
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން އަނެއްކާވެސް ބިލެއްވަނީ ހުށަހަޅާފައެވެ. އެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނާއިބު ރައީސް ނާޒިމް މިއަދު ވިދާޅުވީ، މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ތާރީހީ ބިލެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މި ބިލް މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅުނީ، 2014 ވަނަ އަހަރުއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިއީ ކުރިއަރާފައިވާ ގައުމުތަކުގެ ޑީއެންއޭގައި ހިމެނޭ މާތް ސިފައެއް ކަމަށެވެ.
"މިހާރު ޤާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި ވަނީ ތަޅުލެވިފައި. އަސާސީ ޙައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތައް ބިނާވެފައިމިވަނީ މި ޤާނޫނުއަސާސީގައި ތަޅުލެވިފައި ހުރި މާއްދާތަކާ. އެ މާއްދާތައް ހުޅުވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ. އެހެންވީމާ މިއަދު ހުށަހެޅިގެން މިދަނީ އެކަމަށް މަގުފަހިކޮށްދޭ ޤާނޫނު ކަމަށްވާތީ މިއީ އަޅުގަނޑުމެންގެ ބަރުލަމާނީ ހަޔާތުގައި ވަރަށް މުހިންމު ޤާނޫނެއް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ހުށަހަޅުއްވާފައިވާ ބިލުގައި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސްގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލުގައި ވާގޮތުން މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެ އެވެ. އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ބާއްވަން ޖެހެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލެއް 2014 ވަނަ އަހަރުވެސް މަޖިލީހަށް ހުށަހެޅުނެވެ. އެ ފަހަރު ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭރު ނިލަންދޫ ދާއިރާގެ މެންބަރު އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލްއެވެ. އެކަމަކު އޭރު އެ ބިލްގެ މަސައްކަތް ކޮޅެއްގައި ނުޖެހިދިޔައީއެވެ.