ads
މައްޗަންގޮޅި މެދު ދާއިރާ މަޖިލިސް މެމްބަރު ޒަމީރު
މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސް ދެއްވާނެ: ޒަމީރު
މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ
Advertisement

ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުން ބިން ލިބިފައިވާ ހުރިހާ ފަރާތްތަކަކީ އެގްރީމަންޓެއް ކުރެވި ރަޖިސްޓްރީ ލިބިފައިވާ ފަރާތްތަކެއް ކަމަށް ވީ ހިނދު، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އެ ލިބިފައިވާ ބިންތައް އެ ފަރާތްތަކަށް ހަވާލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި، ބިންތައް ދޫކުރެވިފައިވާ ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭނަށް ގެންނަން ޖެހޭ އެންމެ އެކަށީގެންވާ އިސްލާހުތައް ގެނެސް، އެ ބިންތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ގިނަ މަސައްކަތްތައްކެއް ކުރައްވަމުން ގެންދަވާތީ، އެކަމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. 

ޒަމީރު ވިދާޅުވީ ރައީސްގެ އަމާޒަކަށް ވެފައިވަނީ ބިންވެރިޔާ ސްކީމާއި އަދި ގެދޮރުވެރިޔާ ސްކީމުން އެތަންތަން ލިބިވަޑައިގެންނެވި ބޭފުޅުންނާ އެތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުން ކަމަށާއި ބިންވެރިޔާ ސްކީމުގެ ބަދަލު ގެނެވިފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނުގެ ސަބަބުން، ކުރިން ލިބިފައިވާ ޕްލޮޓް ލޮކޭޝަންތަކަށް ބަދަލުތަކެއް އައިސްފައިވާއިރު، ގިރާވަރުފަޅުން ބިން ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންގެ ބިންތަކެއް ގުޅީފަޅަށް ބަދަލުކުރެވިފަ ވާކަަމަށެވެ. 

އެގޮތުން ބިން ލިބިފައިވާ ތަނަށް ބަދަލު އައުމުގެ ސަބަބުން ރަޖިސްޓްރީ އަޕްޑޭޓުކޮށް ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް ހަމަޖެހިފައިވާއިރު، ރަޖިސްޓްރީގެ "ހަމައެކަނި" އަޕްޑޭޓު ވާންޖެހޭނީ (ޕްލޮޓް ނަންބަރާއި/ލިބިފައިވާ ތަނުގެ ނަން) އެކަނި ކަމުގައި ޒަމީރު ވިދާޅުވި އެވެ.

"ކުރެވިފައިވާ އެގްރީމަންޓް ބާތިލުކުރެވި، އަލުން އާ އެގްރީމަންޓަކާއި އެކު އެތަންތަން ހަވާލުކުރުމުގެ މަރުހަލާއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވާތީ، މިއީ ރައީސްގެ ވިސްނުންފުޅާ ހިލާފަށް ކުރިއަށް ގެންދެވޭ ޕްރޮސެސްއެއް ކަމަށް އަޅުގަނޑު ދެން. އެހެނީ، އަލުން އެގްރީމަންޓް ކުރުމުގައި ކުރީގައި ކުރެވިފައިވާ އެގްރީމަންޓުގައި "ނެތް އުސޫލެއް" ހިމެނި، އަދި ކުރިން ކުރެވިފައިވާ އެގްރީމަންޓް ވަކި ބައެއްގެ ބާތިލް ކުރުމަކީ ކުރެވިގެން ވާނޭ ކަމެއް ނޫން" ޒަމީރު ވިދާޅުވި އެވެ.

އުސޫލު ނަންބަރު 2022/G-19 ގެ ދަށުން ހުޅުމާލޭގައި ވެސް ގިނަ ބިންތަކެއް ހަވާލުކުރެވި، ބައެއް ބިންތަކުގައި މިހާރު އިމާރާތްތަކެއް ވެސް ކުރެވިފައި ވާއިރު، ގުޅީފަޅުގެ އެގްރީމަންޓް އަޕްޑޭޓްކުރުމުގެ މަރުހަލާގައި ތަފާތު އެގްރީމެންޓެއް ތަފާތު އުސޫލުތަކަކާއިއެކު ހެދުމަކީ މުޅި މި ސްކީމްގެ ދެކޮޅު ދިމާނުވުންތަކެއް ކަމުގައިވެސް ޒަމީރު ވިދާޅުވި އެވެ.  

މާލޭ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ބިންތައް ދޫކުރުމުގައި އާ އުސޫލެއްގެ ސަބަބުން (މިސާލަކަށް އަނބިމީހާ/ފިރިމީހާ އަށް ފްލެޓެއް ލިބިފައިވުން، ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދަކުން 600 އަކަ ފޫޓައްވުރެ ބޮޑު ތަނެއް އޮތުމުގެ ސަބަބުން) މިފަދަ އެއްވެސް ސަބަބަކާއި ހުރެ، ނުވަތަ ކުރިން ކަނޑައެޅިފައިނުވާ އުސޫލެއްގެ ދަށުން، އެފަރާތަކަށް ލިބިވަޑައިގެންފައިވާ ތަނެއް އަތުލުމުގެ ވިސްނުންފުޅެއް ރައީސް ނުގެންގުޅުއްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ޒަމީރު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

"އުސޫލު ނަންބަރު 2022/G-19 ގެ (ބ) ގައި ބުނާ "ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހައިތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުން" މީގެ މާނަ ވަނީ ބިންވެރިޔާ ސްކީމުގެ ރަޖިސްޓްރީ ދޫކުރިއިރު ކޮށްފައިވާ އެގްރީމަންޓުގެ މާއްދާތަކުން ސާފުކޮށް ފެންނަންކަމަށް ވީއިރު، އެމާއްދާ އިތުރުގޮތަކަށް މާނަ ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ނުދެކެން" މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ޒަމީރު ވިދާޅުވި އެވެ.

މާލޭގެ އެންމެހައި ރައްޔިތުން މި ސަރުކާރު ހޮވަން ދެއްވި ވޯޓުގެ އިތުބާރު ހިފެހެއްޓުމަށް ރައީސް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޒަމީރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނޭ ކަމާމެދު އޭނާ ޝައްކުނުކުރައްވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް މާދަމާ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން ނެވެ. އެގޮތުން ރަޖިސްޓްރީ ދޫކުރުން ކުރިއަށްދާނީ މާދަމާ ހެނދުނުން ފެށިގެންނެވެ. "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުން ކުރިއަށްދާނީ، ކުރިން ހައުސިން މިނިސްޓްރީ ހިންގި ބިމުގައި، އެކަމަށް ހާއްސަކޮށް ހަދާފައިވާ ސަރަހައްދުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް