
އެފްއޭއެމްގެ އެކްސްކޯގެ ހުރިހާ މެންބަރުންނަށްވެސް އެލަވަންސް ހަމަ ޖައްސާފައިވާނެ ކަމަށް އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް އަލީ އުމަރު ވިދާޅުވީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ ހިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލައިގައި މިއަދު ހެކިބަސް ދެމުންނެވެ.
އަލީ އުމަރު ވިދާޅުވީ، އެކްސްކޯގެ އެންމެންނަށްވެސް އެލަވަންސް ހަމަ ޖައްސާފައިވީނަމަވެސް ހުރިހާ މެންބަރުން އެލަވަންސް ނުނަންގަވާ ކަމަށެވެ. އެކަމަކު ގަވައިދުން އެލަވަންސް ނެންގެވި މެންބަރުން ތިއްބެވި ކަމަށް އަލީ އުމަރު ވިދާޅުވިއެވެ.
އަލީ އުމަރު ވިދާޅުވި ގޮތުގައި އޭނާ ހަނދާންވާ ގޮތުން، ކުރިން 3000 ޑޮލަރު، އަދި ފަހުން 5000 ޑޮލަރުގެ އެލަވަންސެއް ބައްސާމަށް ދިނެވެ. އެކަމަކު އެ އެލަވަންސް ބައްސާމް ނެންގެވިކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށް އަލީ އުމަރު ވިދާޅުވިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބައްސާމް ތައްޔާރުވަމުންދާކަމަށް ކުރިން ރިޕޯޓްތައް އާއްމުވިއެވެ. އެކަމަކު އަންނަ މަހު އޮންނަ އިންތިހާބަށް އިއްޔެ ހުޅުވާލިއިރު، ބައްސާމަށް އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއްވަނީ މިހާރު ބަންދުވެފައެވެ. އެއީ، ފީފާއިން އޭނާއަށް ދިން އަދަބާއި، އަދި މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެންނެވެ.
2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައިގެ ޝަރީއަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.