
ފޮރިން މިނިސްޓްރީން ބުނީ "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަމަންޓްސް ފޯ ދެއާ ރެސްޕެކްޓިވް ސިޓިޒެންސް" އެއްބަސްވުމުގައި ރާއްޖެއާއި ކޮމަންވެލްތް އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު ސޮއިކުރީ އިއްޔެކަމަށެވެ.
އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަޓް އެރޮންއެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ވަދެވޭނެއެވެ. އަދި އެގައުމުގައި 30 ދުވަހު މަޑުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ހަމަ މި އެއްބަސްވުމުގެ ދަށުން ޑޮމިނިކާ ރައްޔިތުންނަށްވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް އެތެރެވެވޭނެއެވެ.