ads
ތަފާތު ފިކުރުތައް ޝާމިލުކޮށްގެން ދިގުރާސްތާގެ ޕްލޭނެއް ހަދަން ގޮވާލައިފި
ތަފާތު ފިކުރުތަކުގެ ބައިވެރިވުމާ އެކު (މުޅި ދިވެހިރާއްޖެ ހިއްސާވާ) ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ރާއްޖޭގެ ތަރައްގީ އެއް މިސްރާބަކަށް ގެންދިޔުމަށްޓަކައި ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށް ގާނޫނު އަސާސީގައި ކަނޑައެޅުމަށް "އެދޭ ރާއްޖެ" ކެމްޕޭން ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

އެދޭ ރާއްޖެ ޓީމުން މިހާރު ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފައިވާ ކަރުދާހުގައި ވާގޮތުން ގައުމީ ތަސައްވުރެއް ގާނޫނު އަސާސީން ބާރު ލިބިގެން އެކަށައެޅިފައި ނެތުމުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ހޮވޭ ސަރުކާރާއިއެކު ބަދަލުވަމުންދިއުމެވެ. ރައްޔިތުން އެދޭ "ތަރައްގީ" ސިޔާސީ ބޭނުމަށް ހަވަރަށް ދީ ރަންމެދު ކުރުމެވެ.

ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، އަދި ހާއްސަކޮށް ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން "ކުއްލި" އަކަށް ފެށުމުގެ ނަތީޖާ އަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ނުޖެހުމެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ހިތުހުރި ގޮތަކަށް ދެއިރު ދެދަޅައަށް ބަދަލުކޮށްގެން ހިންގުމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށާއި ރައްޔިތުންނަށް އަދި ވަކިން ސަރަހައްދީ ތަރައްގީއަށް ލިބެންޖެހޭ ކުރިއެރުން ނުލިބި ތަރައްގީ "ވާނުވާ" ބަންދެއްގައި ތާށިވުމެވެ.

"ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލަށް ހުވާ ކުރައްވާ ވެރި މީހާގެ އަމިއްލަ ޕާޓީގެ ނުވަތަ ކޯލިޝަން މެނިފެސްޓޯގައި އޮތް ގޮތޭ ވިދާޅުވެ ކުރިން ހިގަމުން އައި ބޮޑުތި މަސްރޫއުތައް އެފުއްމިފުށަށް ޖަހާލާ މީގެ އިތުރުން ރައްޔިތުންގެ ފައިސާ އިން ހިއްކާފަ އޮންނަ ބޮޑެތި ފަޅުތަކާއި ބިންތައް ތަރައްގީކޮށް އެތަންތަނުގެ އުމްރާނީ ތަރައްގީ ކަށަވަރު ނުކޮށްދީ ރައީސުންގެ "ލެގަސީ" އަށް އަނެއްކާ އަނެއް ފަޅު ހިއްކަން ފަށަ އެވެ. އެހެން ކަމުން ކޮންމެ ވެރިއަކަށް "ޕްލޭނެއް" ނުގެން ގުޅުން އެއީ މިއަދު ގައުމުގެ މާދަމާ އަށް އެންމެ ރަގަނޅުގޮތެވެ. މިކަން ހާސިލް ކުރުމަށް ގާނޫނޫ އަސާސީން ބާރު ލިބޭ ދިގުރާސްތާގެ ތަރައްގީގެ ޕްލޭންގެ ވާހަކަ ލިޔަން މިހާރުވެސް މާލަސް ވެއްޖެ އެވެ.

ވެރިކަން ނުވަތަ ދައުރު ބަދަލުވުމަކުން ރާއްޖޭގެ ތަރައްގީ އެއް މިސްރާބަކަށް ގެންދިއުމަށް ދަތިވެ "ހިތުހުރި ގޮތަކަށް" ތަރައްގީ މާނަ ކުރެވި ބޭކާރު ގޮތުގައި ފައިސާ ހޭދަކުރަން ފުރުސަތު ލިބިގެން ނުވާނެ އެވެ. އެއީ މާޒީގެ ތަޖުރިބާގެ ހަގީގަތެވެ. މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލުމަށް ގެންނަ އިސްލާހުތަކާއިއެކު ގައުމުގެ ލަނޑުދަނޑިތައް ހުންނާންވާނީ ކަނޑައެޅިފަ އެވެ. އެ ލަނޑުދަނޑިތައް ހާސިލު ކުރާނެ ގޮތުގެ މެނިފެސްޓޯއެއް އިންތިހާބުތަކުގައި ވާދަކުރާ މީހުން ޖެހެނީ ހުށަހަޅައިގެން ތާއިދު ހޯދާށެވެ. ގައުމުގެ ތަރައްގީއަށް ކުރާނެ އަދި ކުރެވޭނެ ކަންކަން ހުންނާނީ ގާނޫނު އަސާސީން ބާރު ލިބިގެން ކަނޑައެޅިފަ އެވެ. ސިޔާސީންގެ މަސައްކަތަކަށްވާނީ އެބައެއްގެ ވެރިކަމެއްގައި އެ ކަންކަން ހާސިލް ކުރާނެ ގޮތްތައް ބުނެ ދިނުމެވެ.

މިކަންކަމުގެ ހައްލަކަށް އެދޭ ރާއްޖެ ކަރުދާހުގެ ހުށަހެޅުން ތަކަކީ: 

 1. ކައުންސިލްތަކާ، މަދަނީ މުޖުތަމައުއާ، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާއި ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.

 2. މިގޮތަށް އެކުލަވާލާ ޕްލޭންއަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން.

މިކަންކަން މި މަގުން ތަރުތީބު ވެއްޖެ ނަމަ އެދޭ ރާއްޖެ ޓީމުން ގަބޫލުކުރާ ނަތީޖާ އަކީ މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވުމެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދިއުމެވެ.

މީގެ ސަބަބުން ސަރަހައްދީ ތަރައްގީގެ މިނިވަންކަން ކަށަވަރުވެ ހިޖުރަކުރުމަށް ރައްޔިތުންނަށް ސާފު ސީދާ މަގެއް ސާފުވެ އަދި އާބާދުވެ އެއް ފަސްވުމުން ބާކީ ނުވާނެ ކަމުގެ ގާނޫނީ ޔަގީންކަން ރައްޔިތުންނަށް ލިބިގެން ދާނެ އެވެ.  

އެހެން ކަމުން މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހި ކުރުމުގެ ގޮތުން ގާނޫނޫ އަސާސީއަށް މި އިސްލާހުތައް މިހިނދުން މިހިނދަށް ގެނައުމަށް އެދޭ ރާއްޖެ ޓީމުން ވަނީ ގޮވާލާފަ އެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް