
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން ނިންމީ، ރައްޔިތުންގެ މަޖިލީހުން ނިންމި އެ މައްސަލަ، ޖުޑީޝަލް ރިވިއުގެ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ. މި ހުކުމް ކުރީ ސިވިލް ކޯޓުގެ އިސްގާޒީއެވެ.
ބޮޑެތި ތުހުމަތުތަކާ އެކު އީސީގެ މެންބަރުކަމުން އާސިފް ވަކިކުރީ މިހާރު މިއޮތް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން، މިދިޔަ އަހަރުއެވެ. އާސިފް ވަކިކުރަން 68 މެންބަރުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ. ގިނަ ތުހުމަތުތަކަކާ އާސިފް މަގާމުން ވަކިކުރުމުން އޭނާ އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
ކޯޓުގައި އާސިފް އެދިފައިވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އޭނާގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އާސިފްއަކީ ގިނަ ދުވަސްތަކެއްވަންދެން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2008 ވަނަ އަހަރުން ފެށިގެން، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަން ކުރެއްވުމަށް ފަހު، 2011 ގައި އާސިފްވަނީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓްވެފައެވެ. އޭގެ ފަހުން، ޑިރެކްޓަރކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ކުރެއްވުމަށް ފަހު ކޮމިޝަން މެންބަރުކަމަށް އައްޔަން ކުރެވުނީ 2021 ވަނަ އަހަރުއެވެ.
ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން އާސިފް މަގާމުން ވަކިކުރީ، 2024 ވަނަ އަހަރުއެވެ.