
މަންމައާއި ދުރަށްވެސް ޖެހިލާން ބޭނުންނުވާ ދަރިއަކު ފަދައިން، މަންމައާއި ދާދި ގާތުގައި ޝައްޔާން އެހުންނަނީ މުޅިން ތަފާތު މަގުސަދެއްގަ އެވެ. އަމާރާގެ ސަމާލުކަން އޭނާއަށް ހުއްޓޭނެ ސިކުންތެއްގެ އިންތިޒާރުގަ އެވެ.
ނަމަވެސް ޝައްޔާންގެ އިންތިޒާރަށް ނިމުމެއް އަތުވެދާނެކަމުގެ ކުޑަވެސް އިޝާރާތެއް އޭނާއަށް އަދިވެސް ނުލިބެ އެވެ.
"މަންމާ، ވަރަށް އުނދަގުލުން ނޫނީ ޑޮކްޓަރ އަމާރާގެ އެޕޮއިންޓްމެންޓެއް ނުލިބޭނެ.. މަންމަގެ ސިއްހީ އިތުރު އެހެން މައްސަލައެއް ހުއްޓަސް ޑޮކްޓަރ އަމާރާއަށް ދަންނަވާލައްޗޭ.." ލާނެއް ފާޑަކަށް ބުނެލަމުން ވައްކަޅިން ޝައްޔާން ބަލައިލީ ޑޮކްޓަރ އަމާރާއަށެވެ.
"ޝައްޔާން ދަރިފުޅާ.. މަޑުންހުރޭ..!" ލޯބިގޮތަކަށް ލޯ އަޅައިލަމުން ޒަހްރާ އިޝާރާތްކުރީ ޝައްޔާން އެއްޗެކޭ ނުބުނެ މަޑުން ހުރުމަށެވެ.
"ހަމަބުނެލީ މަންމާ..! މިއީ މި ހޮސްޕިޓަލްގެ އެންމެ ގާބިލް ޑޮކްޓަރ، އަހަރެންގެ މަންމަގެ ޗެކަޕްއަށް މިފަދަ ޑޮކްޓަރެއް ލިބުމަކީ ކޮންފަދަ ނަސީބެއް..!؟ ޝީ އިޒް ދި ބެސްޓް!" ހަށިގަނޑު ސީދާ ކޮށްލާފައި ޝައްޔާން ބުންޏެވެ. ޝައްޔާންގެ ކޮންމެ ޖުމުލައެއްގެ އަމާޒަކީ އަމާރާގެ 'ސަމާލުކަމެވެ'.
އަމާރާ މަސައްކަތްކުރީ އޭނާގެ 'ޕްރޮފެޝަނަލް' ކަމުގައި ޒަހްރާއަށް އެންމެ ފުރިހަމަ ހިދުމަތްދެވޭތޯ އެވެ. އިވެމުންދިޔަ އެއްވެސް އަޑަކުން އަމާރާގެ މަސައްކަތަށް ކުޑަވެސް އަސަރެއްކުރިޔަކަ ނުދިނެވެ. ޝައްޔާންގެ އެންމެ އިބާރާތެއް އޭނާގެ ކަންފަތާއި ހަމައަށް ވާސިލްވިކަމުގެ އިޝާރާތެއްވިޔަވެސް ނުދިނެވެ.
އަމާރާގެ މަސައްކަތް ނިމުމުން ޒަހްރާ ތެދުވި އެވެ.
"ޝުކުރިއްޔާ ދަރިފުޅާ.. ބަރަކާތް ލައްވާށި!! ކުޑަކުޑަ ކަމެއްގައި ވަރަށް ބޮޑަށް އުނދަގޫކުރެވުނީތީ މައާފަށް އެދެން..!" ލޯތްބާއެކު އަމާރާގެ މޫނަށް ބަލައިލަމުން ޒަހްރާ ބުންޏެވެ.
