ads
އައްޑޫ ސިޓީގެ ނުރައްކާތެރި ކުނި މަރުކަޒު ހިންގުމަށް ވެމްކޯއާއެކު އެއްބަސްވުމެއް
އައްޑޫ ސިޓީގެ ނުރައްކާތެރި ކުނި މަރުކަޒު ހިންގުމަށް ވެމްކޯއާއެކު އެއްބަސްވުމެއް
އެންވަޔަރަމެންޓް މިނިސްޓްރީން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

މި މަރުކަޒަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށް، ކުނި މެނޭޖުކުރުމާއި ގުޅޭ ގަވާއިދުތަކާ އެއްގޮތަށް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހައްލު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ތަނެކެވެ.

މި މަރުކަޒު މެދުވެރިކޮށް ނުރައްކާތެރި ކުނިން ތިމާވެށި ތަގައްޔަރުވުން ހުއްޓުވުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ގައުމީ ކުނި މެނޭޖްކުރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް އަމަލުކުރުމާއި، ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވޭނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މި މަރުކަޒަކީ ޔޫއެންޑީޕީ އާއި ގުޅިގެން، ޖެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް" މަޝްރޫއުގެ ދަށުން ގާއިމުކުރެވިފައިވާ ވަސީލަތެކެވެ.

މި މަރުކަޒުގައި ސިނާއީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ރައްކާކުރެވޭނެއެވެ. މި މަރުކަޒު ހިންގުމަށްޓަކައި ސްޓޭންޑަރޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް އެކުލަވާލެވިފައިވެއެވެ. މި އުސޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނެއެވެ. މި މަރުކަޒަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް