާ ހަމައަށް ބިދޭސީ މީހާ ހޯދުމަށް 1،035 އަކަ ނޯޓިކަލް މޭލު އަދި އޭރިއަލް ސާޗްގައި 1،496 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ގެއްލުނު ބިދޭސީ މީހާއާއެކު ޖުމްލަ ހަ މީހުން ދަތުރުކުރި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު ވަނީ ނިޔާވެފައެވެ. އެ ހާދިސާގައި ސަލާމަތްވީ ދެ ދިވެހިންގެ އިތުރުން ދެ ބިދޭސީންނެވެ. އެ މީހުންނަށް ޅ. ނައިފަރު ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ.