ދޯނީގެ ވެރިފަރާތުން ބުނީ، އިއްޔެ މަހަށް ނުކުމެ ދެ ޓަނަށް ވުރެ ގިނަ މަސް ބޭނުމަށް ފަހު، އެ އަތޮޅު މުލި ބޭރުގައި އޮތް މިފްކޯގެ ޖަޒީރާ ބޯޓަށް މަސް ކިރުވަން ދިޔައީ ހެނދުނު ކަމަށެވެ. ނަމަވެސް މަސް ކިރުވުން އެ ވަގުތު މެދުކަނޑާލާފައިވާ ކަމަށާއި ދެން އަލުން މަސް ކިރަން ފަށާނީ ހަވީރު ކަމަށް މިފްކޯ ބޯޓުން ބުނި ކަމަށެވެ.
ދޯނީގެ ވެރިފަރާތުން އިތުރަށް ބުނީ ކައިރި ރަށްފުށުގެ މީހުންނަށް ގުޅި ނަމަވެސް އިއްޔެ ހެނދުނު 7:30 ވިއިރު ވެސް އެއްވެސް ބަޔަކު މަސްތައް ބޭނުން ނުވުމުން މަސްތައް އުކާލީކަމަށެވެ.
އޮޑިން މަސްތައް ކަނޑަށް އަޅާލި މަންޒަރު ސޯޝަލް މީޑިއާ ގައި އާންމު ވެފައި ވާއިރު، ބޯޓަށް މަސް ކިރާ 14ރ. ރޭޓުން ބަލާއިރު ކަނޑަށް އަޅާލަން ޖެހުނު މަހުގެ އަގަށް ގާތްގަނޑަށް 38،000 ރ. އަރާނެ ކަމަށް ބެލެވެ އެވެ.