
މިއީ، ރަހުނު ނުހިމެނޭ ބޭންކިން މުއާމާލާތުގެ މައްސަލައެއްގެ ގޮތުގައި ބޭންކް އޮފް ސިލޯނުން ޖާހު ކުންފުންޏާ ދެކޮޅަށް ދައުވާކުރި މައްސަލައެކެވެ. އެއީ، ބޭންކް އޮފް ސިލޯނުން ޖާހު ކުންފުންޏަށް ދޫކޮށްފައިވާ ޓެމްޕަރަރީ އޯވަޑްރާފްޓެއްގެ މައްސަލައެކެވެ.
އެއްބަސްވުމާ އެއްގޮތަށް ޖާހުން އެ ފައިސާ ދައްކާފައި ނުވާތީ ސިލޯން ބޭންކުން ދައުވާ ކުރި މި މައްސަލައިގައި ސިވިލް ކޯޓުން ހޯމަ ދުވަހު ޖާހު ކުންފުނީގެ މައްޗަށް ހުކުމްކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށެވެ.
މި ފައިސާގެ ހުކުމް ޖާހު ކުންފުނީގެ މައްޗަށް އިއްވާފައިވަނީ އެ ކުންފުނީގެ ގައިރު ހާޒިރުގަ އެވެ.
ޖާހުގެ މައްޗަށް ދެ މިލިއަން ރުފިޔާގެ ހުކުމެއް އިއްވިއިރު، ހުޅުމާލޭ ފޭސް އެކެއްގައި "ދަ ގާޑަން" ފްލެޓްތައް އިމާރާތްކުރާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހިފަހައްޓަން ސިވިލް ކޯޓުން އޭޕްރީލް މަހު އަމުރު ކުރިއެވެ.
އެ އަމުރުގައި ވަނީ ރާއްޖޭގައި ހުރި ބޭންކްތަކުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާ ހުރި ނަމަ އެ ހުރިހާ ފައިސާއެއް ހިފެހެއްޓުމަށެވެ. އޭގެ ތެރޭގައި ސިލޯން ބޭންކްވެސް ހިމެނެއެވެ.