
ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ގުރުއަތު ނެގުމަށް ފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައި ކަމަށެވެ.
މި ރަޖިސްޓްރީތައް ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 09:30 ގައި، ކުރީގެ ހައުސިން މިނިސްޓްރީ ހުރި ސަރަޙައްދުގައި ހުންނަ އިމާރާތުގަ އެވެ.
ގޯތީގެ ރަޖިސްޓްރީ ހޯދަން ދާ މީހުން، އެ މީހެއްގެ އައިޑީ ކާޑުގެ އަސްލާއި މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެންދަން ޖެހޭނެ އެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ ކުރިން ވެފައިވާ އެއްބަސްވުންތައް އުވާނުލައި، ހަމައެކަނި ގޯތީގެ ލޮޓް ނަންބަރާ ބެހޭ މައުލޫމާތު އިސްލާހުކޮށް، އެ އިސްލާހުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެތީ، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށް ޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން އިއުލާންކޮށްފައި ވެއެވެ.
މިދިޔަ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.