"ނޯ ޕްރޮބްލަމް، އިޓްސް މައި ޑިއުޓީ! ޓޭކް ގުޑް ކެއަރ" ޒަހްރާގެ ބުރަކަށީގައި ފިރުމާލަމުން ހިނިތުންވެފައި އަމާރާ ވާހަކަދެއްކީ އޭނާގެ އެހެން ބަލިމީހުންނާމެދުވެސް ކަންތައްކުރާ އުސޫލުންނެވެ.
ދާދި ގާތުގައި ހުރެގެން ޝައްޔާން ކެތްތެރިކަމެއްނެތި އުއްމީދު ކުރަމުންދިޔައީ އޭނާއާއި ދިމާއަށް އަމާރާ ބަލލައިލާނެ ވަގުތަކަށެވެ. ނަމަވެސް އިސްއުފުލައި ބަލައިލުމެއްނެތި އޭނާގެ ފައިލްތަކުގެ މަސައްކަތުގައި ކުރިއެކޭވެސް އެއްގޮތަށް ޝާމިލުވެއްޖެ އެވެ.
ޝައްޔާންގެ ހަރަކާތްތަކަށް ބަލަމުން ޒަހްރާ ދެފަރާތަކަށް ބޯ ހޫރުވާލި އެވެ. ދަރިފުޅުގެ ސިޔާސަކަމާއި އެކުވެރި މިޒާޖު އޭނާއަށް ރަގަޅަށް އެގެ އެވެ.
ޝައްޔާންގެ އަތުގައި ހިފައިގެން ޒަހްރާ ހިނގައިގަތީ ހިނިއައިސްފައި ހުރެ އެވެ. ޝައްޔާންގެ ހިތުގައި ހިނގަމުންދިޔަ ހަނގުރާމައިގެ ހިލަމެއްވެސް ޒަހްރާއަށް ނުވެ އެވެ. ދޮރުން ނިކުތުމުގެ ކުރިން 'އަދިވެސް އެއްފަހަރު' އަމާރާއާއި ދިމާއަށް ޝައްޔާން ބަލައިލި އެވެ.
ލިބުނީ އުއްމީދާއި ކާމިޔާބެވެ.
ފައިލްތަކަށް ބަލަހައްޓައިގެން އިނަސް، އަމާރާގެ މޫނުމަތީގައި ދަތުރުކޮށްލި އާދަޔާ ހިލާފް ހިނިތުންވުން ޝައްޔާންއަށް ފެނިއްޖެ އެވެ.
އެހެން މީހުން ކުރިމަތީގައި ދައްކަން މަސައްކަތްކުރި 'ތަފާތު'ގައި މާބޮޑު ފަރަގެއް ނެތްކަން ޝައްޔާން ގަބޫލުކޮށްފި އެވެ. އެކަން އަމިއްލަ ސިކުނޑިއަށްވެސް ވިސްނައިދިނެވެ.
މިއީ ޝައުގުވެރިކަމެކެވެ. އާދަޔާހިލާފަށް ޝައުގުވެރިކަމެކެވެ! ޑޮކްޓަރ އަމާރާ، ވަރަށް ޝައުގުވެރި އެވެ.
.............
ހުޅުމާލޭގެ ހޫނުގަދަ މަގުތަކުގައި އަގުބޮޑު ކާރު ދުއްވަމުންދިޔައިރު ޝައްޔާންގެ ސިކުނޑީގައިވަނީ އެންމެ ހިޔާލެކެވެ. ޝައްޔާންގެ ފިސާރިކަމާއި، ފުރިހަމަކަމާއި ހިތްގައިމުކަމާއި މަޝްހޫރުކަމުގެ ސަބަބުން ކުޑަވެސް އަސަރެއް ނުކުރާކަން ދައްކަން އަމާރާ ކުރަމުންދިޔަ މަސައްކަތެވެ.
އުންމީދުގެ ރޮދިފަށް ކެނޑެމުންދަނިކޮށް ޝައްޔާންއަށް ފެނުނު 'ލުއި ހިނިތުންވުމެވެ'. އޭނާ ފެނުމުން އަސަރެއް ނުކުރާކަން، ދައްކާލުމަށް އަމާރާ ކުރި ހުރިހައި މަސައްކަތެއް ފެއިލްވީ އެވެ. ކާމިޔާބު ލިބުނީ 'ސްޕަރސްޓަރ'އަށެވެ. ގޮންޖެހުންތަކަށް ކުރިމަތިލައި ކާމިޔާބު ކުރުމަކީ ޝައްޔާންގެ ހާއްސަ ހުނަރެކެވެ. ދެން އޮތީ ކާމިޔާބުގެ ރަހަ އަމާރާއަށް ދައްކާލުމުގެ މަރްހަލާ އެވެ.
............
ހޮސްޕިޓަލަށް ވަދެވުމާއެކު ޑޮކްޓަރ އަމާރާގެ ފުރިހަމަ ޒިންމާއާއިގެން ކުރިއަށް ދިޔުމުގައި އެންމެ މިނެޓެއްވެސް ބޭކާރުނުކުރި އެވެ. ވޯޑްގެ ރައުންޑަށް ދިއުމުގެކުރިން އޭނާގެ މޭޒުމަތީގައި ހުރި ހުރިހައި ފައިލެއް ބަލައިފި އެވެ. ވޯޑުގެ ރައުންޑަށް ފެށުމާއިދެމެދު އަދި ވަގުތު އެބައޮތެވެ. ކޮފީއެއް ބޯލުމަށްޓަކައި ބްރޭކް ރޫމަށްވަނީ ދުވަހުގެ ތާވަލު އޭނާގެ ސިކުނޑީގައި ރާވާލާފަ އެވެ.
ދޮރުހުޅުވާލާފައި އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަމާރާގެ މުޅި ހަށިގަނޑު ހުއްޓިއްޖެ އެވެ. އިނގިއްޔެއްގެ އިތުރުން އެސްފިޔައެއްވެސް ތަޅުވާނުލެވުނެވެ. ކަޅުކުލައިގެ 'ހޫޑީއެއްގައި' ތޮއްޕެއްއަޅައިގެން، ލޯކަޅު އަވިއައިނެއް އަޅައިގެން އަމާރާގެ ސޯފާގައި އެއިނީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޝައްޔާން ޔޫސުފް ރައިޒާދް އެވެ.
އަތުން ހިފަހައްޓައިގެން އިން ކޮފީން، މިހާރުވެސް ދުން އަރަ އެވެ.
އިށީންދެ އެ އިނީ އަމާރާގެ 'ޕްރައިވެޓް' ބްރޭކް ރޫމް ގަ އެވެ.
ނިއްކުރިއަށް ރޫ އަރުވާލާފައި ދެ ބުމަ ގޮއްޖަހައިލި އެވެ.
"މިތަނުގައި ކީއް ތި ކުރަނީ؟" މޭދަށުގައި ދެއަތް ހުރަސްކޮށްލަމުން އަމާރާ ސުވާލުކުރި އެވެ.
ވަރަށް ހަމަޖެހިލާފައި ޝައްޔާން އަތުގައި އޮތް ކޮފީ މަގުން، އެތިފޮތެއް ބޯލި އެވެ.
"ގުޑް މޯނިންގ ޓު ޔޫ ޓޫ، ޑޮކްޓަރ..!"
"ޝައްޔާން، މިއީ ހޮސްޕިޓަލެއް..! ތައްޔާރުކޮށްފައި އޮތް ފިލްމް ސެޓެއް ނޫން މިއީކީ..! ހިތަށް އަރާއިރަށް ކޮންމެ ކޮންމެ މީހަކަށް މިތަނަށް އައިސް ތިހެން ނުވަދެވޭނެ!" ހިތްހަމަނުޖެހިފައި އަމާރާ ބުންޏެވެ.
"އެކްޗުއަލީ އައި ކޭން!" އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ބުނެލީ ފޮނިގޮތަކަށެވެ.
"މި ހޮސްޕިޓަލުގެ ޑީންއަކީ އެންމެ ބޮޑު، ކް- ރޭ- ޒީ ފޭން..!" އަތުގެ އިނިގިލިތަކުން ކޮމާކޯޅިއެއް އިޝާރާތްކޮށްފައި ޝައްޔާން ބުނެލި އެވެ.
"ޑީން ވިދާޅުވީ އަހަރެންނަށް ލިބިފައި އޮތް ނަފްސާނީ ޝޮކުން އަރައިގަނެވެންދެން، ބޭނުން ކޮންމެ ވަގުތަކު މިތަނުގައި މަޑުކުރުމުގެ ހުއްދަ ދެއްވާފައި އޮތްކަމަށް..!" އަމިއްލަ ކޮލުގެ މަޑުމަސްގަނޑުގައި ދަތްއަޅަމުން ޝައްޔާން ހަމަޖެހިލީ ބުނެވުނު ޖުމުލައިގެ ފުރިހަމަކަމުންނެވެ.
"ނަފްސާނީ ޝޮކް..؟؟ ވަޓް..؟؟" ހައިރާންވެފައި އަމާރާ ސުވާލުކުރި އެވެ.
ޑްރާމާ ޒާތަކަށް، ޝައްޔާންގެ މޭގައި އޭނާ އަތްއެޅީ ސީދާ ހިތާއި ދިމާލުގަ އެވެ.
"ބީން އިގްނޯރޑް ބައި މައި އޯން ޑޮކްޓަރ، ޓްވައިސް!" ބޯ އަރިކޮށްލާފައި ޝާއްޔާން ބުންޏެވެ.
"ޝައްޔާން..!!" ދެ ލޮލުގެ ކަޅި އަނބުރާލާފައި އަމާރާ ބުންޏެވެ.
އަމާރާއަށް އިތުރުއެއްޗެއް ނުބުނެވިގެން އުޅެނިކޮށް، ބްރޭކް ރޫމްގެ ދޮރު ހުޅުވާފައި ކުއްލިޔަކަށް ކޮންމެވެސް މީހަކު އެތެރެއަށް ވަދެފި އެވެ.
ކުއްލިޔަކަށް އަމާރާއަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ.
ކުރިމަތީގައި ހުރީ އެކުވެރި ދެ ނަރުހުންނެވެ.
ޝައްޔާން ފެނުމާއެކު ދެ ނަރުހުންގެ ލޮލުގެ ކަޅި ބިންމައްޗަށް ނުވެއްޓުނީ ކިރިޔާ އެވެ. ފެނުނު މަންޒަރު އެމީހުންނަށް ގަބޫލުނުކުރެވޭކަން ޔަގީނެވެ. ދެފަހަރު ތިންފަހަރުވެސް ދެ ލޯ ފޮހެލީ އެކަން ޔަގީންކުރާށެވެ. އާހެއްގެ އަޑު އަނގައިން ނިކުތީ، ލިބުނު އުފަލުގަ އެވެ.
"އޯ މައި ގޯޑް! ސަރ، ސެލްފީއެއް ލިބިދާނެތޯ..؟" ފޯނު ޖީބުން ނަގާފައި އެކަކު ސުވާލުކުރި އެވެ.
"އޮފް ކޯޒް، ލޭޑީޒް!" ކޮލު ދަތްތައް ފެންނަވަރަށް ހީލަމުން ޝައްޔާން ބުނެލި އެވެ.
އެތެރެއަށް ވަން ނަރުހުން ޝައްޔާންއާއި 'ހަވާލުކުރުމަށްފަހު' އަމާރާ އެތަނުން ކުއްލިޔަކަށް ނިކުމެއްޖެ އެވެ.
............
އަމާންކަމާއެކު ހަމަޖެހުމުގެ ނޭވާއެއް ލެވުމުން، ކުރިމަތީގައި ހުރި އެވޮކާޑޯ ސްމޫތީނަގާފައި އެތިފޮދެއް ބޯލި އެވެ. ވަށައިގެން ބަލައިލެވުނީ އެކިދިމަދިމާގައި މަސައްކަތުގައި ތިބި، އެކި މީހުންގެ ހަރަކާތްތަކަށެވެ. ކެންޓީނަކީ މަސައްކަތުގެ މާހައުލަކަށް މި މުޖުތަމައުގައި ބަދަލުވެގެން ދިޔައީ ކޮންއިރަކުބާއޭ އަމާރާ ހިތަށް އެރި އެވެ. ރެއާއި ދުވާލުން އެންމެ ފަނަރަވަރަކަށް މިނެޓްވެސް ތިމާގެ އަމިއްލަ ހާލަތާއިމެދު ވިސްނާލުމަށް އިންސާނަށް ލިބިފައި ނެތުމަކީ، ތަހްޒީބުތޯ ނުވަތަ ތަރައްގީތޯ ސުވާލުކުރާނެ މީހަކުވެސް ނެތީ އެވެ.
އަމާރާ ސިއްސައިގެން ދިޔައީ ދާދި ގާތުން ނުހަނު ބާރަށް ގޮނޑި ދަމާލި އަޑަށެވެ. އެދިމާއަށް ބެލުމުގެ އެއްވެސް ބޭނުމެއްނެތެވެ. އެއީ ކާކުކަމާއި އެފަދަ ކަމެއް ކުރާނީ ކާކުކަން އަމާރާއަށް އޮޅިފައެއް ނެތެވެ.
"ސީރިއަސްލީ..؟" ހިއްހަމަނުޖެހުމާއެކު އަމާރާ ބުނެލި އެވެ.
ލޮލުގައި އަޅާފައިވާ ކަޅު އައިނު ނެގުމަށްފަހު މޭޒުމަތީގައި ޝައްޔާން ބާއްވާލި އެވެ.
"ތިހައި ހިތްހަމަނުޖެހުނު ސަބަބަކީ ކޮބާ؟ މިއީ ޕަބްލިކް ތަނެއް..! ކޮންމެ މީހަކަށްވެސް މިތަނުގައި އިށީނުމުގެ ހައްގު އޮންނާނެ ދޯ..!" ހަމަޖެހިލާފައި ޝައްޔާން ބުނެލީ ކާމިޔާބުގެ ހިނިތުންވުމަކާއެކު އެވެ.
"ޝައްޔާން..! މަސައްކަތްކޮށްލާނެ ފިލްމެއްވެސް ނެތް ވަގުތެއްތަ..؟ އިމްޕްރެސްކުރަންޖެހޭ، މިލިޔަނެއްހައި ސަޕޯޓަރުން އިންތިޒާރުގައި ތިބޭނެ..! ނޫންތަ..؟" ފުންނޭވާއެއްލާފައި އަމާރާ މަސައްކަތްކުރީ އެވަގުތުކޮޅަށް ނިމުން ގެނެވޭތޯ އެވެ.
"އައި ޑޫ! އެކަމަކު މިވަގުތު އަހަންނަށް އެންމެ މުހިއްމު މަސައްކަތަކީ އަހަރެންގެ ޑޮކްޓަރ އިމްޕްރެސްކުރެވޭތޯ ބެލުން!"
ލާނެއް ގޮތަކަށް ހިނިއައިސްފައި ދެ ބުމަ މައްޗަށް ހިއްލައިލަމުން ޝައްޔާން ބުންޏެވެ.
އަނގަޔަށް ލީ ޗީޒް ކޭކްކޮޅު ކަރުގައި ތާށިވީ ކީއްވެކަމެއް އަމާރާއަކަށް ނޭގެ އެވެ. ޝައްޔާންގެ ބުނެލުމާއެކު އޭނާގެ ކަރު ބެދިއްޖެ އެވެ. ހިންދިރުވާލަންވެސް ނުކެރޭވަރަށް ކަރު ބެދިއްޖެ އެވެ. ނަމަވެސް ހިތްވަރުކުރުން ނޫން ގޮތެއް އަމާރާއަކަށް ނެތެވެ.
"ޝައުގުވެރިކަމެއް ނެތް" އަމާރާ ބުނެލި އެވެ.
"ދޮގު" ވަގުތުން ޝައްޔާން ބުނެލީ ޔަގީންކަމާއެކު އެވެ.
އިތުރުއެއްޗެއް ބުނާނެ ފުރުސަތެއް ނުލިބިގެން އުޅެނިކޮށް އަމާރާގެ ފޯނު ރިންގުވާން ފަށައިފި އެވެ. (ނުނިމޭ)