
ފުލުހުން ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބާ ބުލީގެ އަމަލުތައް އިތުރުވަމުންދާތީ، މިކަން ހުއްޓުވުމަށް ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
މިގޮތުން ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށާއި ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށެވެ.
ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ފުލުހުން ދެމިތިބޭނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.