ads
ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ސަން
ގުޅިފަޅު އެސޯސިއޭޝަނުން އެދުނީ ގޯތިތައް ހަވާލުކުރުމުގެ އާ އުސޫލު ބަލައިނުގަތުމަށް
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އާންމުކުރި އުސޫލު، ކުރިން އޮތް ގޮތަށް ބަދަލުނުކޮށްފިނަމަ، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އާ އެއްބަސްވުމުގައި ސޮއިނުކުރަން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މިއަދު އެދިއްޖެ އެވެ.
Advertisement

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.

ކުރީގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓަރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.

މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން 26 ޖޫން 2022 ގައި ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ ފުށުއަރަ އެވެ. އާންމުންގެ ކަންބޮޑުވުން އޮތީ އެ މައްސަލާގަ އެވެ.

ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ) ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. 

ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް ޝަމްއާން ރަޝީދު ވިދާޅުވީ މި ސަރުކާރުން ހެދި އާ އެއްބަސްވުން ކުރިން އޮތް ގޮތަށް ބަދަލު ނުކުރަނީސް، އެ އެއްބަސްވުމުގައި ސޮއިނުކުރަން އެދޭ ކަމަށެވެ.

"އެއްވެސް ބޭފުޅަކު މިވަގުތުގައި މިއޮތް އެގްރީމަންޓުގައި ސޮއިކުރަން ނުދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަދި ވިހާވެސް އަވަހަކަށް އޭތި ބަދަލު ކުރެވުމަށްފަހު ކުރިއެކޭ އެއްގޮތަށް އިން އެގްރީމަންޓް ލިބޭނެ ކަމަށް އުންމީދުކުރަން،" އޭނާ ވިދާލުވި އެވެ.

ގުޅީފަޅު އެސޯސިއޭޝަންގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ގުޅީފަޅުގެ ގޯތީގެ މައްސަލައިގައި މި ސަރުކާރުން ނިންމާފައިވާ ނިންމުންތައް ގާނޫނުތަކާއި އުސޫލުތަކާއި ހިލާފުވެފައިވާތީ، އެ ނިންމުން އެގޮތަށް ބާއްވައިފިނަމަ މަދަނީ ބަދަލާއެކު ރައްޔިތުންނަށް ގެއްލުމުގެ ބަދަލު ވެސް ހޯދޭނެ ކަމަށެވެ.

ނިޝާން ވިދާޅުވީ މީހަކަށް ރަޖިސްޓަރީ ހަދައި އެގްރީމެންޓްކޮށް ބިމެއް ހަވާލުކުރުމާ އެކު އެތަނަށް ދައުލަތުގެ ބާރު ކެނޑުނީ ކަމަށެވެެ.

"ގާނޫނު ގަބޫލުކުރާ އިން ފާރަކީ މީހަކަށް ރަޖިސްޓްރީއެއް ހަދައިދީފައި އެހްރީމެންޓް ހަދާފައި ދޭ ހިސާބުން ފެށިގެން ދައުލަތުގެ ހިޔާވެހި ކަމުން ނެއްޓިގެން ދިޔައީ." ނިޝާން ވިދާޅުވި އެވެ.

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުގެ 684 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،242 ގޯއްޗާއި، 2،050 އަކަފޫޓުގެ 923 ގޯއްޗާއި، 2،450 އަކަފޫޓުގެ 479 ގޯއްޗާއި، 2،850 އަކަފޫޓުގެ 158 ގޯއްޗާއި، 3،250 އަކަފޫޓުގެ 49 ގޯއްޗާއި، 3،650 އަކަފޫޓުގެ 22 ގޯތި ހިމެނެ އެވެ.

ގުޅީފަޅު އެސޯސިއޭޝަނުން އެދުނީ ސަރުކާރުން ބަދަލު ގެނެސްފައިވާ ގުޅީފަޅު ގޯތި އެއްބަސްވުމުގައި، ގޯތި ލިބުނު އެއްވެސް މީހަކު ސޮއި ނުކޮށް އަދި މަޑުކުރުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް، ކުރީގައި އޮތް އުސޫލަށް އެނބެރި ރުޖޫއަވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް