
މުއްތަލިބް މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުއްތަލިބް މީގެކުރިން ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެތެރޭގައި ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވާތީ އާއްމުން ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންނާ އެކު ސޮއި ކުރަންޖެހޭ އެއްބަސްވުން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވައިގެން ފައިނަލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށެވެ.
ފްލެޓް ލިބެނީ 4،000 މީހުންނަށް ކަމަށްވާތީ އެމީހުންނާ އެކު ސޮއި ކުރުމަކީ ބުރަ ބޮޑު މަސައްކަތަކަށްވާތީ ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ހާއްސަ ތަނެއް ހުންނަންޖެހޭ ކަމަށެވެ. އެޗްޑީސީއާ ގުޅިގެން ތަނެއް ހަމަޖައްސައި ޓެންޓް އަޅަމުންދާ ކަމަށާއި އަދި އެތަނަށް ބޭނުންވާ އިދާރީ މުވައްޒަފުންނާ ވަސީލަތްތައް ހަމަޖައްސަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫއުގައި ފްލެޓް ދީފައިވާގޮތާގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފަ އެވެ. ކޮމިޓީއިން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށައެޅުމަށް ވަނީ ފުރުޞަތު ދީފަ އެވެ. ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، އެ ލިސްޓަށް ލިބިނު ޝަކުވާތަކެވެ.
މި ސަރުކާރުން ފްލެޓާ ގުޅޭ އައު ލިސްޓެއް އެކުލަވާލާފައެއް ނުވެ އެވެ. ސަރުކާރުން ބަލަމުންދަނީ، 2023ވަނަ އަހަރު ނޮވެމްބަރު މަހު 15 ވަނަ ދުވަހު، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ޝަރުތު ހަމަވާ ފަރާތްތަކެއްތޯ އެވެ.